ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ އެއާޕޯޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނެއްގައި ވަނީ އޭވީއެސް ޓްރެއިނީގެ މާގަމަށް 55 މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަހަކު 5920.00ރ. ލިބޭ އިރު ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00ރ. ލިބޭނެއެވެ. އެހެނިހެން އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް:
- ކޮއްތު ފައިސާ 60.0 ރުފިޔާ ( ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)
- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
- ފޯނު އެލަވަންސް ގޮތުގައި މަހަކު 150.0 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް
- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ވަޒީފާ އަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ ތިން މަސް ދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަ ކުރުމާއި ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވައިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރަން ވާނެއެވެ.
މީގެއިތުރުން ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން މަދަނީ ވައިގެ ބަނދަރުތަކުން ދަތުރު ކުރާ ފަސިންޖަރުންނާއި ކްރޫންނާއި އެމީހުން ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހެއެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާތަކަށާއި މަތިންދާ ބޯޓު ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމާއި މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އެ ވެހިކަލްތަކުގައި ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހޭނެއެވެ.
އެ މުވައްޒަފުން ފުރަތަމަ މަސައްކަތް ކުރަން ޖެހޭނީ ޓްރެއިނީއެއްގެ ގޮތުގައެވެ. މަގާމަށް ހޮވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންނެވެ.
އެހެންކަމުން ޝަރުތު ހަމަވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހެޑްކުއޯޓަރަށް ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށް އެ އިއުލާންގައި ވެއެވެ.
ކޮމެންޓު ފޮނުވާ