ކުރި ސަރުކާރުގައި ޓްރާންސްޕޯޓު މިނިސްޓްރީތެރެއިން ދޫކޮށްފައިވާ ސައްހަ ނޫން ޑޮމެއިންތައް ސައްޙަ ކުރުމަށް އިތުރު ފުރުސަތު ދޭން ނިންމާފައިވާކަން ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ހާމަ ކުރައްވައިފިއެވެ.
ރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަމީން ވިދާޅުވީ ޖުމްލަ 1،400 ޑޮމެއިން ދޫކޮށްފައިވާކަމަށް ބެލެވޭއިރު އޭގެ ތެރެއިން %50 އަކީ ސައްޙަ ނޫން ޑޮމެއިންކަމަށެވެ. އެއީ 700 ވަރަކަށް ޑޮމެއިންކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ ޑޮމެއިން ނަންބަރުތައް ދޫކުރުން ހުއްޓިފައި އޮތީ އެކަން ހުއްޓާލުމަށް މިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެގޮތަށް ދެ ފަހަރަށް ސިޓީއަކުން އެންގުމުން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ އޭރު އެގޮތަށް އެންގީވެސް އެކަމުގައި ގޯސްތަކެއް ހުރުމުން ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށެވެ.
މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ 50 ޕަސަންޓް. އަނެއް 50 ޕަސަންޓް ރަނގަޅު ނޫން ޑޮމެއިން.
އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޑޮމެއިން މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ އިމުން ބޭރުގައި ހުރި ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރިއަށް އޮތް 20 އަކަށް ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލުމުން ކަމާ ގުޅޭ ލިޔުންތަކާ އެކު މިނިސްޓްރީއަށް އައުމުން ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ހައްލުކޮށްދެެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަޅުގަނޑުމެން އިޢުލާންކުރާނަން ކުރިއަށްއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ވަރަށް ފަސޭހަ ނިޒާމެއްގެ ތެރެއިން އެބޭފުޅުންތަކުގައި ހުރި ރިކޯޑްސްތަކާއެކީގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ގެނެސްދެއްވައިގެން އެ އެއްޗެހި ޞައްހަ ޑޮމެއިންގެގޮތުގައި ބަދަލުކުރަން. އެގޮތަށް ހަދަންޖެހޭ ސަބަބަކީ ފެންނަންހުރި އެވިޑެންސްތަކާއެކީގައި އަޅުގަނޑުމެންނަށް އެބަ އެނގޭ ދެވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ގޮސްފައި މިހިރީ ހަމައެކަނި އާންމު ރައްޔިތުންގެ ގޯސް އޮވެގެންނޫންކަން.
ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެގޮތަށް ހަދަންޖެހޭ ސަބަބަކީ ފެންނަން ހުރި އެވިޑެންސްތަކާއެކީގައި، ދެވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ގޮސްފައި ހުރިކަން އެނގެން ހުރިއިރު އެއީ ހަމައެކަނި އާންމު ރައްޔިތުންގެ ގޯސް އޮވެގެން ހިނގާފައި ހުރި ކަންކަން ނޫންކަން އެގެން ހުރުމުން ކަމުގައެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ގޯސްވީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ މީހުންގެ މައްސަލައަކުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަން ގޯސްވީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެކަމުގައި އުޅުނު ބަޔަކު އެކަމުގައި ބޭނުންކުރާ ސިސްޓަމް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.