ރައީސް ސޯލިހް ގއ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަނީ

ރައީސް ސޯލިހް ގއ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަނީ

Author
އަހުމަދު
13 އޭޕްރިލް 2024 04:02
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގއ. ވިލިނގިއްޔަށެވެ. އެ ރަށުގައި ސޯލިހް ވަނީ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައިފައެވެ. ދެވަނަ ރަށަކަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވީ ގއ. ކޮލަމާފުއްޓަށެވެ.

އެ ރަށުގައި މިއަދު ހަވީރު ވަނީ ކަންމަތީ ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާ ކުރިއަށް ދިޔަ ވަގުތަކީ ބޯކޮށް ރަށަށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.

ރައީސް ސޯލިހް ގއ. އަތޮޅުގެ ރަށްތަކަށް މި ވަޑައިގެންނެވީ އައްޑޫ ސިޓީގައި ކެމްޕެއިން ކުރެއްވުމަށް ފަހުގައެވެ. ރައީސް ސޯލިހް ގއ. އަތޮޅަށް ވަޑައިގެންނެވި އިރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ލ. އަތޮޅުގައެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގެންދަވަނީ ހއ. އަތޮޅުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވަމުންނެވެ.

މިފަހަރުގެ މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. އެމްޑީޕީން ހަތަރު ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ވާދަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.