މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ށ. ފުނަދޫ ދާއިރާގެ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މަމްދޫހް (މަންޑޭ) މަރާލަން ސިހުރު ހެދި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާގެ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުނަދޫން ވާހަކަ ދެއްކި މީހަކު ބުނީ ހައްޔަރު ކުރި މީހާ ސިހުރު ހަދަން މަސައްކަތްކޮށްފައި ހުރީ އިންތިހާބީ މެމްބަރު މަންޑޭއަށް ކަމަށެވެ. އެމީހާ ބުނި ގޮތުގައި ސިހުރު ހެދުމުގެ ގޮތުން ލޮއިގައި މަންޑޭގެ ނަންޖެހުމަށް ފަހު އެ ރަށުގެ ގަސްގަހަށް ވަނީ ޖަހައިފައެވެ.
ހައްޔަރު ކުރި މީހާ ސިހުރު ހަދާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
މި މައްސަލައިގައި މަންޑޭ އަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު ދަނީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. ހައްޔަރު ކުރި މީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިހާރު މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ.
ފުނަދޫ މީހުން ބުނާ ގޮތުގައި ސިހުރު ހަދަން އެމީހާއާ ހަވާލު ކުރީ އިންތިހާބުން ބަލިވި އަމިއްލަ ކެނޑިޑޭޓް އަދި ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމްފުޅެވެ. ސިހުރު ހެދީ އޭނާ ރަށަށް ގެނައި މީހެއް ކަމަށާއި އެ މީހާ އެ ރަށުގައި ބެހެއްޓީ އިބްރާހިމްފުޅުގެ ކޮއްކޮއެއްގެ ގޭގައި ކަމަށް ވެސް އެ ރަށު މީހުން ބުނެފައިވެއެވެ.