އެސްޓީއޯ އައިފާނު ބިލްޑިންގުގެ ނަން އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލުކޮށްފި އެވެ.
މި ގޮތަށް ބަދަލުކޮށްފައިވަނީ އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެފްއެސްއެމް ބިލްޑިންގެ ނަން ބަދަލުކޮށް ނަންބޯޑު އިފްތިތާޙް ކޮށްދެއްވީ އެސްޓީއޯ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، 20 އަހަރު ދުވަހުގެ ހިދުމަތަކީ ކުރު މުއްދަތެއް ނޫން ކަމަށާއި، މިހާ ގިނަ ދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ފޯރުކޮށްދީ، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނަ ނުދީ ހިފަހައްޓާކަމީ ފަހުރުވެރިވާން ޖެހޭކަމެއް ކަމަށެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަށް ބަރޯސާވަމުން އަންނަ ދުނިޔެއެއްގައި އެފްއެސްއެމްގެ ޓީމުންވެސް ޓެކްނޮލޮޖީއަށް އަހުލުވެރިވާންޖެހޭކަމަށް އަމްރު ވިދާޅުވިއެވެ.
އެ ހަފްލާގައި އެސްޓީއޯއިން ވަނީ އެ ކުންފުނީގެ 8.5 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު (އަލިހުރަސް) އެފްއެސްއެމްގެ ނަން މައްޗަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ގަސަމް ވިދާޅުވީ މިދިޔަ އަހަރު ވެގެން ދިޔައީ މިހާތަނަށް އެފްއެސްއެމްއިން އެންމެ ބޮޑުފައިދާއެއް ނެރުނު އަހަރުކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން މި އަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ނުކުރެވުނު ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކޮށްދިނުމަށް މުއައްޒަފުންގެ ކިބައިން ގަސަމް އެދިލެއްވިއެވެ.
އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ހިއްސާވެގެން 2000 ވަނަ އަހަރު އެފްއެސްއެމް އުފެއްދީ އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދޭ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރު އެ ކުންފުންޏަކީ ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ ކުންފުންޏެވެ.