ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް މިރޭ ޖަލްސާ ބާއްވަން ނިންމާފައިވާ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހެދި ނަމަވެސް ކަރަންޓާ އެކީގައި ޖަލްސާ ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ޕީއެންއެފް ޖަލްސާ ހުއްޓުވުމުގެ ގޮތުން ސްޓެލްކޯ އިން ކަރަންޓު ދީފައި ނުވާ ކަމަށެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ކަރަންޓު ނުދެއްވި ނަމަވެސް ޖަލްސާ ކުރިއަށް ދާނެ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ޖަލްސާ ކުރިއަށް ދާނީ ޕީއެންއެފްގެ އަމިއްލަ ކަރަންޓުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ މިރޭ 9:15 ގައި ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަދި މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި އޭނާވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް މި ޖަލްސާއަށް ދަޢުވަތު އަރުވާފައެވެ.
މި ޖަލްސާގައި ރައީސް ޔާމިން ބައިވެރިވުމުގެ ހުއްދަ ކަރެކްޝަންސްއިން ދީފައި ނުވާކަމަށް ކުރިން މައުލޫމާތު ލިބިފައި ވިނަމަވެސް، މަލީހުގެ އެކްސް ޕޯސްޓުގައި ވިދާޅުވީ މާދަމާ ރޭގެ ޖަލްސާގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާނެކަމުގައެވެ.
ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ހާއްސަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔާމީން 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން އީސީ އަށް ހުށަނޭޅެނެއެވެ. އެހެންވެ އެ ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ހަމަޖެއްސެވީ އެ މަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުންނާ ޖެހުނު މައްސަލައެއްގައި ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ބާއްވަމުން އަންނަ ޖަލްސާތަކުގައި ކޮންމެ ރެއަކުހެން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ.