އިންޑިއާގެ 20،000 ޓޫރިސްޓުން މަދު، މިއީ 1 ބިލިއަން ރުފިޔާގެ ގެއްލުމެއް: ސޯލިހް

އިންޑިއާގެ 20،000 ޓޫރިސްޓުން މަދު، މިއީ 1 ބިލިއަން ރުފިޔާގެ ގެއްލުމެއް: ސޯލިހް

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އަވަށްޓެރި އިންޑިއާ އިން ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި މިއީ ދައުލަތުގެ އާމްދަނީ އަށް ލިބޭނެ އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނާ ދިމާކޮށް މާލޭގައި ބޭއްވި ޖަލްސާއެއްގައި ސޯލިހް ވިދާޅުވީ ރާއްޖެ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށެވެ. އެކަމަކު، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައި އޮތް ގޮތުން ރާއްޖެ އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާ އަށް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ. ސޯލިހް ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ ތިން އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އަވަށްޓެރި އިންޑިއާ އިންނެވެ.

މީގެ އަސަރު އިގްތިސާދަށް ކުރަމުން އަންނަ ކަމަށް ސޯލިހް ވިދާޅުވިއެވެ.

"މިދިޔަ އަހަރު ފުރަތަމަ ތިން މަސް ތެރޭ 53،000 އެތައް ޓޫރިސްޓުންނެއް ރާއްޖެ އައި. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 33،000 އަށް މަދުވެފައި. 20،100 ޓޫރިސްޓުން މަދުވެއްޖެ. މީގެ އިގުތިސޯދީ ގެއްލުން އަޅުގަނޑުމެންގެ މުޅި ގައުމަށް އެބަ ކުރޭ،" ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި މީގެ ސަބަބުން މި ތިން މަސް ތެރޭގައި ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާ އަށް ބެލި ކަމުގައި ވިޔަސް ގެއްލުން 58 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި އެ ދާއިރާއާ ގުޅިފައިވާ އެހެން ދާއިރާތަކަށް ލިބުނު ގެއްލުން އެއްކުރުމުން، ގެއްލުމުގެ އަގު ގާތްގަނޑަކަށް 68 މިލިއަން ޑޮލަރަށް ވުރެ އިތުރުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ އެއް ބިލިއަން ރުފިޔާގެ ގެއްލުމެއް ކަމުގައި ސޯލިހް ވިދާޅުވިއެވެ.

"ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވަމުންދާ ސަބަބުތަކަކީ މިއީ. އިގުތިސާދީ ސިޔާސަތެއް، ތަސައްވުރެއް ނެތް. ހަމައެކަނި ޓެކްސްގެ ގޮތުގައި މި ލިބޭ އާމްދަނީ އިތުރުވެގެން މިދަނީ މި ވޭތުވެދިޔަ އަހަރު ޓެކްސްގެ ނިޒާމަށް އަޅުގަނޑުމެންނަށް ގެނެވުނު ބަދަލެއްގެ ސަބަބުން. އިތުރު އެއްވެސް ކަމެއް ނުކުރޭ. އަޅުގަނޑުމެން ނުވިސްނާ މިހެން ދޫކޮށްލައިގެން ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް އިގްތިސާދީ ގޮތުން ވެއްޓިގެންދާނެ،" ސޯލިހް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *