މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އެސްޑީއެފްގައި 33 މިލިއަން ޑޮލަރު ހުންނާނެ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.
މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އަށް ކެންޑިޑޭޓުންނަށް ހާއްސަކޮށް މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ސޯލިހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރުގައި ސޮވެރިން ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާއި މިހާރު އެ އަދަދު 35 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.
ސޯލިހް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރުގައި އެ ފަންޑުގައި 33 މިލިއަން ޑޮލަރު ހުންނާނެއެވެ. އޭގެ ތެރެއިން 30 މިލިއަން ޑޮލަރަކީ ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓްކޮށްފައި ހުރި ބޭނުން އިރަކުން ނެގެން ހުރި އަދަދުތައް ކަމަށް ސޯލިހް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައިއިރުގައި އެ ފަންޑުގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާ. ވެރިކަމުން ފޭބި އިރުގައި ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެކައުންޓުގައި ހުންނާނެ. މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާ ކުރަން ފަށައިފިން." ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަކަށް ޑޮލަރެއް ނުވަދެއެވެ. އެހެންވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ނަގަން ޖެހުނު ކަން ފާހަގަ ކުރެއްވިއެވެ.
ސޯލިހް ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް އޮޅުވާލާފައިވާ ކަމަށެވެ. ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރު ނިމުނު އިރުގައި ފެނާއި ނަރުދަމާ މަޝްރޫއުގެ 98 މަޝްރޫއެއް ހިނގަމުން ދިޔަ އިރު 48 ރަށުގެ މަޝްރޫއު އޮތީ ނިމުމަކާ ހިސާބުގައި ކަމަށެވެ. އަދި އެ މަޝްރޫއު ހިންގަންވީ 74 ރަށުގައި ނޫން ކަމަށާއި ބާކީ ހުރި ރަށްރަށުގައި ވެސް މަޝްރޫއު ހިންގަން ޖެހޭ ކަމުގައި ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވިދާޅުވީ ވެރިކަމުން ފައިބާ ވަޑައިގެންނެވި އިރުގައި ބަނދަރުގެ 52 މަޝްރޫއެއް ނިންމައި 42 މަޝްރޫއު އޭރުގައި ވެސް ކުރިއަށްދާނެ ކަމަށެވެ. އަދި މި ސަރުކާރުން ހަރަދު ކުރި ކަމަށް ބުނާ 1.1 ބިލިއަން ރުފިޔާގެ ތެރެއިން %70 އަކީ އެމްޑީޕީގެ ސަރުކާރުން ހޯދާފައި ހުރި ކޮންސެޝަނަލް ލޯންގެ ތެރެއިން ހިންގާފައިވާ މަޝްރޫއުތައް ކަމަށް ވިދާޅުވިއެވެ.