ހާޓް އެޓޭކް ޖެހެން މެދުވެރިވީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ވެދާނެ ކަމަށް އެކްޓަރު ޝްރެޔާޝް ތަލްޕަޅޭ ބުނެފިއެވެ.
މިދިއަ ޑިސެމްބަރު މަހުގެ ތެރޭގައި ހާޓް އެޓޭކެއް ޖެހިގެން ސްރެޔާޝް އެޑްމިޓް ކޮށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮއްލީ ގާތް ގަނޑަކަށް ހަފްތާއެއްހައި ދުވަސް ފަހުންނެވެ.
އެކަމާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ފާހަގަވާން ފެށީ ކޮވިޑް ވެކްސިން ޖެހި ފަހުން ކަމަށެވެ. އެހެން ކަމުން އޭނާ އަށް ހާޓްއެޓޭކް ޖެހެން މެދުވެރިވި ސަބަބަކީ އޭއީ ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ސްރެޔާޝް ބުނީ އޭނާ އަކީ ވަރަށް ސިއްހަތަށް ބަލައިގެން އުޅޭ މީހެއް ކަމަށާއި، ހާޓް އެޓޭކް ޖެހެން ޖެހުނު އެހެން ސަބަބެއް ނުވިސްނޭ ކަމަށެވެ. ސްރެޔާޝް ބުނީ ދުންފަތުގެ އިސްތިމާލް ނުކުރާ ކަމަށާއި ރާވެސް ނުބޯ ކަމަށެވެ. އަދި ކެއުމަށް ވެސް ވަރަށް ބަލައިގެން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ގިނަ ފިލްމް ތަކަކުން ފެނިގެން ގޮސްފައިވާ ސްރެޔާޝް އަކީ އާންމު ކޮށް ސަޕޯޓިންގ ރޯލުތަކުން ފެންނަ ތަރިއެކެވެ. އޭނާގެ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި "ގޯލްމާލް"، "ހައުސްފުލް" ފުރެންޗައިޒް ފާހަގަ ކޮށްލެވެއެވެ.