މީޑިއާތަކަށް ބަޖެޓުން އިނާޔަތްދީ ހަގީގީ ކުލަ ޖައްސާނަން: ރައީސް

މީޑިއާތަކަށް ބަޖެޓުން އިނާޔަތްދީ ހަގީގީ ކުލަ ޖައްސާނަން: ރައީސް

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް، ވަރަށް މުހިންމު ކަމަށާއި ރެއާއި ދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި މުޖުތަމައު ހޭލުންތެރިކުރުވުމާއި ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައި ދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ބުނެދިނުމާއި ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރި ކަމަށެވެ.

"އިންތިހާބީ ރައީސެއްގެ ގޮތުގައި އަޅުގަނޑު އެންމެ އިސްކަން ދިން އެއްކަމަކީ، ދިވެހި ނޫސްވެރީންނާއެކު ގުންޒަރެއް ބާއްވައި، ނޫސްވެރީންގެ އަޑު އެހުމެވެ. ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރީން ދެއްވި ޚިޔާލުތަކާއި، ފާހަގަކުރެއްވި ކަންކަން ވަނީ ނޯޓުކޮށްފައެވެ. ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނަމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަން ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް ސަރުކާރުން އިސް ނެގި އިރު، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާއެކު މި އިސްނެގުމުގައި ހަގީގީ ކުލަ ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ނޫސްވެރިން މަސައްކަތް ކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާ ކުރުމާއި އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަމުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ދިވެހި ނޫސްވެރިންނާ ގުޅުން ބަދަހިކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ޚަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވެއެވެ. ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށްވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، މީސްމީޑިއާގެ މަންސަތައް އިތުރުވެ، ނުފޫޒު ގަދަވެ، ކޮންމެ މީހަކު ބޭނުންވާ ޚަބަރާއި މަޢުލޫމާތާއި ޝުޢޫރުތައްވެސް މުޅި މުޖުތަމަޢަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ ފުރުޞަތު މިއަދު އެބައޮތެވެ. މިފަދަ ހާމަކަން ބޮޑު، ހުޅުވައިލެވިފައިވާ ދުނިޔެއެއްގައި ތެދު މަޢުލޫމާތު ފެތުރުމަކީ، ކޮންމެ ފަރުދެއްގެ އިންސާނީ އަދި ޤައުމީ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދޮގާއި ތެދު ހިމެނޭހެން ކެނޑިނޭޅި މަޢުލޫމާތު އޮހެމުންދާ މި ޒަމާނުގައި، ލިބޭ ކޮންމެ ޚަބަރަކާމެދު ފުންކޮށް ވިސްނުމާއި، ކޮންމެ ކަމެއްގެ ޙަޤީޤަތްވެސް ހޯދައިބެލުމަށްވެސް، އެންމެން ސަމާލުވާން ޖެހެއެވެ. އެއީ، ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައެވެ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ، އަދި އިލްތިމާސަކީ، ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމެވެ. ޤައުމު ބިނާކޮށް، ޙާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންދިޔުމަށް ފަށާފައިމިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ޚިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުންވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުމެވެ."

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *