ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި ތިބި ކުދިންގެ ތެރެއިން 2 ކުއްޖަކު އޮޕަރޭޝަން ފުރިހަމަކޮށްފައިވާ ކަމަށް ހެލްޓް މިނިސްޓަރ އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިފަދައިން ހާމަކުރެއްވީ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތތުން ހަލީލް ވިދާޅުވީ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި މިހާރު ތިބީ ފަސް ކުދިން ކަމަށާއި އޭގެ ތެރެއިން 2 ކުއްޖަކު މިހާރު ބޯންމެރޯ އޮޕަރޭޝަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިން ތިން ކުދިންވެސް ދާދި އަވަހަށް ބޯންމެރޯ އޮޕަރޭޝަން ކުރަން ތައްޔާރުވަމުން ދާކަން ހަލީލް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދަން ފުރަތަމަ ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެމްބަރުގަ އެވެ. އެޔަށްފަހު ޖެނުއަރީ މަހު އިތުރު ދެ ކުއްޖަކު ފަރުވާއަށް ފުރިކަން ސަރުކާރުން ހާމަކުރި އެވެ. މި ސަރުކާރުން ބޯން މެރޯހެދުމަށް ކުދިން ފޮނުވާފައިވަނީ އަވަށްޓެރި އިންޑިއާއަށެވެ.
ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް މުއިއްޒު ވަނީ ނިންމަވާފައިއެވެ. ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ "ހަފުތާ 14″ގައި ހިމެނޭ ކަމެކެވެ.
ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށްވެސް ކެބިނެޓް ބައްދަލުވުމެއްގައި ވަނީ ރައީސް ނިންމަވާފައި އެވެ. ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް ވަނީ ރައީސް މުއިއްޒު ނިންމަވާފައި އެވެ.
ކޮމެންޓު ފޮނުވާ