ކުރު ވާހަކަ: ހަފުސް

ކުރު ވާހަކަ: ހަފުސް

އިރާކޮޅުގެ ވަގުތެވެ. ގޭގެ ބެލްކަނީގައި ލީޝާއިނެވެ. ވަށައިގެން ފެންނަމުންދާ މަންޒަރުތަކަށް ބަލާށެވެ. އަރަމުން އަންނަ ހަނދުގެ ރިހި ދޯދިތަކުން ފަޒާއަށް ވަނީ ދިރުން ގެނުވާފައެވެ. ހަނދުގެ ރިހި ދަޅަތަކުން ކަނޑުމަތީގައި ފެންނަނީ ރިހިކުލައިގެ ޗާދަރެއް ފެތުރިފައިވާތީއެވެ. ގާދޫ ކޮލުން ވަދެގެން އަންނަ ބޯޓުފަހަރާއި އޮޑި ދޯނި ފަހަރު ނުހަނު ރީތިކޮށް ފެނެއެވެ. ޖައްވުގެ ހިމޭން އަޑު ކެނޑިގެންދަނީ ދޭތެރެ ދޭތެރެއިން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ އަދި ފުރާ ފްލައިޓްތަކުގެ އަޑުންނެވެ. ކަނޑުން އަންނަ ތެތްފިނި ވައިރޯޅިން ސަލާމަތްވުމަށްޓަކައި ލީޝާއިނީ މުޅިގައިގައި ރަޖައެއް އޮޅާލައިގެންނެވެ. ހުން އައިސްފައި ހުރީތީ އެއިން ކޮންމެ ވައިރޯޅިއެއް ބީހިލުމާއި އެކު އޭނާ ހީތުރުތުރުލައިގަނެއެވެ.

ލީޝާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ހަނދުވަރުގެ ރިހިއަލީގައި ވިދާ ބަބުޅައެވެ. އެހެންނަމަވެސް އެކަރުނަ ތަކުން ރަމްޒުކޮށްދެނީ އުފަލެއް ނޫނެވެ. ހިތާމަޔާއި ހިތްދަތި ކަމުގެ އިންތިހާއެވެ. މާޔޫސްކަމާއި އެކަނިވެރިކަމުގެ ނިހާޔަތެވެ. ވޭނާއި ކެކުޅުމުގެ އުދާސްތަކެވެ. ލީޝާއަކީ އުމުރުން އެންމެ ސޯޅައަހަރުގެ ޅަނދޮޅު ޒުވާނެކެވެ. ބަގީޗާއެއްގައި ބަހާރު މޫސުމަށް ފަރިވަމުން އައި ރީތި މަލެއްފަދަ ކުއްޖެކެވެ. އެކަމަކު އެރީތިކަމާއި ޅަނދޮޅު ކަމުގައި މިއަދު އެއްވެސް އަގެއް ނެތެވެ. ހަޔާތުގެ އުންމީދުތައްވަނީ ގެއްލިފައެވެ. ފުރާނައިގެ ހުޅުކޮޅު އެދަނީ ކަނިވެ ނިވެމުންނެވެ. މަރަށް ފިޔަވައި ދެން އޭނާއަށް ކުރެވޭނެ އިންތިޒާރެއްނެތެވެ.

ލީޝާގެ ހިތް ފުރިފައިވަނީ ޝަކުވާއިންނެވެ. ހެއްދެވި ފަރާތަށް ކުރެވޭ ކަރުނައިގެ އިލްތިޖާއިންނެވެ. އޭނާގެ ނަޞީބާއި މެދުގައެވެ. އޭނާގެ ތަޤުދީރާއި މެދުގައެވެ. އަނިޔާގެ ރޭތައް ފާއިތުވެ ހިނގައްޖެއެވެ. އެހެނަސް އެކަމަކުން މިއަދަކު ފައިދާއެއް ނެތެވެ. ދިރިހުރުމުގެ އުންމީދެއް ނެތެވެ. މުސްތަޤުބަލަށް ބިނާ ކުރާނެ ހުވަފެނީ ގަނޑުވަރެއް ނެތެވެ. އެހުރިހާއެއްޗެއް އަނިޔާވެރި މައެއްގެ މުށުތެރޭގައި އަނދާ އަޅިޔަށްވެ ނިމިއްޖެއެވެ. އެކަން ދެކޭނެ އެނގޭނެ މީހަކު ނެތެވެ. ހެއްދެވި ފަރާތް ފިޔަވައެވެ.

ވައިރޯޅިފަށް ބާރުވެ އުތުރު ފަރާތު އުދަރެހުގައި އަނދުން ކޫރެއް ވަރަށް ދަމާލި ވިލާކޮޅު އުދަރެސް ބައްދާލައިފިއެވެ. ހަނދުވަރުގެ އަލިކަން ކެނޑި ތޫފާނީ ރެއެއްގެ ނާމާންކަން ޖައްވަށް ވެރިވެއްޖެއެވެ. ވާރޭ ވެހިގެންފާނެހެން ހީވުމުން ލީޝާ ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޑްރެސިންގެ ޓޭބަލްމަތީގައި ޑޮކްޓަރު ދީފައިހުރި ބޭސްހުއްޓެވެ. ހުންގަދަވަމުން އަންނާތީ ބޭސްކާން އުޅެފައިވެސް ލީޝާގެ ހިޔާލު ބަދަލުވިއެވެ. އެބޭސްތައް ކައިގެން ވާނެ ފައިދާއެއް ނެތަތީއެވެ. އެބޭސްތަކުގެ އެހީގައި އޭނާގެ ގެއްލުނު ދިރިއުޅުން އަނބުރާ ނުލިބޭނެތީއެވެ. މުސްތަޤުބަލެއް ބިނާކުރާނެ ފުރުޞަތެއްވެސް ނުލިބޭނެކަން ކަށަވަރުވާތީއެވެ.

ލީޝާއައިސް އެނދުގައި އިށީނެވެ. އަދި އޭނާގެ އަލްބަމް ހުޅުވާލިއެވެ. އެންމެ ކުޑައިރުން ފެށިގެން ކޮންމެ މަހަކުން މަހަކުން އޭނާގެ އުމުރުން ދެއަހަރު ވާންދެން ބައްޕަ ނަގާފައިވާ ފޮޓޯތައް އެއަލުބަމްގައި ހުއްޓެވެ. އޭގެ ފަހުންވެސް އެކިފަހަރު މަތިން ލީޝާ ނަގާފައިވާ ފޮޓޯތައް އަލްބަމުގައި ހުއްޓެވެ. ބައްޕަގެ އަތުގެ ތެރޭގައި ފުރަތަމަ ވިހޭތަނުން ނަގާފައިވާ ފޮޓޯ ފިޔަވައި ބައްޕަ ފެންނާނެ އެއްވެސް ފޮޓޯއެއް ނެތެވެ. އެފޮޓޯގައިވެސް ފެންނަނީ ބައްޕަގެ އަތާއި މޭމައްޗެވެ. ލީޝާފޮޓޯގައި ފިރުމާލިއެވެ. އެއާއިއެކު އޭނާއަށް ގިސްލެވުނެވެ. ކަރުނައިގެ ތިކިތައް އެސްފިޔަތަކުގެ ފަރުދާ ފޫދުއްވާލުމަށްފަހު ކޯތާފަތްމައްޗަށް އޮހިގަތެވެ.

ބައްޕަގެ ހުރިހާ ފޮޓޯއެއް ލީޝާގެ މަންމަ އަންދާލީއެވެ. ނައްތާލީއެވެ. އޭނާއަށް ކުރާ ނަފްރަތެއްގެ ބޮޑުކަމުންނެވެ. ވީކީއްކަމެއް ލީޝާއަކަށް ނޭނގެއެވެ. ބައްޕަގެ ވާހަކަ ލީޝާ ދައްކާ ކޮންމެ ފަހަރަކު މަންމަ ގާތަށް އަންނަނީ ރުޅިއެވެ. ލަވައިގަންނަނީ ހަޅޭކެވެ. ކައިރިއަވަށްޓެރިންގެ ކިބައިން ލީޝާއަށް އެނގުނު ގޮތުގައި މަންމަ ބައްޕަދެކެ އައި ރުޅިއަކީ މަންމަ އެދޭފަދަ ތަނަވަސްކަމެއް ބައްޕަގެ ކިބައިގައި ނެތުމުން އައި ރުޅިއެވެ. އެއީ ތެދުކަން ލީޝާއަށް ޝައްކެއް ނެތް މިންވަރަށް ޔަޤީނެވެ. މަންމަ އޭނާއާއި ދޭތެރޭ ކަންތައް ކުރި ގޮތުންނެވެ. މަންމަގެ ފަރާތުން ލިބުނު އަނިޔާތަކުންނެވެ. އެއީ އަނިޔާއެއްވެސް ނޫނެވެ. އެއަށް ކިޔާނެ ނަމެއް ނެތެވެ. އެއީ އެއަށްވުރެ އަނިޔާވެރި ހަޑިމުޑުދާރު އަމަލުތަކެކެވެ.

މާލޭގައި ލީޝާގެ މަންމަ އާއި ބައްޕަ ދިރިއުޅުނީ ކުއްޔަށެވެ. އެމީހުންނަށް ލީޝާ ލިބުނީ ކައިވެނިކޮށްގެން ކިރިޔާ އަހަރެއް ވީތަނާއެވެ. ލީޝާގެ ބައްޕައަކީ ސަރުކާރުގެ އާދައިގެ ވަޒީފާއެއްގައި އުޅޭމީހަކަށްވާތީ ބައްޕައަށް ލިބޭ އާމްދަނީ އާއި މަންމަ ވަޒީފާއަދާކޮށްގެން ލިބޭ އާމްދަނީން މަންމަގެ ޗާލާކީ ދިރިއުޅުން ދެކޮޅު ޖެއްސޭވަރެއް ނުވެއެވެ. އެންމެ ފަހުން ލީޝާއަށް ދެއަހަރަށް އޮއްވައި މަންމަ ކޯޓަށްގޮސް ބައްޕަ ގާތުން ވަރިވެ މާލޭގެ ގެދޮރުހުރި މާލޭ މީހަކާ އިނީއެވެ.

އަވައްޓެރިން ބުނާ ގޮތުގައި މަންމަ ކޯޓުމެދުވެރިކޮށް ވަރިވުމުން ބައްޕަ ލީޝާ ގޮވައިގެން ދިޔައީ ރަށަށެވެ. އެކަމަކު ބައްޕަގެ އަތުން ގަދަކަމުން މަންމަ ލީޝާ އަތުލީއެވެ. ލީޝާއަކީ ތުއްތު ކުއްޖަކަށްވާތީ ކޯޓުން އަމުރުކުރީ މަންމަ އާއި ދަރިފުޅު ހަވާލު ކުރުމަށެވެ. ފުލުހުން އައިސް ބައްޕަގެ އަތުން ލީޝާގެންދިޔައީ ގަދަކަމުންނެވެ. އެކަމުގެ ސަބަބުން ކުރި އަސަރުގައި ލީޝާގެ ބައްޕަގެ ބުއްދި ފިލައިދިޔައީއެވެ. ލޯބިވި އަންހެނެއްގެ އަނިޔާގައި ދިރިއުޅުން ހަފުސްވީއެވެ. ލީޝާގެ ބައްޕަ ރަށުތެރޭގައި ދިރިއުޅުނީ އާވާރާ ދިރިއުޅުމެކެވެ. އެކަނިވެރި ދިރިއުޅުމެކެވެ. އެހަށިގަނޑުން ފުރާނަ ވަކިވެދާންދެނެވެ.

ލީޝާގެ ބައްޕަ މަރުވި ހަނދާނެއް ލީޝާއެއް ނުހުރެއެވެ. އޭނާއަށް އިވެނީ މީހުންދައްކާ ވާހަކައިގެ އަޑެވެ. ބައްޕަ މޫދުގައި މަރުވެފައި އޮއްވައި އޭރު ނޫސްތަކުގައި ޖަހާފައިވާ ފޮޓޯތައް ނޫން ފޮޓޯއެއް ލީޝާގެ އުމުރުގައިވެސް ނުދެކެވެ. އެއީ އޭނާގެ އެންމެ ބޮޑު ހިތާމައެވެ. އެންމެ ބޮޑު ޝަކުވާއެވެ. ޤާނޫނުތަކާއި ސަރުކާރަށް އޭނާގެ ހިތުގައިވަނީ ނަފްރަތެވެ. ވާނީވެސް އެހެންނެވެ. އޯގާތެރި ބަފައެއްގެ ހިޔާވަހިކަން ނުލިބި އަނިޔާވެރި މައެއްގެ މުށުތެރޭގައި އޭނާގެ ދިރިއުޅުން ފަނާވީ އެޤާނޫނުތަކުގެ ސަބަބުންނެވެ. އެހެން ނޫންނަމަ ލީޝާގެ ހަޔާތުގެ މިދުވަސްދެކޭކަށް ނުޖެހުނީހެވެ. އެންމެ ޒުވާން އުމުރުގައި މަރުގެ އިންތިޒާރުގައި އިންނާކަށް ނުޖެހުނީހެވެ.

