ކުރު ވާހަކަ: އަންތަރީސް

ކުރު ވާހަކަ: އަންތަރީސް

ދުވަސްވަރަކީ ރިޔާސީ އިންތިޚާބުގެ އެންމެ ފޯރި ގަދަ ދުވަސްވަރެވެ. ޤައުމުގެ އެންމެންގެ ޝައުޤުވެރިކަން އޮތީ ސްޕްރީމްކޯޓުގެ ނިންމުމުގެ މައްޗަށެވެ. އަހަރެންނަކީވެސް އެއިގެ ތެރެއިން އެކެކެވެ. ކޯޓުގެ ޙުކުމް އެންމެ ފުރަތަމަ މީޑިޔާގައި ގެނެސްދޭ ނޫސްވެރިއަކީ އަހަރެންކަމުގައިވުން އެދިގެން ހުރީމެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާޠިލްކަމަށް ކޯޓުން ޙުކުމް ކުރުމާއި އެކު ކޯޓު ރޫމުގައި ތިބި ކޮންމެ ނޫސްވެރިއަކުވެސް އަވަސްވެގަތީ އެމީހަކު ނިސްބަތްވާ ސްޓޭޝަނަށް އެޚަބަރު ދެވޭތޯއެވެ. އެހެން ނަމަވެސް ކޯޓު ރޫމުން ނޫސްވެރިން ނުކުތުމުގެ ކުރިން ސިޔާސީ މީހުންގެ ފަރާތުން އެޚަބަރު މީޑިޔާއަށް ފެތުރިއްޖެއެވެ.

ވެހިކަލްގައި އަހަރެންނަށް އޮފީހަށް އާދެވުނީ ޚަބަރު ގަޑިޖެހެން ފަނަރަވަރަކަށް މިނިޓަށް ވެފައި ހުއްޓައެވެ. އޮފީހަށް ވަނުމާއި އެކު ރިސެޕްޝަނުގައި އިންކުއްޖާ އަހަރެންނަށް މީހަކު ފޮނުވާފައި އޮތް ޕާރުސަލެއް އޮތް ކަމުގައި ބުންޏެވެ. އެކަމަކު އެކަމަށް ސަމާލުކަމެއް ނުދީ އަހަރެން އަވަސްވެގަތީ ޚަބަރުގެ މަސައްކަތް ނިންމޭތޯއެވެ.

ޚަބަރުލިޔެ ނިންމާލުމަށްފަހު އެޕްރޫވަށް ފޮނުވާލާފައި އަހަރެން ދުއްވައިގަތީ މޭކަޕްރޫމަށެވެ. އަވަސްކޮށްލައިގެން ގޮސް ސްޓޫޑިއޯއަށްވަނީ ކޯޓު ލަމުންލަމުންނެވެ. ހިތްއަވަސްވެފައިހުރިވަރުން ޚަބަރުކިޔަން ސެޓަށް އެރިއިރު ފޯނު ނިވާލަންވެސް ހަނދާނެއް ނެތެވެ. ޚަބަރު ސުރުޚީތައް އަހަރެން ހަމަކިޔަން ފެށިތަނާ ކޮންމެވެސް މީހަކު އަހަރެންގެ ފޯނަށް ފޮނުވި އެސްއެމްއެސްގެ އަޑު އޮންއެއާ ވެއްޖެއެވެ. ހިތްހަމަނުޖެހުމާއި އެކު އަހަރެން ފޯނުދުރަށް ޖައްސާލިތަނުން މޭޒުމަތިން ފޯނުވެއްޓުނު އަޑު އަނެއްކާ އޮންއެއާ ވެއްޖެއެވެ.

ޚަބަރު ނިމުނު އިރު އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ޚަބަރުގައި ޖެހުނު މައްސަލަތައް ގިނަ ކަމުންނެވެ. އެހެން މީހެއްގެ އުނދަގުލާއި ހެދިއެވެ. ހިތަށް އެރިއެވެ. ޚަބަރު ކިޔަނީ ލައިވްކޮށްކަން ނޭނގޭހާ މީހުން ގަމާރު ހެއްޔެވެ؟ ޚަބަރު ނިންމާފައި ތެދުވެ ވެއްޓިފައި އޮތް ފޯނުނަގައި ބަލާލީމެވެ. ފޯނުގެ ޑިސްޕްލޭ އޮތީ ތެޅިފައެވެ.

ފޯނު ހަލާކުވެ އެއްޗެއް ނުފެނުނަސް ނަވީން ނޫން މީހަކު މިގަޑީ އެސްއެމްސް ނުކުރާނެކަން އަހަރެންނަށް އެނގެއެވެ. އެއީ އަހަރެންނާއި ހެދި މޮޔަވެފައި ހުރި މީހެކެވެ. އެކަމަކު ކުރިމައްޗަށް އައިސް ވާހަކަދައްކާހައި ހިއްވަރެއް އޭނާގެ ނެތެވެ. ރެޔާދުވާލު އޭނާގެ އެސްއެމްއެސްތައް އަހަރެންގެ ފޯނަށް އޮހޭނެއެވެ. އަހަރެން ޚަބަރަށް އަރާއިރަށް މެސެޖްކުރާނެއެވެ. ވިޝް ޔޫ އޯލް ދި ބެސްޓޭ ބުނާނެވެ. އެމެސެޖްތަކުގެ ސަބަބުން ބައެއް ފަހަރު ހިތަށް ފިނިކަމެއް ލިބޭ ކަމުގައި އިހްސާސްވިޔަސް ގިނަ ފަހަރު އާދެވެނީ ރުޅިއެވެ. އެމެސެޖު ލިބެނީ އެންމެ ނުތަންވަޅުގައި ކަމަށްވާތީއެވެ.

ސްޓޫޑިއޯ އިން ނުކުމެ ހެދުން ބަދަލުކޮށްގެން ނިއުސްރޫމަށް ވަނުމާއި އެކު ޑިއުޓީ އެޑިޓަރު އަހަރެންނަށް އެންގީ ބަޔާނެއް ލިޔާށެވެ. ޚަބަރުގައި މައްސަލަތައް ދިމާވީ އަހަރެންގެ ސަބަބުން ކަމަށްވާތީއެވެ. އަނެއްކާވެސް އަހަރެންނަށް ދަތްކުނޑި ވިކުނެވެ. ނަވީންދެކެ އައި ރުޅީގެ ސަބަބުންނެވެ. އޭނާގެ ސަބަބުން އަހަރެންނަށް ޖެހޭހައި އުނދަގޫތަކެވެ. ކުރިޔަށް ދިޔުމަށް އެޅިފައި ހުރި ހުރަސްތަކެވެ. އެންމެ ފަހުން އަހަރެން އެތައް ގުރުބާނެއް ވެގެން ގަތް އައިފޯނުވެސް އެގަތްތާ އެއްދުވަސްވެސް ނުވަނީސް ހަލާކުވީއެވެ.

ބަޔާން ދިނުމަށްފަހު ގެއަށްދާން ނުކުތީވެސް އެހިތްހަމަ ނުޖެހުމާއި އެކުގައެވެ. ރިސެޕްޝަނާއި ހަމައަށް އައިރު ފަޒީން އަހަރެން ބަލާއައިސް އޮފީސްތެރޭގައި ހުއްޓެވެ. ކައުންޓަރުން އަހަރެންނަށް މީހަކު ފޮނުވާފައި އޮތް ޕާރުސަލް ނެގީ އޭނާއެވެ. ނުރުހުމާއި ހިތްހަމަ ނުޖެހުން ފަޒީލްގެ މޫނުމަތިން އަހަރެންނަށް ފެނުނެވެ.

އޮފީސް ދޮރުމަތީގައި ޕާރުސަލް ކެނޑީވެސް ފަޒީންއެވެ. އޭގައި އޮތީ އައިފޯނެކެވެ. ނަވީންގެ ހަދިޔާއެކެވެ. ރުޅިވެރިކަމާއި އެކު ފޮއްޓާއި އެކު ފޯނު ދުވާރު މައްޗަށް ޖަހާފައި އަހަރެން ގޮވަގޮވާހުއްޓައި އަހަރެން ބަހައްޓާފައި ސައިކަލަށް އަރާ ފަޒީން ނައްޓާލައިފިއެވެ.

ފަޒީންގެ އެއާދަތަކަށް އަހަރެން ހުރީ ހޭނިފައެވެ. އެއްގޯސްވެފައެވެ. އަހަރެންނަކީ މީހުންދަންނަ މަޝްހޫރު މީހަކަށްވުމަކީ ފަޒީންއަށް މައްސަލައެކެވެ. އެހެން މީހަކު އަހަރެންނާއި ދިމާއަށް ބަލާލިޔަސް މީހަކު އަހަރެންނަށް އެސްއެމްއެސްއެއް ކުރިޔަސް ހަދިޔާއެއް ފޮނުވިޔަސް އެދުވަހެއް ދެން އެޚަރާބު ވީއެވެ. މީހަކު ފެންނަން ނެތްތަނެއް ނަމަ ހުތުރު އެއްޗެހިގޮވާ ގަޔަށް އަތްވެސްލާނެއެވެ. އެހެން ކަމުން ފަޒީންދެކެ އަހަރެން ވަމުން އައިލޯބިވެސް ވަނީ ފާޑެއްގެ ފޫއްސަކަށް ބަދަލުވެފައެވެ. ނޫސްވެރިކަމުގެ ދާއިރާ ދޫކޮށްލުމަށް ފަޒީން އެދެމުން އައި ނަމަވެސް ފަޒީންއަކީ އަހަރެންގެ ކެރިއަރު އޭނާއަށްޓަކައި ޤުރުބާންކުރާހައި އަގެއްހުރި މީހެއްކަމަކަށް އަހަރެންނަކަށް ނުދެކެވުނެވެ.

އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދެއެވެ. ނަވީންގެ ކަންތައްތައް ދިޔަ ހިސާބުންނެވެ. ފިނިފެން މަލަކުން ފޮނުވަންފެށި ހަދިޔާތައް ސެންޓްފުޅި އާއި ގިފްޓްތަކުން އަގު ބޮޑެތިވަމުން އައިސް އެންމެ އަގު ބޮޑު އައިފޯނާއި ހަމައަށް ދިޔުމުންނެވެ. އެކަމަކުވެސް ދުވަހަކުވެސް އޭނާ އަހަރެން ދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. އެތައް ފަހަރަކު އެއީ ކީއްކުރަން ފޮނުވާހައި ހަދިޔާތަކެއްތޯވެސް އެހިއްޖެއެވެ. އެކަމަކު އެއަށް ޖަވާބެއް ނުދޭތާނގައި އަހަރެންނާއި ބައްދަލު ކުރާކަށްވެސް ނަވީން އެއްބަހެއް ނުވިއެވެ.

ނަވީން ހޯދައިގެން އޭނާއާއި ބައްދަލުކުރަން އަހަރެން ބޭނުން ވިޔަސް އެވާހަކަ އެއްވެސް މީހަކު ގާތުގައި އަހަރެން ނުބުނަމެވެ. އަހަރެން ނަވީން އާއި ހެދި އުޅެނީކަމަށް މީހަކު ބުނެފާނެތީއެވެ. ނުވަތަ މީހަކަށް އެހެން ހީވެދާނެތީ އެވެ. އަހަރެން އޮފީސްތެރެއަށް ވަދެ ފޯނު ހުޅުވާލީމެވެ. ދިޔައީ ސިއްސައިގެންނެވެ. ފޯނުގެ ޑިސްޕްލޭއަށްލާފައި އިނީ އަހަރެން ޚަބަރު ކިޔަން އިން މަންޒަރެއްގެ އަތުކުރެހުމެއްގެ ފޮޓޯއެކެވެ، ބައި ނަވީންއޭ އެފޮޓޯގެ ކަނުގައި ވަރަށް ކުޑަކޮށް ޖަހާފައި އިނެވެ. ފޯނުގެ ގެލަރީ ބަލާލީމެވެ. ނަގާފައިވާ އެންމެ ސެލްފީއެއް އިނެވެ. ރީތި ޒުވާން ފިރިހެނެއްގެ ސެލްފީއެކެވެ. ފެންނަންހުރީ ހަމައެކަނި މޫނެވެ. ހީލައިގެން އިން އިރު ހީވީ އަހަރެންނަށް މަލާމާތް ކުރާ ހެންނެވެ. އެކަމަކުވެސް އެމޫނުގައި މައުސޫމުކަމެއް ހުއްޓަތީ އަހަރެންނަށް ފެނުނެވެ.

ހަޤީޤަތުގައި މިވީ ދުވަސްތަކުގައި އަހަރެންނަށް ނަވީން ނުފެނުނަސް އޭނާއާއި މެދު ޚާއްސަ ގޮތެއް ބެހެއްޓެން ފަށައިފިއެވެ. އޭނާގެ މެސެޖްތަކަށް އިންތިޒާރުވެސް ކުރެވެއެވެ. އެކަމަކު އޭނާދެކެ ލޯބިވެވެނީ ކަމުގައި ޤަބޫލުކުރާކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނޫނެވެ.

ހަލާކުވެފައި އޮތް އަހަރެންގެ ފޯނުން ސިމް ނަގައި ނަވީން ފޮނުވި ފޯނަށް ލެއްވުމާއި އެކު މެސެޖެއް އައެވެ. ނަވީންގެ މެސެޖެކެވެ. ޚަބަރުގައި މައްސަލަ ދިމާވީ އޭނާ ފޮނުވި މެސެޖުގެ ސަބަބުންކަން އެނގޭކަމަށް ބުނެފައެވެ. މެސެޖުގެ ތިރީގައި އެހެން އިބާރާތެއް އޮތްހެން ހީވެގެން އަހަރެން ސްކްރޯލްކޮށްލީމެވެ. ޓެކްސްޓް ކޮޅު ފެނުމާއި އެކު އަހަރެންވީ އަންތަރީހެވެ.

"ނާޒްދެކެ ލޯބިވަމޭ، އެކަމަކު ނާޒް އަހަރެންގެ ހަޔާތަށް ގެންނާކަށް ބޭނުމެއް ނޫނޭ" ލިޔެފައި އޮތުމުންނެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ނަވީން އަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނާ ހޯދަން ބޭނުންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ފިރިހެނަކު އަންހެނަކުދެކެ އެމީހަކު ހާސިލްކުރަން ބޭނުން ނުވެ ލޯބިވޭހެއްޔެވެ؟

ގެއަށް ނުދެވި އުޅެނިކޮށް ނިއުސް ސެކްރެޓަރީ ގުޅާފައި އާޓްގެލަރީގައި އޮތް އިވެންޓަކަށް ދާން ބުނެފިއެވެ. ހިތްހަމަނުޖެހި ހުރެވެސް ދާން އެއްބަސްވީ އާޓްގެލެރީވީމައެވެ. ފަހަރުގައި ނަވީން އަކީ ކުރަހާމީހެއްކަން އެނގުމުން އުފެދުނު ޝައުޤުވެރިކަމެއް ކަންނޭނގެއެވެ.

ކެމެރާމަނާއި އެކު އާޓްގެލެރީ ތެރެއަށް ވަދެވުނު އިރު އެއީ ފަންނާނެއްގެ އެގްޒިބިޝަނެއްކަން އެނގުނެވެ. ޝަރަފްވެރި މެހެމާން ގާތުގައި ކުޑަކުއްޖަކު އިނެވެ. އޭނާގެ މޫނު އަހަރެންނަކަށް ރަނގަޅަކަށް ނުފެނެއެވެ. ބެކް ގްރައުންޑް ބެނާގައި ނަވީން އާޓްސް އެގްޒިބިޝަން ޖަހާފައި ވަނިކޮށް ފެނުމުން އަހަރެންގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. އަތްފައިފިނިވެ ދާހިއްލަންފެށިއެވެ.

އެގްޒިބިޝަން ހުޅުވައި ދިނުމުގެ ގޮތުން ބަހައްޓާފައި ހުރި ބޮޑު ސިންގާ ޕޯސްޓަރުގެ ފަރުދާ ޝަރަފްވެރި މެހެމާން ކަހާލައި ދީފިއެވެ. އެމަންޒަރު ފެނިފައި އަހަރެންނަށް ހީވީ އަހަރެން އަނބުރައިގަންނަން އުޅުނު ހެންނެވެ. އެއީ ނަވީން އަހަރެންނަށް މީގެ އިރުކޮޅެއް ކުރިން ފޮނުވި ފޯނުގެ ޑިސްޕްލޭއަށް ލާފައި އިން ކުރެހުމެވެ. އަހަރެން ހަބަރުކިޔަން އިންނަ މަންޒަރުދައްކައިދޭ ބޮޑު ސިންގާ ކުރެހުމެކެވެ.

ޝަރަފްވެރި މެހްމާން ފަރުދާކަހާލުމަށް ފަހު މަރުހަބާ ކިޔައި ސަލާމްކުރީ ގޮނޑީގައި އިށީނދެ އިން ކުޑަކުޑަކުއްޖާ އާއެވެ. އެހެން ނަމަވެސް އެކުގައި އައިސް ދެންތިބި ނޫސްވެރިންނާއި ހަފްލާގައި ދެންތިބި މީހުން ބެލީ އަހަރެންނާއި ދިމާއަށެވެ. އަހަރެންގާތަށް ލެފިލައި އެކުގައި އުޅޭ ބައެއް ނޫސްވެރިން މަރުހަބާވެސް ކިއެވެ.

ނަވީންގެ މޫނު ފެނުމާއި އެކު އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ. ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ފެނުނަސް އެއީ ޒުވާނެއްކަން އޭނާގެ މޫނުން ދޭހަވެއެވެ. އަހަރެންގެ މޫނަށް ބަލާލާފައި ނަވީން ހީލިއެވެ. މާނަވީ ހިނިތުންވުމަކުންނެވެ. އެކަމަކު ނަވީން އާއި ހަތަރުކަޅި ހަމަކުރާހައި ހިއްވަރެއް އަހަރެންނަކަށް ނުލިބުނެވެ.

އޮފީހަށް އައިސް އެތައް އިރަކު އަހަރެން އިނީމެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. އެޚަބަރު ލިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ފޮޓޯއަކުން ހުޅުވުނު އެގްޒިބިޝަންގެ ވީޑިއޯ ދައްކާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އެކަމަކަށް އަހަރެންގެ ބާރު ފޯރާކަށް ނެތެވެ. އަހަރެން ނުލިޔުނަސް އެހެން މީޑިޔާތަކުގައި އެޚަބަރު ލިޔާނެއެވެ. އެހެން ޗެނަލްތަކުން އެފޮޓޯ ދައްކާނެއެވެ. ނަވީންގެ ކުރިމައްޗަށް ގޮސް ސުވާލު ކުރަން އަހަރެން ބޭނުމެވެ. އެކަމަކު އެހިއްވަރެއް އަހަރެންގެ ނެތެވެ.

އެދުވަހަށްފަހު ނަވީންގެ މެސެޖެއް އަހަރެންނަކަށް ނުލިބެއެވެ. އަހަރެންނަކަށްވެސް އޭނާއަށް މެސެޖްކުރާކަށް ނުކެރުނެވެ. އެކަމަކު ކޮންމެ މުނާސަބަތަކާއި ގުޅިގެން އޭނާ ފޮނުވާ ހަދިޔާ އަބަދުވެސް އަހަރެންނަށް ލިބެމުން އާދެއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *