ހިޔާ ފްލެޓުން ވިޔަފާރީގެ ބޭނުމަށް ޖާގަ ދޫކުރަން ހުޅުވާލައިފި

ހިޔާ ފްލެޓުން ވިޔަފާރީގެ ބޭނުމަށް ޖާގަ ދޫކުރަން ހުޅުވާލައިފި

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 02:15
0

ހިޔާ ފްލެޓްތަކުން ވިޔަފާރީގެ ބޭނުމަށް ޖާގަ ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުވާލައިފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން ސަރުކާރުން ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ އެންމެ ތިރީ ފަންގިފިލާތައް ޚާއްސަކޮށްފައިވަނީ ޢާއްމު ޚިދުމަތްތަކާއި ވިޔަފާރީގެ ބޭނުމަށެވެ.

މިގޮތުން އެޗްޑީސީގެ އިޢުލާންގައި ކްލިނިކް ހެދުމަށް 2196 އަކަފޫޓުގެ ޖާގަ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބޭސްފިހާރަ ހިންގުމަށްވެސް 542 އަކަފޫޓުގެ ސްލޮޓެއް ކަނޑައަޅަފައިވާއިރު، ކްލިނިކާއި ބޭސްފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން ބީލަން ހުށައެޅުމަށް އެޗްޑީސީންވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ހިޔާ ފްލެޓް 6 އާއި 14 އިން 3000 އަކަފޫޓަށްވުރެ ބޮޑު ދެ ޖާގަ، ސުޕަރމަރކެޓް ހިންގުމަށް ވެސް ހުޅުވާލާފައިވެއެވެ. ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކަށް ޖާގަ ދޫކުރުމަށް ހިޔާ ފްލެޓް 12 އާއި 16 އިން ކަނޑައަޅާފައިވާއިރު، އެއީ 1000 އަކަފޫޓުގެ ޖާގައެވެ. ކާބޯތަކެތި ވިއްކާ ފިހާރަ ހިންގަންބޭނުންވާ މީހުންނަށް ބީލަން ހުށައެޅޭނެ ފަހު ތާރީޚަކީ 20 ޖެނުއަރީ ކަމަށާއި ސުޕަމަރކެޓް ހިންގަން ބޭނުންވާ ފަރާތްތަކުން 20 ޖެނުއަރީގެ ކުރިން ބީލަން ހުށައަޅަންޖެހޭ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.

އެޗްޑީސީންވަނީ ހިޔާ ފްލެޓުގައި ކެފެޓީރިއާ ހެދުމަށްވެސް ދެޖާގަ ޚާއްސަކޮށް ކަނޑައަޅާފައެވެ. އެއީ ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1085 އަކަފޫޓުގެ ޖާގަތަކަށެވެ.  އެގޮތުން އެ ޖާގަތަކަށް އެދި އަންނަ މަހުގެ 20ގެ ކުރިން ބީލަން ހުށައަޅަންޖެހެއެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅުމުގެ ކުރިން ޢާންމު ޚިދުމަތްތަކާއި ވިޔަފާރީގެ ބޭނުންމަށް ޖާގަ ދޫކޮށް ، އެތަނުގައި މީހުން ދިރިއުޅޭއިރު އެޚިދުމަތްތައް ފެށުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ހިޔާ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ވަނީ ޢާންމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.