މީހަކު ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ލީޝާ ބަލާލިއެވެ. ކޮޓަރިއަށް ވަނީ މަންމައެވެ. އަތުގައި ކިރުތައްޓެއް ހުއްޓެވެ. އެގެނެސްދިއްކޮށްލީ ލީޝާއަށެވެ. ލީޝާ ބޯހޫރާލުމުން މަންމަ އެގެންގޮސް ބެހެއްޓީ ޑްރެސިންގ ޓޭބަލް މަތީގައެވެ. ބޭސްތައް ފެނުމުން އަދިވެސް ބޭސް ނުކަނީހޭ އަހާލިއެވެ. ލީޝާ އެއްޗެކޭ ނުބުނުމުން ބޭސްކާޑުތަކުން ގުޅަތައް ނަގައި އަތައް އަޅައިގެން ފެންތައްޓެއް ހިފައިގެން އައިސް ލީޝާއަށް ދިއްކޮށްލިއެވެ.

އަވަހަށް ގަދަވާނީ ބޭސްކައިގެން ނޫންހޭ ތިޔަ ހުމެއް އަންނަތާވެސް މަހަކަށްވުރެ ގިނަދުވަސްވެއްޖެ ނޫންހޭ މަންމަބުންޏެވެ. ލީޝާ ބަލާލީ މަންމަގެ މޫނަށެވެ. އެއީ ހަމްދަރުދީއަށްވުރެ ބޮޑަށް ލީޝާބަލިވެ އުޅޭތީ މަންމަގެ ވިޔަފާރިއަށްލިބޭ ގެއްލުން ބޮޑުކަމުން ބުނިއެއްޗެއްކަން ލީޝާއަށް އެނގެއެވެ. ލީޝާގެ ހާލަށް އެހިތުގައި ހަމްދަރުދީގެ ކަންފުޅެއްވެސް ނުހުންނާނެކަން ލީޝާއަށްވުރެ ރަނގަޅަށް އެނގޭނެ އެހެން މީހަކު ނެތެވެ. މީހުން ބުނެއެވެ. މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. އެކަމަކު ލީޝާއަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް ވިސްނުނީ އެއީ މޮޅެތި ލިޔުންތެރިން އެމީހުންގެ ފޮތް ފޮތުގައި ލިޔެފައިވާ އިބާރާތެއް ކަމަށެވެ. އޭގައި އެއްވެސް ހަޤީޤަތެއް ތެދެއް ނެތްކަމަށެވެ. ވާނީވެސް އެހެންނެވެ. މަންމައިން ދަރިންނަށްދޭ އަނިޔާތަކުގެ ވާހަކަ އޭނާ ނޫސްތަކުގެ ސުރުޚީތަކުން ކިޔައިފިއެވެ. ވިހާފައި މަރާލާވާހަކަތަކެވެ. ތަޅައި އަނިޔާކުރި ވާހަކަތަކެވެ. ދަރީންލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވާހަކަތަކެވެ. ދަރީންލައްވައި ހަށިވިއްކުވާ ވާހަކަތެކެވެ.

މަންމަ ކޮޓަރިން ނުކުތީ ލީޝާ ބޭސްކެއުމުންނެވެ. އޭގެ ކުރިން ލީޝާއަކަށް މަންމަ ދުލެއް ނުދިނެވެ. ދުރަކަށް ނުދިޔައެވެ. މަންމަ ދިޔުމުން ލީޝާ ސައިޑް ޓޭބަލްގެ މަތީގައި އަލްބަމް ބާއްވާފައި އެނދުގައި ހަމަޖެހިލިއެވެ. ރަޖާގަނޑު ކަރާހަމައަށް ނަގައި ބައްދާލިއެވެ.

އަގުބޮޑު ފަރުނީޗަރާއި ޖަރީކުރި ކުޑަދޮރުގެ ފަރުދާތަކާއި ރީތިކުލަތަކުން ފުރިފައިވާ ކޮޓަރިތެރެއަށް ލީޝާ ނަޒަރު ހިންގާލިއެވެ. ލަގްޒަރީފެންވަރަށް އެކޮޓަރި ހަދައިދީފައިވަނީ މަންމައާއި ދޮންބައްޕަ އެވެ. އެކަމަކު އެއީ ލީޝާދެކެ ވާލޯތްބެއްގެ ބޮޑުކަމަކުން ނޫނެވެ. މިކޮޓަރިއަށް އަންނަ މަންމަގެ ކަސްޓަމަރުންގެ ހިތްހަމަ ޖައްސައިދިނުމަށް ކޮށްފައިވާ ބޮޑު ހޭދައެވެ. އެކަމަކު އެއަގުބޮޑު ކޮޓަރީގެ ކޮންމެ އެއްޗަކާއި އެގޭގައި ހުރި ކޮންމެ އެއްޗެއް ލީޝާއަށް ފެންނަނީ އޭނާގެ ލެއިން ކަޅިވެފައިވާތީއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ؟ އެއިން ކޮންމެ އެއްޗަކީ އޭނާގެ އިއްފަތާއި އިސްމަތު ނީލަމުގައި ވިއްކައިގެން ހޯދާފައިވާ ތަކެއްޗެވެ.

އެދުވަސްތަކާއި އެރޭތައް ލީޝާ ހަނދާންނެތޭނީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ޖިންސީގޯނާ ނުލިބޭ ހަނދާނެއް އޭނާގެ ނުހުރެއެވެ. އެންމެ ދުރު ހަނދާނަކީވެސް އެފަދަ ހަނދާނެކެވެ. މަންމަގެ ރައްޓެހިކަމުގައި ގެއަށް އައިސްއުޅޭ، ބެންކުގައި ވަޒީފާ އަދާކުރާ ދުވަސްވީ މީހަކަށް ފައިސާއަށް މަންމަ ލީޝާދިން ހަނދާނެވެ. އެއީ އޭނާގެ އުމުރުން ފަސްއަހަރު ނުވަތަ ހަ އަހަރުގައެވެ. އެރޭ ލީޝާ ވަރަށް ރުޔެވެ. މަންމަ ގާތުގައި ޝަކުވާކުރިއެވެ. އެމީހާ ކަންތައްކުރިގޮތް ކިޔައި ދިނެވެ. އެކަމަކު މަންމަ އެންގީ ލީޝާއަށް ހިމޭނުން ހުންނާށެވެ. އެމީހާގެ ފަރާތުން އެއަނިޔާތައް ލިބެމުން އައިސް އެކަން ހައްދު ފަހަނަ އެޅީ ބޭންކުން ލޯނު ލިބިގެން ދޮންބައްޕަގެ ގެހެދޭގޮތް ވުމުންނެވެ. އެއީ ލީޝާ އެމީހާއަށް ދީފައި ހުންނާތީ އޭނާ ފަހިކޮށްދިން ކަމެއްކަން ލީޝާއަށް އެނގެއެވެ.

ދިހަބުރިއަށް ހެދި އެގޭގެ އެންމެ މަތީ ބުރިތައް ހެދީގެސްޓް ހައުސްއަކަށެވެ. ލީޝާބޭނުކޮށްގެން ދޮންބައްޕައާއި މަންމަ ފެށި ހަށިވިއްކުމުގެ ވިޔަފާރިއެވެ. އެންމެ ފަހުން ނޭޕާލާއި ތައިލޭންޑުން ޒުވާން އަހެންކުދިންގެނެސް ދޮން ބައްޕައާއި މަންމަ އެވިޔަފާރި ފުޅާކުރީއެވެ. އެކަމުން މިންޖުވާން ލީޝާ އެތައް މަސައްކަތެއް ކުރިއެވެ. އެތައްފަހަރަކު ގެއިން ފިލައިގެންވެސް ދިޔައެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ފުލުހުން މެދުވެރިކޮށް މަންމަ އޭނާ ހޯދައިގެން ގެނެސް އެތައް އަނިޔާތަކެއް ދިނެވެ. ކާންނުދީ ކޮޓަރީގައި ބަންދުކޮށްފައި ބޭންދިއެވެ. ތަޅައި އަނިޔާކުރިއެވެ.

މިވީ އަށް އަހަރުގެ ތެރޭގައި ލީޝާގެ ގާތަށް މަންމަ ވެއްދި މީހުންގެ އަދަދެއްވެސް އެމީހުން ދިންފައިސާގެ އަދަދެއްވެސް ލީޝާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ގާތަށް އެތައްސަތޭކަ ބިދޭސީންނަކާއި ދިވެހީންނެއް އައިކަމެވެ. އޭގެތެރޭގައި ސަރުކާރުގެ މަތީފަންތީގެ މީހުންވެސް ހިމެނުނުކަމެވެ. އެމީހުންގާތުގައި ލީޝާ އާދޭސްކުރިއެވެ. އެ އަނިޔާވެރި ދުނިޔެއިން އޭނާ ސަލާމަތް ކޮށްދިނުމަށް އެދުނެވެ. އޭގެ ތެރެއިން އެކަކީ މީގެ ދެއަހަރެއްހައި ދުވަސްކުރިން އޭނާގެ ގާތަށް އައި ސަރުކާރުގައި ނުފޫޒު ހުރި މީހެކެވެ. ބާރު އޮތް މީހެކެވެ. އޭނާވެސް ލީޝާއަށް ދިނީ ބީރުކަންފަތެކެވެ. ދިޔައީ އޭނާބޭނުންވި ކަމެއްވިއްޔާ ކޮށްގެންނެވެ. ސަލާމަތަށް އެދި އާދޭސްކުރުމުން އޭނާވެސް ބުނީ އޭނާވެސް އައީ ފައިސާދީފައި އޭނާ ބޭނުންކަމެއް ކުރުމަށް ކަމަށެވެ. ލީޝާގެ ޝަކުވާގެ އަޑުއަހަން ނޫންކަމަށެވެ. އެހެންކަމުން އެދުވަހަށްފަހު ލީޝާގެ ހަޔާތުގެ އުންމީދުތަށް ފެނަށްވީއެވެ. ސަލާމަތްތެރިކަމެއް ލިބިދާނެކަމުގެ ޔަޤީންކަން ކެނޑުނީއެވެ. އެއަނިޔާއިން ސަލާމަތްވެވި އުފާވެރި މުސްތަޤުބަލެއް ބިނާ ނުކުރެވޭނެކަން ޔަޤީންވީއެވެ.

ލީޝާ ބަލިވެ އުޅޭތީ އާއި އަންނަ މީހުން ބޭނުންވާ ކަންކަން ނުފުދި ޝަކުވާތައް ގިނަވުމުން ލީޝާގެ ކޮޓަރިއަށް މަންމަ މީހަކު ނުވައްދާތާ ދެމަހެއްހާ ދުވަސްވެއްޖެއެވެ. ކަންތައް ވަމުން ތަދުބީރުކުރެވެމުން އަންނަގޮތް ލީޝާއަށް ވިސްނެއެވެ. ލީޝާއަށްވަމުން އަންނަ ގޮތްތަކުގެ އަލީގައި އިންޓަނެޓުގެ ޒަރީއާއިން އޭނާގެ ބަލީގެ އަސްލު ދެނެގެންފިއެވެ. ޑޮކްޓަރަށް ނުދެއްކިއަސް ޓެސްޓެއް ނުހެދިއަސް ލީޝާއަށްހުރީ އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އާއި ސިފިލީސް ޖެހިފައިކަން އޭނާއަށް އެނގެއެވެ. އެބަލިތަކުގެ ކޮންމެ އަލާމާތެއް އޭނާގެގައިން ފެންނަން އެބަހުއްޓެވެ. މިވީ 8 އަހަރުގެ ތެރޭގައި އޭނާއަށް އެބަލިތައް ޖެހުނީ ކޮންބައެއްގެ ފުށުންކަން ނޭނގުނަސް އޭނާގެ ފުށުން އެތައް ބަޔަކަށް އެބަލިތައްޖެހި އެތައް ދިރިއުޅުމެއް ބަރުބާދުވެފައިވާނެކަން ލީޝާއަށް ޔަޤީނެވެ. އެކަމަކު އެކަމުގައި ލީޝާގެ ކުށެއް އެބައޮތް ހެއްޔެވެ؟

ލީޝާ ދެލޯ މަރާލިއެވެ. ފުންނޭވާއެއް ލިއެވެ. އޭނާ އެއިންތިޒާރުކުރަނީ މަރަށެވެ. މިވޭންދެނިވި ހަޔާތުން އަބަދުގެ އަބަދަށް ވަކިވެދިޔުމަށެވެ. އެހެނީ އޭނާގެ ބަރުބާދުވެ ހަފުސްވެފައިވާ ހަޔާތް އާބާދުކުރެވޭނެ އެއްވެސްގޮތެއް ދެނެއް މިދުނިޔޭގެ ބިމުގައި އޭނާއަކަށް ނެތެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *