ކުރު ވާހަކަ: ގޯނާ

ކުރު ވާހަކަ: ގޯނާ

އަހަރެން ހުރީ ގުރޭޑް 3ގެ ކުލާހުގައެވެ. ދަރިވަރުންނަށް އިސްލާމް ފިލާވަޅެއް ނަގައިދޭށެވެ. މައުޟޫއަކީ ކެތްތެރިކަމެވެ. އިސްލާމީ ތާރީޚުގެ ވާހަކަތަކާއި ތާރީޚުން އަހަރެން ކިޔައި ދަސްކޮށްފައިވާ ހާދިސާތައް އަހަރެން ކުދިންނަށް ކިޔައިދެމުން ދިޔައީމެވެ. ހުރިހާ ކުދިންވެސް ތިބީ ޝައުޤުވެރިކަމާއި އެކު އަޑުއަހާށެވެ. އެކަމަކު އޭރުވެސް، އަހަރެން ކްލާސް ޓީޗަރުކަން ބަލަހައްޓާ ގުރޭޑް 7ގެ ކްލާހުގެ ދެކުއްޖެއްގެ ދެމެދުގައި މިއަދު ހިނގި ހަމަނުޖެހުމުގެ ސަބަބުން އަހަރެންގެ ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ނުދެއެވެ. ސިކުނޑީގެ އެއްކަނެއްގައި އެމަންޒަރުތައް ހަރުލާފައިވެއެވެ. ލޮލަށް އެމަންޒަރުތައް ސިފަވެއެވެ.

ކުއްލިއަކަށް އަހަރެންނަށް ފެނުނީ ރުޅިއައިސް ފުފިފައި ހުރި އަންހެނަކު އަހަރެން ހުރި ކްލާހާއި ދިމާއަށް އަންނާތީއެވެ. އޭނާ އައީ ދުލަށް އައިހާ ނުބައި އެއްޗެއް ގޮވަމުންނެވެ. ހަޅޭލަވަމުންނެވެ. އޭނާ އެއަންނަނީ އަހަރެންނާއި ދިމާއަށްކަން ޝައްކެއް ނެތް ވަރަށް އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން އަތުގައި އޮތް ފޮތް ބާއްވާފައި އަހަރެން ކްލާސް ދޮރުމައްޗަށް ނުކުތީ އަހަރެންގެ ދަރިވަރުންނަށް އެމަންޒަރު ފެނުނަ ނުދިނުމުގެ ނިޔަތުގައެވެ.

ކުލާހުގެ ދޮރުމައްޗަށް ނުކުމެވުނު ތަނާ ރުޅިއަރައިގެންފައިވާ ހާލެއްހެން އެއަންހެންމީހާ އައިސް އަހަރެންގެ ކުރިމައްޗަށް ޖެހިގަތެވެ. މޭގައި އަތްއަޅައި އަހަރެން އެތެރެއަށް ކޮއްޕާލިއެވެ. އަތްދަމާފައި އޭނާ އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް އެޅިއެވެ. ވަގުތުން އަނގަމަތި ފަޅައިގެން ގޮސް ލޭ އޮހިގަތެވެ. ދެވަނަ ސިކުންތުގައި އޭނާ އަހަރެންގެ ގަމީހުގެ ގޮށްފަތީގައި ހިފައި ދަމައިގަތްގަތީނުން ވީދާލިއެވެ. އަހަރެން ހިމޭނުން ހުރީއެވެ. އަނގައިން ބަހެއްވެސް ނުބުނަމެވެ. އަހަރެންނަކީ ފިރިހެނަކަށްވިޔަސް އަދި ގައިގައި ބާރު ހުއްޓަސް އޭނާގެ ގަޔަށް އަތްލާން އަހަރެން ބޭނުން ނުވީއެވެ. އޭނާގެ ދަރަޖައަށް އަހަރެން ވެއްޓެން ބޭނުން ނުވާތީއެވެ.

ކުލާހުގައި ތިބި ކުދިންތައް ބިރުން ރޯން ފަށައިފިއެވެ. އަޑުގަދަވެގެން ސްކޫލުގެ އޮފީހުން ނުކުތް ދެމުއްވަޒަފަކު ދުވެފައި އައިސް އެއަންހެންމީހާ އޮބަހައްޓައި ދުރުކޮށްފިއެވެ. އަހަރެން ޖީބުގައި އޮތް ކުޑަރުމާ ނަގައި އަނގަމަތީގައި އެޅީމެވެ. ލޭތައް މަނާކުރެވޭތޯއެވެ. އެދެމުވައްޒަފުން އަންހެން މީހާ ދުރުކުރުމުންވެސް އޭނާ ދިޔައީ އަވަގުރާނަ ބަސްތައް އަހަރެންނާއި ދިމާއަށް ގޮވަމުންނެވެ. އިންޒާރު ދެމުންނެވެ.

