ކުރު ވާހަކަ: ގަތް ވަޅަށް

ކުރު ވާހަކަ: ގަތް ވަޅަށް

ވައިރޯޅި ހިނދި ކަނޑުގައި ތެމާލާފައި އޮތް މަޑުމަޑު ރީތި ރެއެކެވެ. އުޑުމަތީގައި ވިލާރޮއްޖެއްވެސް ނެތެވެ. ހުޅެވި ހަނދަކުން ދީފައިވާ މިލަ ހަނދުވަރުގެ ތެރޭގައިވެސް މުޅި ކަނޑު ފެންނަނީ ރިހީގެ ޗާދަރެއް ހެންނެވެ. ބޯޓުގެ އިންޖީނު އަޑާއި އޮމާން ކަނޑުގެތެރޭގައި ލޮނުގަނޑު ކަފަމުން ކުރިޔަށްދުވަމުންދާ ބޯޓުގެ އަޑުފިޔަވައި އެހެން އަޑެއް ނެތެވެ. ދަން ދެބައިވުމާއި އެކު ދަތުރުވެރީންވެސް ބޯޓުގައި އެމީހަކު ޖެހުނު ތަނެއްގައި ނިދައި ހަރުދަނޑިވެފައި ތިއްބެވެ. ހުންގާނުގައި ހުރި ނެވިމީހާއާއި އެހީތެރިވާން އުޅޭ ބިދޭސީ މީހާފިޔަވައި އަދި ދިރުނބާކޮޅުގައި އޮށޯވެ އުޑުމަތި ބަލަން އޮތް ޒިޔާދު ފިޔަވައި އެހެން މީހެއްގެ ހިލަމެއްވެސް ނެތެވެ. އެއެންމެވެސް ތިބީ އުފާވެރި ފޮނި ނިދީގެ ތެރެއަށް ގެނބިފައެވެ. މުސްތަޤުބަލަށް ބިނާކުރަމުން އަންނަ އުފާވެރި ހަޔާތެއްގެ ތެރޭގައި ކަންނޭނގެއެވެ.

ޒިޔާދުވެސް ނިދޭތޯ އުޅުނެވެ. އެކަމަކު އޭނާގެ ލޮލަކަށް ނިންޖެއް ނައެވެ. 40 އަހަރަށް ފަހު އުފަންރަށާއި އެކު އުޅުނު ރައްޓެހީންގެ ގާތަށް ދެވޭތީ ކުރެވޭ އިހްސާސްތަކެއްގެ ސަބަބުން ކަންނޭނގެއެވެ. ރަށަށް އައިސްފައިވާ ބަދަލުތައް ހުންނާނެ ގޮތަކާއި މެދު ވިސްނޭތީ ކަންނޭނގެއެވެ. ނުވަތަ ފާއިތުވެ ދިޔަ ސާޅީސް އަހަރުގައި އޭނާ ހޭބޯނާރައި ކުރި މަސައްކަތްދޫކޮށްލުމުން ހަށިގަނޑަށާއި ހިތަށް ލިބުނު ހަމަޖެހުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

ފަތިސްވެ އަލިވަމުން އައިރު ނަލަދޫގެ މަލަމަތިވެސް ފެންނަށް ފަށައިފިއެވެ. އަދިވެސް ރަށުގައި ރުއްތަކާއި ގަސްތައް ގިނައެވެ. މަލަމަތިން ގެއެއްގެ ނިޝާނެއްވެސް ފެންނަން ނެތެވެ. ރަށް މަތިން އަރާފައިވާ ބޮޑު ނިކަގަސް އަދިވެސް އެހުރި ގޮތަށް އެބަހުއްޓެއެވެ. ޒިޔާދުގެ ހިތަށް އެރިއެވެ. މިވީ ސާޅީސް އަހަރުގެ ތެރޭގައިވެސް ރަށަށް މާބޮޑު ބަދަލެއް ނާންނަނީތާއެވެ.

ބޯޓު ރަށާއި ގާތްވަމުން ދިޔައިރު ބަނދަރު މަތީގައި ޖަހާފައިވާ ލައިޓްތަކުގެ އޮރެންޖް އަލި ދިޔައީ ފާޅުވަމުންނެވެ. އޭރު ބައެއް މީހުން ބޯޓު ތެރޭގައި ހޭލަ މޭލަވެ އުޅެއެވެ. މަހަށް ނުކުންނަ ބޮޑެތި ކަންނެލި އޮޑި ފަހަރާއި މަސް އޮޑި ފަހަރު ރަށުގެ ނެރުން ނުކުންނަތަން ޒިޔާދަށް ފެނުނެވެ.

ބޯޓުއައިސް ނަލަދޫގައި ބަނދަރު ކުރި އިރު ހެނދުނު ހައެއް ޖަހަނީއެވެ. އޭރު ބޯޓު އަންނަތަނަށް ބަނދަރު މައްޗަށް ކުދިބޮޑު އަންހެނުންނާއި ފިރިހެނުންވެސް ނުކުމެތިއްބެވެ. މުދާ ބާލަން ދެޕިކަޕާއި އަތްގާޑިޔާތަކެއްވެސް ބަނދަރުމައްޗަށް ގެނެސްފައި އޮތެވެ.

ޒިޔާދު ބޯޓުން ފޭބިއެވެ. އޭނާ ބާލާކަށް މީހަކު އައިހެނެއް ހިޔެއް ނުވެއެވެ. އުފަން ރަށަށް ވިޔަސް އެތާނގައި ތިބި މީހުންގެ ތެރޭގައި ޒިޔާދު ދަންނަ މީހަކު ހުރިކަމަކަށް ނުވިއެވެ. ތެދެކެވެ. ސާޅީސް އަހަރުގެ ތެރޭގައި މިރަށުގައި އެތައް ޖީލެއް އުފަންވެއްޖެއެވެ. ވީއިރު އެމީހުންނަށް ޒިޔާދު އެނގޭނީ ކިހިނެއް ހެއްޔެވެ؟ ޒިޔާދު މިރަށުން ފުރި އިރު ކިރުބޯން މައިމީހާގެ އުނގުމަތީގައި ތިބި ޅަކުދީންވެސް މިއަދު އެތިބީ މުސްކުޅިވެ ކާފަ މާމަ ކިޔާ އުމުރަށް ގޮސްފައެވެ.

ކޮނޑުގައި ދަބަސް އަޅުވައިގެން ޒިޔާދު މީހުންތަކުގެ ތެރޭން ނުކުތެވެ.

އަހާނ! މާލޭ ބޭފުޅުން ކޮން ވަޑާމެއްހޭ މީހަކު ބުނިއަޑަށް ޒިޔާދަށް ބަލާލެވުނެވެ. ކައިރީގައި ހުރީ ޅަދުވަހުގެ ރަހުމަތްތެރިޔާ އާދަނެވެ. މުސްކުޅިވެ މުޅި ބޮލާއި ތުނބުޅި ހުދުވެފައެވެ. މޫނުގެ ހަންގަނޑާއި ކަރުދަށުގައި ރޫޖެހިފައެވެ. ހަތަރު ފަސްއަހަރުގެ ކުއްޖަކު އޭނާގެ އިނގިލީގައި ހިފަހައްޓާލައިގެން ހުއްޓެވެ.

"ކޮންދަތުރެއް" އާދަނު އެހިއެވެ.
"ވަޒީފާއިން މުސްކުޅި ކުރެއްވީމާ ދެން ވައިފެން ހެޔޮ ތަނަކަށް ޖައްސާލީ" ޒިޔާދު ހީލިއެވެ.
"އެހެންތަ؟ ގަތްވަޅަށް މަރުވާންދޯ!" އާދަނު ބުނެލިއެވެ.
" އާދަނު ކޮންކަމެއް ތިކުރަނީ، މީކޮންކުއްޖެއް؟" ހިނިގަނޑެއް ޖަހާލުމަށް ފަހު ޒިޔާދު އަހާލިއެވެ.
"އޮޑި މަހަށް ފުރުވާލާފައި، ފިހާރައަށް ބޯޓުންގެނައި މުދާ ބަލާލަން މިގާތްވެލީ. މީ މުނިކާފަ ކުއްޖެއް" އާދަނު ބުނެލިއެވެ.

އާދަނުވެސް ދިރިއުޅުން ހާދަ ތަރައްޤީކޮށްފިއޭ ޒިޔާދުގެ ހިތަށް އެރިއެވެ. މަސްއޮޑއެއް ދުއްވައި ފިހާރައެއް ހިންގޭނީ އަތްމަތި ތަނަވަސް ވެގެންތާއެވެ. ޒިޔާދު ހިނގައިގަތީ އޭނާގެ އެއްބަނޑު ހައްވަގެ ގެއަށް ދާށެވެ. އޭނާގެ ގޯތި އޮންނާނީ ހައްވަގެ ގެއާއި ޖެހިގެންނެވެ.

އެއްގަމު ތެރެއަށް އެރި އިރު ފެނުނު ކޮންމެ މަންޒަރަކުންވެސް ޒިޔާދަށް ލިބެމުން ދިޔައީ ހައިރާންކަމެވެ. އޭނާގެ ހިތަށް ތަސައްވަރުވެސް ނުކުރެވޭހާ ތަރައްޤީ މިރަށަށް އަތުވެއްޖެއެވެ. ޓޫރިސްޓް ވިޔަފާރިތަކުން ރަށްވަނީ ފުރިފައެވެ. ކޮންމެ ގެއެއްވަނީ އެންމެ މިޒަމާނުގެ ގޮތަށް ހަދާފައެވެ. ސްކޫލުމަގުން އަރާފައި ސްކޫލުގެ ބޮޑެތި އިމާރަތްތައް ފެނިފައި ޒިޔާދު ހުއްޓުނެވެ. އަތޮޅުގައި އޭލެވެލް އާއި ހަމައަށް ކިޔަވައިދެވޭ މަދުރަށްތަކުގެ ތެރޭގައި ނަލަދޫ ހިމެނެއެވެ. ސްކޫލާއި ޖެހިގެން މަގުގެ އަނެއް ފަރާތުގައި ހުރީ އަތޮޅު ހޮސްޕިޓަލެވެ. މާސިންގާ އިމާރާތެކެވެ. އެތާނގެ ތެރޭގައިވެސް އޭރު މީހުން ހެލިފެލިވާތީ އާއި ބައިހަދައިފައި ޑިއުޓީއަށް އަންނަ ޅަފުރާގެ ނަރުސް ކުދިންތައް ފެނިފައި ޒިޔާދު ހައިރާން ވިއެވެ. ރަށުން ފެންނަ ތަރައްޤީ މިއީ ހަޤީޤަތްތަކެއް ކަމުގައި އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އަދިވެސް ހީވަނީ މިހުރެވެނީ ހުވަފެނެއްގައި ހެންނެވެ.

ފަންފުޅަށްތައް ރޫޅި ގަލާއި ސިމެންތިން ފާރުތައް ރޭނި ގެތައް ބޮޑެތިވެފައި ވިޔަސް ރަށުގެ މަގުތަކާއި ގޯޅިތައް އަދިވެސް ޒިޔާދު ހިތުދަހެއެވެ. އެހެނީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ހޭދަކުރީ މިފަސްގަނޑުގައެވެ. މިއީ އޭނާގެ މައިފުނަ ރަށެވެ. އޭނާގެ މައިންބަފައިންނާއި ކާފަ މާމައިންގެ ހަށިތައް ވަޅުލެވި ދިޔަ ހުރުމަތްތެރި ފަސްގަނޑެވެ.

ޒިޔާދު ސްކޫލުގެ ފުރަގަހަށް އޮތް ގޯޅިން ވަނެވެ. ދިމާ ކުރިމަތީގައި އޮތީ ވަށާފާރެއްވެސް ނެތް ފަޅު ބޮޑު ގޯއްޗެކެވެ. ބޮޑު ދެ ބަނބުކެޔޮގަހުން ފައިބާފައިވާ ފަތްތަކާއި ބިންމަތީގައި ހެދިފައިވާ ވިނަތަކާއި ގޯތިތެރޭގައި ހުރި ރުއްތަކުން ފައިބާފައިވާ ފަންތަކުން ބިން އޮތީ ފޮރުވިފައެވެ. ގޯތިތެރޭގައި ގާފޮޅު ރާނައި މެއްލަޖަހައި ދުނބުރި ދަނޑިން ބިތްގަތައިގެން އޭނާހަދައި ދިރިއުޅުނު ގެވެސް ވީރާނާވެ ގޮސް ފެންނަން ހުރީ ހަމައެކަނި އުވައިން ރާނަފައިވާ ގާފޮޅުތަކެވެ. ގޯތިތެރޭގައި ހުރި ވަޅުވެސް ތެޅި ބައެއް ބެއްޓިފައިވާއިރު ވެއްޔާއި ކުނި ބުނި އެޅި ވަޅުހުރީ ބެދިފައެވެ. ގޯތީގެ އިން ވަކިކުރަން ޒިޔާދާއި މުނީރާ އިންދި ފަރުދާބަގީޗާ ގަސްތައް ވެސް ބިޔަވެ ފަރާތް ފަރާތަށް ލެނބިފައިވެއެވެ.

ކޮންމެ އެއްޗަކާއި ކޮންމެ މަންޒަރެއް ޒިޔާދަށް ހަނދާންކޮށްދެނީ މާޒީއެވެ. މިގޯތީގައި އޭނާގެ ދޮށީ ދެދަރީންނާއި އެކު އުޅުނު އުފާވެރި ދުވަސްތަކުގެ ހަނދާނެވެ. އެކުދިން ގޯތިތެރޭގައި ކުޅެ ދުވެ މަޖާކުރާ މަންޒަރުތައް މިހާރުވެސް އޭނާގެ ލޮލަށް ފެންނަ ކަހަލައެވެ. މިއޮތްހާ ދުވަހު މިކުރެވުނީ ކީއްހޭ ޒިޔާދުގެ ހިތައް އެރިއެވެ. ތެދެކެވެ. އޭނާގެ ހިތަށް އެހެން ނާރަންވީ ސަބަބެއް ނެތެވެ.

ޒިޔާދު ރަށު އޮފީހުގެ ކާތިބަކަށް އުޅެފައި ދެކުދީންނާއި އަންހެނުން ގޮވައިގެން މާލެ ބަދަލުވީ ކުދީންނަށް ކިޔަވައިދޭށެވެ. ތަނަވަސް ދިރިއުޅުމަކަށް އެދިގެންނެވެ. ތައުލީމާ ބޭސްފަރުވާއާއި ވިޔަފާރިއާއި ދިރިއުޅުމުގެ ފަސޭހަތައް އޮތީ އެތަނުގައި ކަމަށް ހީކޮށްގެންނެވެ.

މިފާއިތުވި އަހަރުތަކުގައި ޒިޔާދަށް އެތައް މިލިޔަން ރުފިޔާއެއް ލިބުނެވެ. އޭނާއަށް ލިބުނު ފައިސާއާއި ގާތަށްވެސް އޭނާގެ ރައްޓެހި ރަހުމަތްތެރީންނަށް ފައިސާ ނުލިބޭނެކަން ޒިޔާދަށް ޔަޤީނެވެ. އެކަމަކު ދެކެބަލާށެވެ. އެމީހުންނަށް ލިބުނު މަދު އާމުދަނީން އެއްފައިސާފޮތި ދެފައިސާފޮއްޗަށް ހަދައި ދިރިއުޅުން ތަނަވަސްކޮށްފިއެވެ. އޮޑި ދޯނި ފަހަރު ބަނދެ ވިޔަފާރިތައް ފަށައި، ރަށުގައި ހޮޓާތަކާއި ރެސްޓޯރެންޓްތައް ހިންގަން ފަށައިފއެވެ. މިޒަމާނުގެ ފެންވަރަށް ގެތައް ހަދައިފިއެވެ.

ޒިޔާދަށް ކުރެވުނީ ކީއްހެއްޔެވެ؟ އޭނާއަށް ލިބުނު މުޅި އާމުދަނީ ޚަރަދުވީ ކުއްޔަށެވެ. ބިލްތަކަށެވެ. ދިރިއުޅުމުގެ އެހެން ބޭނުންތަކަށެވެ. ކިތަންމެ ބައިވަރު ފައިސާއެއް ލިބުނަސް އޮތީ ދެކޮޅު ނުޖެހިފައެވެ. ގޭތެރެ ދަތިކަމުން ކުދިންނަކަށް ނުކިޔެވުނެވެ. ކިރިޔާވެސް ރޯފިލީ މާލެބަދަލުވި ފަހުން ލިބުނު ދެކުދީންނާއި ދެވަނަ ދަރިފުޅު ޒިޔާދާއެވެ. އެންމެ ދޮށީ ދަރިފުޅު ސްކޫލުން ކަނޑާލީ ގުރޭޑް 9ން ނެވެ. އޭނާ ޖެހުނީ މަސްތުވާތަކެތީގެ އަވައިގައެވެ. ރައްޓެހިންނާއި ޖެހިގެންނެވެ. އެންމެ ފަހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށްލީއެވެ. މިއަދުވެސް އެދަރިފުޅު އޮތީ ޖަލުގައެވެ.

ޒިޔާދާވެސް ކިޔަވައި ނިމުނުގޮތަށް މީހަކާއި އިނީއެވެ. ހަގަށް ލިބުނު ދެކުދިންނަށްވެސް ވީއެވަރެވެ. ތިންކުދީންވެސް އުޅެނީ ސަރުކާރުގެ އާދައިގެ ވަޒީފާތަކުގައެވެ. އެއްވެސް ކުއްޖަކަށް މަތީ ތައުލީމަށް ކިޔަވާނެ ފުރުޞަތެއް ޒިޔާދަކަށް ހޯދައެއް ނުދެވުނެވެ. ދިރިއުޅުން ދަތި ކަމުންނެވެ. ލިބޭ ފައިސާއިން ނުފުދޭތީއެވެ.

ކުދީން ބޮޑެތިވެ މީހުންނާއި އިނދެ ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށިއަސް ބައްޕަ ގާތުގައި ފައިސާއަށް ނުކިޔައި އެކުދިންނަށްވެސް ދިރިއުޅެވޭ ވަރެއް ނުވިއެވެ. އަންހެނުން މުނީރާ ނިޔާވީ ކިޑްނީގެ ބައްޔެއްގައެވެ. އެތައްދުވަހަކު އެވޭނުގައި އުޅުމަށްފަހުގައެވެ. ކިޑްނީ ބަދަލުކުރާނެ ފައިސާ އެއްކުރާނެ މަގެއް ޒިޔާދަށްވެސް ނުފެނުނީއެވެ.

ޒިޔާދު ހަށިފުރާ ނޭވާއެއް ލިއެވެ. އަދި ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. އޭނާއަށް ދިރިއުޅުން ކާމިޔާބު ކުރެވުނު ކަމުގައި ބުނެވިދާނެ ހެއްޔެވެ؟ އޭނާ ދުށް ހުވަފެންތައް ހަޤީޤަތަކަށް ހެދުނު ހެއްޔެވެ؟ ނޫނެކެވެ. މާލެއަކުން އޭނާއަށް އެކައްޗެއްވެސް ނުލިބުނެވެ. ހޭބޯނާރައި މަސައްކަތްކުރި އިރު މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ވަންނާނެ ހިޔާވައްސެއްވެސް ނެތެވެ. ދަރީންވެސް އުޅެނީ ކުދިކުދި އަލިފާންފޮއްޓެއް ވަރުގެ ތަންތަންކޮޅުގައެވެ. އެހެންކަމުން މުސްކުޅިވީ ދުވަހު ދަރީންނަށް ބުރައަކަށް ނުވާންވެގެން އޭނާ ރަށަށް އައީއެވެ.

އެކަމަކު ދެން އަލުން ދިރިއުޅުމެއް ބިނާކުރާހައި ހިއްވަރެއް އޭނާގެ ގަޔަކު ނެތެވެ. އުމުރުގައި ތަން އޮތް ހެނެއްވެސް ހިއެއް ނުވެއެވެ. ހަމައެކަނި މިރަށުގައި މިގޯތީގައި އުޅުނުއިރުގެ އުފާވެރި ހަނދާންތައް ފިޔަވައި އެހެން އެއްޗެއް ޒިޔާދަށް ލިބިފައި ނެތީއެވެ.

ގޯތި ތެރޭގައި އިރުގަނޑަކު ހުރުމަށްފަހު ޒިޔާދު ޖެހިގެން ހުރި އޭނާގެ އެއްބަނޑު ހައްވަގެ ގޭގެ ދޮރާށި ހުޅުވާލާފައި ވަނެވެ. ގޭތެރެއަށް ވަތް އިރު ސިޓިންގ ރޫމު ސޯފާއެއްގައި އައިޕެޑް ހިފާލައިގެން ޤުރުއާން ކިޔަވަން ހައްވަ އިން މަންޒަރުފެނިފައި ޒިޔާދަށް ހިނިތުން ވެލެވުނެވެ.

ޒިޔާދު ފެނުމުން ދޮންބޭބޭ އައީހޭ ކިޔާފައި ހައްވަ ތެދުވިއެވެ. އަދި ޒިޔާދަށް އިޝާރާތްކޮށް އިށީންނާށޭ ބުނެފައި ބަދިގެއާއި ދިމާއަށް ހައްވަ ހިނގައިގެންފިއެވެ. ޒިޔާދު ގޭތެރެއަށް ނަޒަރު ހިންގާލި އެވެ. ތަނަވަސް ރީތި ބޮޑު ގެއެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އެގޭގެ ކޮންމެ އެއްޗެއް ބަޔާންކޮށްދެމުން ދިޔައެވެ. ޒިޔާދަށް ހިންދިރުވާ ލެވުނެވެ. އަމިއްލަ ނަފުސަށް ނިކަމެތިކަމާއި ލަދުވެތިކަމާއި މޮޔަކަން އިހްސާސްކުރަމުންނެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *