ޑީލެއް ނުހަދާނަން، ކުށެއް ނުކުރާކަން ސާބިތު ކޮށްދޭނަން: ޔާމީން

ޑީލެއް ނުހަދާނަން، ކުށެއް ނުކުރާކަން ސާބިތު ކޮށްދޭނަން: ޔާމީން

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 04:11
0

ޖަލުން މިނިވަން ވުމަށްޓަކައި މިސަރުކާރާއިއެކު ޑީލެއް ނުހައްދަވާނެކަމަށާއި، ކިތަންމެ ދުވަހަކު ޖަލުގައި އޮންނަވަން ޖެހުނަސް ދިވެހި ރައްޔިތުންނަށް ސާބިތުކޮށް ދެއްވަން ބޭނުންވަނީ ކުށެއް ނުކުރާކަމާއި، ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނާއި ބައްދަލުވާ ކޮންމެ ފަހަރަކުވެސް އެމަނިކުފާނު އަބަދުވެސް ވިދާޅުވާ އެއްވާހަކަކީ ޖަލުގައި ކިތަންމެ ދުވަހެއް ހޭދަ ކުރައްވަން ޖެހުނަސް، ނާއިސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެމަނިކުފާނާއި ގުޅުން އޮތް ކަމެއް ނޫންކަމަށާއި، މިއީ ސިޔާސީ ގޮތުން ދެއްވާ އަދަބެއް ކަމުގައެވެ.

އަޅުގަނޑު ކައިރީ ރައީސް ޔާމީން އެތައް ފަހަރަކު ވިދާޅުވެފައިވޭ، ޖަމީލްއޭ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އަޅުގަނޑާއި ގުޅުން އޮތް ކަމެއްނޫނޭ. ފުރަތަމަ މިކަމަ ތުހުމަތު ކުރެވުނު ހިސާބުންވެސް ފުރިހަމަ އެއްބާރުލުން ދެއްވީމޭ. އެމަނިކުފާނު ވިދާޅުވީ ނާއިސާފުން ކޮށްފައިވާ ހުކުމެއްގައި އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންނަށް ހައްގު މަގު ސާބިތުކޮށް ކޮށްދެއްވަންކަމަށް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ބޭސްފާރުވާ ކުރުމުގެ ފުރުސަތު ދިނުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ފޮނުވާލަން މިސަރުކާރުން އެކި އެކި ޑީލްތައް ހުށަހަޅުއްވަމުން ދާކަމަށެވެ. ނަމަވެސް ރައީސް ޔާމީން ބޭނުން ފުޅުވަނީ ރާއްޖޭގައި ކުރަންޖެހޭ ބޭސްފަރުވާއެއްކޮށް، ކޮށްފައިވާ ނާއިސާފު ހުކުމަށް އިންސާފު ހޯދުންކަމަށެވެ. ޖަމީލް ވިދާޅުވީ ސަރުކާރުގެ އެއްވެސް އިދާރާއަކަށްވެސް އަދި އަދިވެސް މީހަކަށްވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވާލައި، އެމަނިކުފާނަށް އެކި އެކި، ހުށަހެޅުން ހުށަނޭޅޭނޭ ކަމަށެވެ. އެއީ ޤާނޫނީ އުސޫލާއި ޚިލާފު ކަމެއްކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށް އިންސާފުވެރި ޝަރީއަތެއް ކުރަންވެސް ޖެހިލުންވަނީ ކުރެވިފައިވާ ހުކުމަކީ ނާއިސާފު ހުކުމެއްކަން މިސަރުކާރަށް ޔަގީންވާތީ ކަމަށެވެ. އަދި އެމަނިކުފާނު ގޭގައި މިނިވަންކަމާއިއެކު ހުރެއްޖެނަމަ މިސަރުކާރުން ރައްޔިތުންނަށް ކުރަމުންދާ ދަތި އުދަގޫ ކަންކަން ހުއްޓުވައި، މިސަރުކާރު ބަލި ކުރައްވާނެކަމުގެ ޔަގީންކަން އޮތުމުންކަމަށެވެ. ރައީސް ޔާމީނު ޖަލުގައި އޮތީ ކުށެއްގެ އަދަބެއްގެ ބަދަލުގައި މިސަރުކާރުން ގަންނަ ބިރެއްގެ ބޮޑުކަމުން ކަމުގައި ދރ.ޖަމީލް ވިދާޅުވިއެވެ.

މަނީލޯންޑްރިންގ ކުށް ސާބިތުވެ، ރައީސް ޔާމީން 5 އަހަރުގެ ޖަލުހުކުމް ތަންފީޒު ކުރަމުންދާ ހުުމުގެ އިސްތިއުނާފުގެ މަރުހަލާ ނިމި، އެތައް ދުވަހެއް ވެގެންދާއިރުވެސް ހުކުމާއި ހަމަޔަށް ގޮސްފައިނުވެއެވެ. އަދިމިހާ ދުވަސް ބަންދެން އިސްތިއުނާފުގެ ހުކުމް ލަސްވުމަކީ ހުކުމަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ވަންނަ ކަމުގެ ހެއްކެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.