"އަހަރެންގެ ދަރިފުޅަށް ލިބުނު ގެއްލުމުގެ ޒިންމާ ކަލޭ އުފުލަން ޖެހޭނެ. އަހަރެން ދައުވާވެސް ކުރާނަށް. ކަލޭ ވަޒީފާއިންވެސް ވަކިކުރުވާނަން." އޭނާ ގޮވަމުން ދިޔައެވެ.

އެހެން ކުލާސްތަކުގައި ތިބި ޓީޗަރުން ނުކުމެގެން އަތުވެއްޖެއެވެ. އެމީހުން އަހަރެން ވަށާލިއެވެ. ހަމްދަރުދީ ފާޅުކުރިއެވެ. ރުޅި އަރައިގެންފައި އައި ބެލެނިވެރިޔާއާއި ދިމާއަށް ބައެއް ޓީޗަރުން އެއްޗެހި ކިޔަން ފެށުމުން އަހަރެން އެމީހުންގާތު އެކަން އެގޮތަށް ނުކުރުމަށް ބުނީމެވެ. ކުރިމަތީގައި ތިބީ އަހަރެމެންގެ ދަރިވަރުން ކަމަށްވާތީ އެވެ. ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައިވެސް އެކުދީންނަށް ނަމޫނާ ދައްކަން ޖެހޭނެތީއެވެ.

އަހަރެންގެ އަތުގައިވެސް ބާރު އެބަހުއްޓެވެ. އަހަރެންނަކީ ފިރިހެނެކެވެ. ހަށިގަނޑުގައި ވަރުހުރި މީހެކެވެ. ބޭނުންނަމަ އެންމެ އެތިފަހަރަކުން އެއަންހެންމީހާ ރުލެއްނެތި ބިންމައްޗަށް ދަމާލެވުނީހެވެ. އެކަމަކު އަހަރެން ކެތްތެރިވީ އެހެން ހަދައިފިނަމަ އަހަރެންވެސް ވެއްޓޭނީ އޭނާއާއި އެއްފަދަ ޖާހިލެއްގެ ދަރަޖައަށް ކަމުގައި ވާތީއެވެ.

އޭނާ ރުޅިއަރައިގެން އެއައީ މިއަދު ސްކޫލުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުންނެވެ. އޭނާގެ ދަރިފުޅުގެ މައިބަދަ ބިނދި ދިރިހުރުމާއި މަރާއިދެމެދު ހަނގުރާމަ ކުރާ ހާލުގައި ހޮސްޕިޓަލުގައި އޮތަތީއެވެ. އެކަމަކު އެކަމުގައި އަހަރެންގެ ކުށެއް ނެތެވެ. އެއީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މައްސަލައެކެވެ. މަސްއޫލުވެރި ފަރާތްތަކުގެ އިހުމާލުން އެހިސާބަށް ދާންޖެހުނު ކަމެކެވެ. އަހަރެންފަދަ އާދައިގެ ޓީޗަރަކަށް އެކަމުގައި ކުރެވޭނެ ކަމެއް ނެތީއެވެ. ސްކޫލުގެ މެނޭޖްމަންޓާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް އެފަދަ ކަންކަމުން ނުކުމެދާނެ ނަތީޖާއެއް ނުވިސްނޭ އިރު އިލްމެއްނެތް ޖާހިލު ބެލެނިވެރިއަކަށް ވިސްނޭނީ ކޮންފަދައަކުން ހެއްޔެވެ؟

ރަށްފުށުގެ ރަށެއް ކަމުގައި ވުމާއި އެކު ކިޔަވައިދޭން ޖެހެނީ ހުރިހާ ބާވަތެއްގެ ކުދީން މަސްހުނި ކޮށްގެންނެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދީންނާއި ސިކުނޑީގެ އުނިކަން ހުންނަކުދީންވެސް ހިމަނައިގެންނެވެ. އެކުދީންނަށް ކިޔަވައިދެވޭނެ އެހެންގޮތެއް ނެތިގެންނެވެ.

ފަޒީލަކީ ހަށިގަނޑުން ބޮޑު ބާރުގަދަ ކުއްޖެކެވެ. އެހެންނަމަވެސް އެހެން ކުދިންނާއި ޚިލާފަށް އޭނާއަކީ މަޑުންހުންނަ ސޭކު ކުއްޖެކެވެ. ކޮންމެވެސް ކުއްޖަކު އޭނާއަށް ކޮންމެވެސް ގޯނާއެއް ނުކުރާ ދުވަހެއް ނާންނާނެއެވެ. އޭނާގެ އެއްޗެއް އަތުލާނެއެވެ. ފޮރުވާނެއެވެ. ނުވަތަ މަންމަނެކޭ ގަމާރެކޭ ކިޔައި ދިމާކޮށް ރުޅި އަރުވާނެއެވެ. އޭގެ ތެރެއިން އެކަކީ މިއަދު އަހަރެންނަށް އެހަމަލާދީ މާރާމާރީ ހިންގި އަންހެންމީހާގެ ދަރިފުޅު ނިޒާމެވެ. ހިމޭނުން ނުހުރެވޭ ލާނެތް ކުއްޖެކެވެ. އަތްފައި އިސްކުއްޖެކެވެ. ގޭތެރޭގެ މާހައުލަކީ އެހެން މީހުންނާއި ދިމާކޮށް ޖެއްސުން ކުރުމާއި ރުޅިއެރުވުމާއި އަތް އިސްކުރުމުގެ މާހައުލެއް ކަމުގައިވާތީ ސްކޫލު ތެރޭގައި ނިޒާމްގެ އުޅުންވެސް ހުރީ އެގޮތަށެވެ.

ފަޒީލުގެ ފަރާތުން ނޭދެވޭ އަސަރެއް ނުފެނެއެވެ. ކުއްޖަކު އޭނާއަށް ޖެއްސުމެއް ގޯނާއެއް ކުރިޔަސް އެކަމުގެ ބަދަލެއް ހިފާތަނެއް އޭގެ ކުރިއަކުން އަހަރެންވެސް ނުދެކެމެވެ. އެހެންކަމުން އެކަން ކުރާކުދިން އައީ ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުންނެވެ. އެކަން އަހަރެން ސްކޫލުގެ މެނޭޖްމަންޓަށް ހުށައެޅީމެވެ. ފަޒީލާއި އެނޫންވެސް އެހެން ކުލާސްތަކުގައި ތިބި އެކަހަލަ ކުދިންނަށް ވަކި މުގައްރަރަކަށް ވަކި ޚާއްސަ ކުލާހެއް ކުރިޔަށް ގެންދިޔުމަށް ފެންނަ ކަމުގައި ބުނީމެވެ. އަހަރެންނާއި އެކު މަސައްކަތްކުރާ އެހެން ޓީޗަރުންވެސް އެޚިޔާލަށް ތާއީދު ކުރިއެވެ. އެކަމަކު ސްކޫލުގެ މޭނޭޖްމަންޓަށް އެކަންކޮށްދެވޭކަށް ނެތެވެ. ބަޖެޓް ނެތީއެވެ. ސްކޫލުގައި ޖާގަ ދަތީއެވެ.

ފަޒީލަށް ގޯނާކުރާ ކުދިންގެ ބެލެނިވެރިންނާއި އަހަރެން ވަކިވަކިން ބައްދަލު ކުރީމެވެ. އެމީހުންގެ ދަރިންނަށް ނަސޭހަތްތެރިވުމަށް ތަކުރާރުކޮށް އާދޭސް ކުރީމެވެ. ނުކުމެދާނެ ނަތީޖާއަކަށްޓަކައެވެ. އެކަމަކު އެމީހުންނަށް ވިސްނުނީ އަހަރެން ފަޒީލް ހިމާޔަތް ކުރަނީ ކަމުގައެވެ. އެމީހުން ހުށައެޅީ އެމީހުންގެ ދަރީން ކިޔަވަން އައިސްފައި، ފަޒީލް ސްކޫލުން ކަނޑާލައި ގެއަށް ފޮނުވާލާފައި ބެހެއްޓުމަށެވެ. ކިހާ ރަނގަޅު އިންސާފެއް ހެއްޔެވެ؟

އިއްޔެ އެހާދިސާ ހިނގީ އަހަރެންގެ ކުލާހުގައެވެ. ތަކުރާރުކޮށް ފަޒީލަށް ނިޒާމް ގޯނާކޮށް ދިމާކުރާތަން ފެނުމުން އަހަރެން އޭނާ ކޮޅަށް ނަގާފައި ގެނެސް ބެހެއްޓީ ބޯޑު ކައިރީގައެވެ. އެވަރުންވެސް އޭނާ ފަޒީލަށް ގޯނާކުރުމެއް ނުހުއްޓިއެވެ. އަތާއި ލޮލުގެ އިޝާރާތުން ފަޒީލަށް އޭނާ އުނދަގޫ ކުރަމުން ދިޔައެވެ.

ބޯޑުގައި ފިލާވަޅު ލިޔަން ފުރަގަސްދީގެން ހުއްޓައި ކުދިންތައް ހަޅޭލަވައިގަތް އަޑަށް އަހަރެންނަށް ބަލާވުނު އިރު ރުޅިގަދަވެފައި ހުރި ފަޒީލު ގޮނޑިން ތެދުވެގެން އައިސް ނިޒާމް އަތުގެ ކޮޅަށް އުފުލާލަނީއެވެ. އަހަރެން އެއްލި އަތުން ކިރިޔާ ހިފުނީ ފަޒީލުގެ ޔުނީފޯމުގައެވެ. ފަޒީލް، ޅަ ބުޅާގަނޑެއްހެން ނިޒާމް ހޫރާލުމާއި އެކު އޭނާގޮސް ޖެހުނީ ކުރިމަތިން ހުރި ގޮނޑިއެއްގެ މައްޗަށެވެ. އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނިޒާމް އޮތީ ހުއްޓުން އަރާފައެވެ. ދެލޯ ބޮޑުވެފައެވެ.

އެއްބައި ކުދިން ކުލާހުން ނުކުމެގެން ދުއްވައި ގަތީ ސްކޫލު އޮފިހާއި ދިމާއަށެވެ. މެނޭޖްމަންޓަށް ޚަބަރު ދޭށެވެ. ދެންތިބި ކުދިންނާއި އެކު ޑެސްކުތައް މަތީގައި ނިޒާމް ނަގައި ބޭއްވީމެވެ. އޭރުވެސް ނިޒާމް އޮތީ ހުއްޓިފައެވެ. ކިރިޔަކިރިޔާ ދަތިދަތިގޮތަކަށް ނޭވާލާ ކަމެވެ. ޖެހުނުގޮތުން އޭނާގެ މައިބަނދަ ބިނދުނީކަން އަހަރެންނަށް ވަގުތުން އެނގުނެވެ.

ކުދިންތައް ކަންބޮޑުވެގެން ދުވާއިރުވެސް ފަޒީލް ހުރީ މަންޒަރު ބަލާށެވެ. އޭނާއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. ވާނީވެސް އެހެނެވެ. އޭނާއަކީ ވިސްނުމުގައި އުނިކަން ހުރިކުއްޖެކެވެ. އެކަމަކު އޭނާއަށްވުރެ ދެންތިބި ކުދިންގެ ވިސްނުން ކޮށިވީއެވެ. އަހަރެން ތާއަބަދު ދެމުން އައި ނަސޭހަތުގެ އަޑު ނޭހީއެވެ. ކުދިންނަށް ބުލީކޮށް ގޯނާކުރުމަކީ ހާއްސަކޮށް ފަޒީލްފަދަ ކުއްޖަކާއި ބެހުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ޤަބޫލު ނުކުރެވުނީއެވެ. އެކުދިންނަށް އެކަންވީ މަޖަލަކަށެވެ. ސަމާސާއަކަށެވެ. އެކަމަކު އެފަދަ ސަމާސާއެއްގެ ނިމުން ކިހާ ހިތިކަން އެކުދިންނަށްވެސް އެވިސްނުނީ މިހާރުއެވެ.

އަހަރެން ސްޓާފްރޫމުގައި އިންދައި މަސައްކަތު މީހަކު އެންގީ އޮފީހަށް ދިޔުމަށެވެ. ޕްރިންސިޕަލް އެބަ ވިދާޅުވެ ލައްވާކަމަށެވެ. އަހަރެން ދިޔުމުން ދިނީ މެސެޖެކެވެ. ކުލާހުގައި މިއަދު ހިނގި ކަންތަކުގެ ތަހުޤީޤު ނިމެންދެން އަހަރެން ވަޒީފާއަށް ނުނެރެ ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް މިނިސްޓްރީން އަންގާފައިވާކަމެވެ.

ކުށްވެރިވީ އަހެރެންނެވެ. އަހަރެންނަށް ކުލާސް ނުބެލެހެއްޓުނީއެވެ. ކުދިން މައިތިރި ކުރަން ނޭނގުނީއެވެ. އެއީ ތެދެއް ނޫންކަން އެނގެނީ އަހަރެންނަށެވެ. އަހަރެންނާއި އެކު މިލެވެލްގައި މަސައްކަތްކުރާ ޓީޗަރުންނަށެވެ. ބެލެނިވެރިޔާ އޮތީ މިނިސްޓްރީއަށާއި ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށައަޅާފައެވެ. އިހުމާލުވީ އަހަރެންކަމުގައި ބުނެއެވެ.

އަނގަމަތީގައި ރުމާއަޅައި އޮއްބައިގެން ހުރެ ގެއަށްދާން ނުކުތީމެވެ. ބުނާނެ އެއްޗެއް ނެތަތީއެވެ. ކުރާނެ ޝަކުވާއެއްވެސް ނެތަތީއެވެ. ޝަކުވާތައް އެކަން ހިނގުމުގެ ކުރިން އަހަރެން ކުރީމެވެ. ކަމުގެ ނުރައްކާތެރިކަން ވިސްނައިދެވޭތޯ ބެލީމެވެ. އެކަމަކު އެކަން ނުވީއެވެ. ފޭލްވީ އަހަރެން ހެއްޔެވެ؟ ސްކޫލުގެ މެނޭޖްމަންޓް ހެއްޔެވެ؟ ނުވަތަ ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހެއްޔެވެ؟

އަހަރެން މަގުމަތީގައި ހިނގާފައި ދަނިކޮށް އަނެއްކާވެސް އެއަންހެންމީހާއާއި ދިމާވެއްޖެއެވެ. ފޮށި ގަނެފިއެވެ. ހޭ އަރައްޖެ ހެއްޔޭ ވަޒީފާއިންވެސް ވަކިކޮށްލާނަމޭ ބުންޏެވެ. ތެދެކެވެ. އޭނާއަށް އެކަން ވެދާނެއެވެ. އެހެނީ އޭނާއަކީ ސަރުކާރު ހިންގާ ޕާޓީގެ ވަރުގަދަ އެކްޓިވިސްޓެކެވެ. އޭނާގެ އިޝާރާތަށް ނަށާނެ މީހުން ސަރުކާރުގައި ތިބޭނެއެވެ. އޭނާއަކީ ވޯޓު ހޯދައިދޭ މީހަކަށްވާތީއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. މުޖުތަމައު އޮތް ހާލަތެވެ. ދަރިވަރުންނަށްވުރެ ބޮޑަށް ކިޔަވައިދޭންވީ ބެލެނިވެރިންނަށެވެ. ޒިންމާދާރު މަޤާމުތަކަށް ލާފައިތިބި ނާޤާބިލު މީހުންނަށެވެ. ސިޔާސަތުތައް ކަނޑައަޅަން ތިބި މީހުންނަށެވެ. އެހެނީ އެމީހުންނަށް އެނގެނީ ކަމެއް ހިނގުމުން އެކަމާއި މެދު ފިޔަވަޅު އަޅާށެވެ. އޭގެ ކުރިޔަކުން އެމީހުންނަށް އެއްވެސް ކަމެއް ބޮޑެއް ނޫނެވެ.

ވަޒީފާއިން ވަކިކޮށްފާނެތީ އަހަރެން ބިރެއް ނުގަނެއެވެ. ދެރައެއްވެސް ނުވެއެވެ. އަމިއްލައަށް ވަޒީފާއިން ވަތްކެއްވެސް ނުވާނަމެވެ. ފަހަށްޖެހި ފިނޑިވުމަކީ އަހަރެން ޤަބޫލުކުރާ ފަލްސަފާއަކަށް ނުވާތީއެވެ. އަހަރެން ފަހަތަށް ޖެހިއްޖެނަމަ ޖާހިލުންނަށް ކުރިއަށްދާން މަގު ހުޅުވައިދެވެނީ ކަމުގައިވާތީއެވެ. ކޮންމެ ހާލެއްގައިވެސް އަހަރެން މިގޮންޖެހުންތަކާއި ގޯނާތަކަށް ކެތްކުރާނަމެވެ. އެހެނީ ހެދެމުން އަންނަ ޖީލުގެ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީ ދީނީގޮތުންނާއި ދުނިޔަވީ ގޮތުން އަހަރެންގެ މައްޗަށްވެސް އޮތް ޒިންމާއަކަށްވާތީއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *