ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސްކަންވެސް ކާމިޔާބު ކުރައްވާނެކަމުގެ އިޝާރާތެއް އަބުދުއްރަހީމް ދެއްވައިފިއެވެ.
ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކާމިޔާބީގެ އުފާ ފާޅުކުރުމަށް ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ މާލަހެއްނުވެ ހައްދުންމަތީގެ ތާރީޚު ބަދަލުވެގެން ދާނެކަމަށާއި، މިއަށްވުރެ އަދި މާ އުފާވެރި ރެއެއް ފޮނަދޫގެ ރައްޔިތުންނާއި ބައްދަލު ކުރާނެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ މާއުފާވެރި ރެއެއް އަޅުގަނޑުމެންނާ ބައްދަލުކުރާނެ. އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑު ނުދާނަން. އެކަމަކުވެސް އިރާދަކުރެއްވިއްޔާ މާލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ހަބަރުދެމުން އަޅުގަނޑުގެ ވާހަކަ ނިންމާލާނީ.
އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ އޭނާ ކޮންމެ މަގާމަކަށް ދިޔަކަމުގައިވި ނަމަވެސް ފޮނަދޫގެ ރައްޔިތުންގެ މަތިން ހަނދާން ކުރާނެކަމަށާއި، އޭނާއަށް އާދެވިފައިހުރި ހިސާބަކަށް އާދެވުނީ ފޮނަދޫގެ ރައްޔިތުންގެ ތާއީދާއި އިތުބާރާއި އެހީތެރިކަމާ އެކު ކަމަށެވެ.
އެހެންވީމާ އަޅުގަނޑު އަބަދުވެސް ހަނދާންކުރާނަން އަބަދުވެސް ހަނދާނުގައި ހުންނާނެ އަޅުގަނޑު ކޮންމެ މަގާމަކަށް ދިޔަ ކަމުގައި ވިޔަސް އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ.
އަބްދުއްރަހީމް ވިދާޅުވި އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލިސް ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 28 ވަނަ ދުވަހުއެވެ.
ރޭގެ އިވެންޓުގައި ވާހަކަ ދައްކަވަމުން މި ސަރުކާރުގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބުރާހިމް ފައިސަލްވެސް ވިދާޅުވީ މޭ 28 ގެ ފަހުން ލ. އަތޮޅުގައި އުފާފާޅުކުރާނެ ކަމަށެވެ.