ދުޢާ އިޖާބަކުރައްވާ ވަގުތާއި ތަންތަން ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި:
- ލައިލަތުލް ގަދްރި ވިލޭރޭ، ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާ އެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. "اللهم إنك عفو تحب العفو فاعف عني". މާނައަކީ:"ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ".
- ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘުން ޘާބިތުވާގޮތުގައި ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައ ދެއްވާނަމެވެ".
- ފަރްޟުނަމާދު ތަކަށްފަހުގައި، އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. "ﷲ ގެ ޙަޟްރަތުގައި އެނެްމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާ އެއް ތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. " ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟު ނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ".
- ބަންގި އާއި ގަމަތާއި ދެމެދުގެ ވަގުތު، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. "ބަންގި އާއި ގަމަތާއި ދެމެދުގައި ކުރާ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ".
- ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑީގައި، އަދި ހަނގުރާމައިގެ މައިދާނުގައި ލަޝްކަރު ބައްދަލުވާ ގަޑި، ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ".
- ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ، ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާ އެވެ".
- ރޭގަނޑުގެ ކޮންމެވެސް ވަގުތެއް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.
- ހުކުރު ދުވަހުގެ ވަގުތުކޮޅެއް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. "އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެ ކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައިދެއްވާނެއެވެ". ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެ ކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.
- ޒަމްޒަމް ފެންބޯގަޑީގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ". މާނައަކީ ޒަމްޒަަމް ފެންބޮމުން އެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.
- ސަޖިދާގައި އޮންނަ ވަގުތު، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އަޅާ އާއި ﷲ އެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ".
- ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ".
- " لا إله إلا أنت سبحانك إني كنت من الظالمين"، މާނައަކީ "ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީ ނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީ އަނިޔާވެރީންގެ ތެރެއިންނެވެ"، މިފަދައިން ދުޢާ ކުރާ ހިނދުގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން " لا إله إلا أنت سبحانك إني كنت من الظالمين" އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ".
މިޙާދިޘާ އަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. "އަދި ޛައްނޫނި (ޔޫނުސް ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެން ވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެ ކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދި އީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ".
މިއާޔަތުގެ ޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. " ދުޢާ އިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާ ކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫ ކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ".
- މުޞީބާތެއް މެދުވެރިވާ ހިނދުގައި (إنا لله إنا إليه راجعون اللهم أجرني في مصيبتي وأخلف لي خيراً منها)މާނައަކީ: "ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތް ކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާ ފާންދޭވެ"،
އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. "މުސްލިމަކަށް މުޞީބާތެއް މެދުވެރިވާ ހިނދުގައި"إنا لله وإنا إليه راجعون اللهم أجرني في مصيبتي وأخلف لي خيراً منها" މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް އެމީހަކަށް މެދުވެރިކޮށްދެއްވަތެވެ.
- މައްޔިތާގެ ފުރާނަ ދާ ހިނދުގައި މީސްތަކުން ކުރާ ދުޢާ، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަބޫސަލަމާ އަވަހާރަވެފައިވަނިކޮށް ވަޑައިގެންނެވި އިރުގައި އެކަލޭގެފާނުގެ ލޯފުޅުވަނީ ހަރުވެފައެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ލޯފުޅު މަރުއްވާލެއްވިއެވެ، އަދި ޙަދީޘް ކުރެއްވިއެވެ. ފުރާނަގޮސްފިނަމަ ލޮލުގެ ފެނުންވެސް އެޔާ ތަބާވެއެވެ. އެހިނދު އަބޫސަލަމާ-ރަޟިޔަﷲ ޢަންހު- ގެ އަހްލުވެރިނގެ ތެރެއިންބަޔަކު ހަޅޭއްލަވައިގަތުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ހެޔޮކަމަކަށް މެނުވީ ދުޢާ ނުކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ދުޢާ އަށް މަލާއިކަތް ބޭކަލުން އާމީން ކިޔުއްވައެވެ".
- ބަލިމީހުންގެ ކައިރި އަށް ޒިޔާރަތް ކުރާ ހިނދުގައި ކުރާ ދުޢާ، އުންމު ސަލަމާ-ރަޟިޔަ ﷲ ޢަންހާ- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަލިމީހެއްގެ ކައިރި އަށް ޒިޔާރަތްކޮށްފިނަމަ ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން މަލާއިކަތްބޭކަލުން ތިޔަބައިމީހުން ދައްކާ ވާހަކައަށް އާމީން ވިދާޅުވެއެވެ". އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންނާގެ ފާފައާއި އޭނާގެ ފާފަ ފުއްސަވާދެއްވާފާންދޭވެ. އަދި އޭނާ އަށް ވުރެ ހެޔޮމީހަކު ދެއްވާފާންދޭވެ". އުންމު ސަލަމާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. މާތް ﷲ ތިމަން ކަމަނާ އަށް އެޔަށްވުރެ ހެޔޮގޮތް މެދުވެރިކޮށްދެއްވިއެވެ. މާތް ﷲ ތިމަންކަމަނާ އަށް މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ.
- އަނިޔާ ލިބުނު މީހާގެ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އަނިޔާލިބުނުމީހާގެ ދުޢާ އިން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާލިބުނުމީހާގެ ދުޢާ އާއި ﷲ އާއި ދެމެދު ޙިޖާބެއް (ފަރުދާ) އެއް ނުވެއެވެ.
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. "އަނިޔާލިބުނު މީހަކީ ފާޖިރެއް ކަމުގައިވީނަމަވެސް އޭނަގެ ދުޢާ އަކީ މުސްތަޖާބު (އިޖާބަކުރައްވަނި) ދުޢާ އެކެވެ. އޭނާގެ ފާޖިރުކަން އޮތީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ".
- ބައްޕަ އަކު ދަރިފުޅަށްޓަކައި ހެވެއް އެދިގެން ކޮށްދޭ ދުޢާ، ރޯދަވެރިޔާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށް ޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ".
- ބައްޕަޔަކު ދަރިފުޅުގެ މައްޗަށް ކުރާ ދުޢާ، (ދަރިފުޅަށް ގެއްލުމެއް ދެއްވުން އެދި ކުރާ ބަދު ދުޢާ)، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިންމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ބައްޕަ އަކު ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާ".
- ޞާލިޙް ދަރިޔަކު ބައްޕަ އަށް ޓަކައި ކުރ ހެޔޮދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެ ޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް".
- މެންދުރުނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތު، މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިން އައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. "މެންދުރުވަގުތުވެ، ނަމާދު ކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "އެވަގުތަކީ އުޑުތަކުގެ ދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ".
ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރުން. އަދި ނިދިން ހޭލާގަޑީގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لا إله إلا الله والله أكبر ولا حول ولا قوة إلا باللهއޭ ކިޔާ، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް، ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ".