ބޮލީވުޑްގައި އާމްދަނީ ގެ ފަރަގުގެ ވާހަކަ އަކީ ޒަމާނުން ސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. އެންމެ ކުރީންސުރެވެސް ފިރިހެން ތަރިންގެ މުސާރަ އަންހެން ތަރިންނަށް ބޮޑު ކަމަށް ބުނެ އަންހެން ތަރިން އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
މިހާރުވެސް ބޮލީވުޑްގައި އެކަން އޮތް ނަމަވެސް ކުރިއާއި ހިލާފަށް މިހާރު އެކަން ރަނގަޅު ވަމުން އަންނަ ކަމަށް އަންހެން ތަރިން ދަނީ ބުނަމުންނެވެ. އެމީހުންގެ ޝަކުވާ ތަކުގައި މުސާރައިގެ ތަފާތުގެ ވާހަކަ އެކި ޕްލެޓްފޯމް ތަކުގައި ވަނީ ދައްކައިފައިއެވެ.
އެކަމާއި ބެހޭގޮތުން މިފަހުން ކުރީގެ މަޝްހޫރު އެއް ބަތަލާ ކަމުގައިވާ ރަވީނާ ޑަންޑަން ވެސް ވަނީ ވާހަކަ ދައްކައިފައިއެވެ. ބޮލީވުޑްގައި ކުރީގައި ފިރިހެން އެކްޓަރަކަށް ފިލްމަކުން ލިބޭ އާމްދަނީ އޭރުގެ އަންހެން އެކްޓަރަކަށް ލިބެނީ މަދުވެގެން އިތުރު 15 ފިލްމު ކުޅެގެން ކަަމަށް ރަވީނާ ވަނީ ބުނެފައިއެވެ.
ރަވިނާ އަކީ އޭރުގެ އެންމެ މަޝްހޫރު އެއް ތަރިއެވެ. ބޮލީވުޑަށް ރީތި އަދި ކާމިޔާބު ގިނަ ފިލްމް ތަކެއްވާނީ އޭނާ ދީފައިއެވެ. އަދި އޭނާ ވަނި ގިނަ ފިރިހެން ތަރިންނާއި އެކުގައި މަސައްކަތް ކޮށްފައިއެވެ.
އޭނާ މިފަދައިން ވާހަކަ ދައްކައިވފައިވާ އިރުގައި ގިނަ ތަރިންތަކެއް މިހާރު ވެސް މިކަމަށް އަންނަނީ އަޑު އުފުލަމުންނެވެ.