އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވަނީ

އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވަނީ

Author
ހުސައިން
09 މެއި 2024 09:36
0

ދައުލަތުގެ ޚަރަދުގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދިޔަ ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށާ އިތުރު އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވަން ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ވައުދާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދެނީ ޒަކާތު ފަންޑުންނެވެ. މިހާތަނަށް ފަސް ކުއްޖަކު ވަނީ ބޯންމެރޯ ހެދުމަށް ގޮސްފައެވެ.

ބައިނަލްއަގްވާމީ ތެލެސީމިއާ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޖަލްސާ ގައި މިނިސްޓަރު ވިދާޅުވީ އެ ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ނިމިފައިވާ ކަމަށެވެ. ދެ ކުދީންގެ އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށާ މިވަގުތު ހޮސްޕިޓަލުން ވެސް ދޫކޮށްލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އަނެއް ތިން ކުދީންގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މިރޭ ވަނީ މި އަހަރު އިތުރު 10 ކުދީން ބޯމެރޯ ހެދުމަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ މެދުތެރޭ ފަސް ކުއްޖަކު އަދި ފަސްކޮޅު ފަސް ކުއްޖަކު ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

މި ފަސް އަހަރުން 50 ކުދީންނަށް ބޯންމެރޯ ހަދައިދޭން އެހީތެރިވެދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އެ ނިންމުމުގެ ދަށުން ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ހެލްތް އާ ދެމެދު އެއްބަސްވުމެއް ގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު ޖުމްލަ 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.