ކުރު ވާހަކަ: ނަފުރަތު

ކުރު ވާހަކަ: ނަފުރަތު

މަޣުރިބު ނަމާދަށް ގޮވުމުން ވުޟޫކޮށްލައިގެން މިސްކިތާއި ދިމާއަށް ސަންފަ ހިނގަމުން ދިޔައެވެ. އޭނާގެ ކިހިލިފަތް ދަށުގައި ދޮޅި ލާފައި އޮޅާލާފައިވާ މުސައްލަ އޮތެވެ. އުމުރުން ދުވަސްވެ ހަށިގަނޑު ލެނބި ހިނގާ ބިނގާވެ އުޅުން ދަތިވުމުން އޭނާ ހިނގަމުން ދިޔައީ އަސާގަނޑު ވިއްދައިގެންނެވެ. އަޑުވީއްލައި ނުރުޔަސް އޭނާދިޔައީ ރޮމުންނެވެ. ހިފެހެއްޓުމެއް ނެތް ކަރުނަތައް އޭނާގެ ލޮލުން އެހެމުން ދިޔައެވެ. ހިނގުން ހުއްޓާލާފައި ދޭތެރެ ދޭތެރެއިން އޭނާ ބުރުގާގެ ކަނުން ލޯފޮހެމުން ދިޔައެވެ. ލިބިފައިވާ ހިތްދަތިކަމުގެ ސަބަބުންނެވެ.

އުމުރުން ހަތްދިހަ އަހަރުވެފައިވާ އެއަންހެންމީހާ މިސްކިތާއި ދިމާއަށް ހިނގަމުން ދިޔައީ ގިނިކަންޏާއެވެ. ދޭތެރެ ދޭތެރެއިން މަގުމަތިން ދިމާވާ ކޮންމެވެސް މީހަކު ސަންފަދައިތާއޭ ކިޔާފައި ގޮވާލުން ފިޔަވައި އޭނާގެ ހާލަށް އެކަކުވެސް ނަޒަރު ހުއްޓައެއް ނުލައެވެ. އެހެނީ އެހެން މީހަކަށް ސަންފަގެ ހާލަތު ވަޒަން ނުކުރެވެނީ ކަމަށް ވެދާނެއެވެ.

ސަންފަ މިސްކިތްމަގަށް އެޅިއިރު ދަނޑުމަތީގައި ފުޓުބޯޅަ ކުޅެން އުޅުނު ލާނެތް ފުރާގެ ކުދިންތައްވެސް ކުޅުން ހުއްޓާފައި ގެއަށް އަންނަނީއެވެ. އޭގެ ތެރެއިން ކުއްޖަކު ސަންފައާއި ހަމައަށް އަރާފައިން ފައިން ސަންފަގެ ފައިމައްޗަށް ވެލި އުކައިފިއެވެ. ސަންފަ ހުއްޓިފައި ބަލާލީ ވެލި އުކި ކުއްޖާއަށެވެ. އޭނާ ސަންފައާއި ދިމާއަށް ވައްތަރެއް ޖައްސައިގަތެވެ. ސަންފަ އެއްޗެކޭ ނުބުންޏެވެ. މަޑުމަޑުން ހިނގައިގަތެވެ.

"އިބްރާހިމާ! ކަލޭގެ މާމައަށް އެކަހަލަ އުނދަގޫ ކުރާކަށް ނުވާނެނު" ވެލިއުކި ކުއްޖާއާއި ދިމާއަށް އެހެން ކުއްޖަކު ބުންޏެވެ.
"އެމުސްކުޅި ޑަކައިތުގެ ސަބަބުން އަހަރެންނަށް ޖެހުނު ހާލު ކަލެއަކަށް ނުފެނޭތަ؟ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދު ކޮއްލި މީހާއާއި ދިމާއަށް އަހަރެން އަދި ވެލިކޮޅެއްތާ މިއުކީ" ނަފްރަތާއި ނުރުހުމާއި އެކު އިބްރާހިމް ބުންޏެވެ.

އޭނާގެ އަޚުލާޤު ނުބައި ވަރަށް އޭނާގެ ސިފަވެސް ހުތުރެވެ. މުޅި މޫނުގައި ވަނީ ފިހި މާލެވުމުގެ ސަބަބުން ލާފައިވާ ލަކުނުތަކެވެ. އޭނާގެ މޫނުން ފެންނަނީ ބިރުވެރި ސޫރައެކެވެ. ފުރާވަރު އުމުރުގެ ދުވަސްތައް ގުނަމުން އަންނަ އިބްރާހިމްގެ ހުރިހާ ރުޅިއެއް ބޭލުން އޮންނަނީ މާމަ ސަންފަ އަށެވެ. އޭނާގެ ހިތުގައި މާމަ އާއި މެދު ހިނގަމުންދަނީ ގިނި ނުނިވޭނެ ނަފްރަތުގެ އަލިފާނެކެވެ.

އިބްރާހިމްގެ މަންމަ ސަފީނާވެސް ސަންފައަށް އެވަރަށް ނަފްރަތު ކުރެއެވެ. މައިދަތައަށް އޭނާވެސް ނަފުރަތާއި ރުޅި ނުބާލާ ދުވަހެއް އުޑުން ބިމަކުން ނުދެއެވެ. އިބްރާހިމްގެ ބައްޕަ ސަލީމްވެސް އޭނާގެ އުމުރުން ދުވަސްވެފައިވާ މަންމަ އާއި މެދު ހިތަނީ ނުހަނު އިހާނެތިކޮށެވެ. އަބަދާ އަބަދު އެއްޗެހި ކިޔާނެއެވެ. ދިރި ދުނިޔޭގައި ސަންފަ ހުރުމަކީ އެމީހުންނަށް ޖެހިފައިވާ ބަލާވެރި ކަމެކޭ ގޮވާނެއެވެ.

އެކަމަކު ދަރީންނަށްޓަކައި ސަންފަގެ ހިތްސާފެވެ. ދަރީންނާއި މާމަދަރީންގެ ފަރާތުން ލިބޭ އަނިޔާއާއި މެދު އޭނާގެ ހިތުގައި ޝަކުވާއެއް ނެތެވެ. ދަރިފުޅުގެ ޅަފަތުގައި ބަފައިމީހާ މަރުވެ ޒުވާން އުމުރުގައި ހުވަފަތްވުމުން އޭނާ ސަލީމް ބަލާބޮޑު ކުރީ މީހުންނަށް މަސައްކަތް ކޮށްދީގެނެވެ. ގޭގޭގައި ނޯކިރީ ކޮށްދީގެންނެވެ. އޭނާއަށް ކިޔަވައިދިނީ ބޮނބިތަޅައި ރޯނުވަށައި ގުދުބިނދޭވަރަށް އިނދެ ފަންގެ ވިނދެގެންނެވެ.

ސަލީމް އާއި ސަފީނާ ކައިވެނި ކުރުމަށްފަހު ސަލީމްގެ ދިރިއުޅުމުގައި އުފާވެރިކަން ވާތަން ދުށުން އެއީ ސަންފަގެ އަބަދުވެސް ދުއާއެވެ. އުމުރުން ދުވަސްވީ ފަހުން މާމަ ދަރީންތަކެއް ލިބުމުންވެސް އެދަރީން ބެލެހެއްޓުމުގައި ސަންފަ ރޭދުވާ ހޭދަކުރަމުން އައީ އުފަލާއެކުގައެވެ. ސަލީމަށް ހަތަރު ދަރީން ލިބުނު އިރު އެއިން ކޮންމެ ކުއްޖެއްވެސް ބޮޑުވަމުން އައީ މަންމަ އަށްވުރެ ބޮޑަށް މާމަ، ސަންފަގެ އުނގުގެ ތެރޭގައެވެ.

އެދިރިއުޅުން ބަދަލުވީ މީގެ ސޯޅަ އަހަރު ކުރިންނެވެ. އެއީ ސަންފަގެ ހަޔާތުގައި އައި އެންމެ ބަދު ނަސީބު ދުވަހެވެ. ދަރިންގެ ނަފްރަތާއި ހުރިހާ މުސީބާތެއް ޖެހުނީ އެކަމުގެ ސަބަބުންނެވެ. އެކަމަކު އެކަމުގައި ސަންފަ ކުރާނެ ކަމެއް ނެތެވެ. މާތް ރަސްކަލާނގެ އަޒަލުގައި ލިޔުއްވައި މިންވަރުކުރައްވާފައިވާ ކަމެއް އެގޮތަކަށް ހިނގާނެއެވެ. އެކަން ބަދަލު ކުރެވޭނޭ މީހަކު ނެތެވެ.

އެއީ ރަމަޟާންމަހުގެ ދުވަހެއްގެ ހަވީރެވެ. އިބްރާހީމްގެ އުމުރުން އޭރު ވާނީ ތިން އަހަރެވެ. ހިފި ނުހުރެވޭ ހަލަނި ގޮލައެކެވެ. ހައްތާވެސް ހުންނާނީ ސަންފަގެ ފަހަތުގައި ވިއްދާފައެވެ. ސަންފަގެ ލިބާހުގެ ފަސްބައި އޮންނާނީ އަބަދުވެސް އޭނާގެ މުށުތެރޭގައެވެ.

ރޯދަ ވީއްލާ ވަގުތައް ގުޅަ ތެލުލާފައި ހޫނު ތެޔޮތާސް ދުމަށިމަތީގައި ބެހެއްޓުމަށް ސަންފަ ދެއަތްދޮށްގަނޑުން ހިފާފައި ތާސް ނެގިއެވެ. އޭނާ އެ އުނދުން މަތިން ބާލާފައި ދުމަށި މައްޗަށްލާން އުޅުނީވެސް އިބްރާހިމަށް ބަދިގެއަށް ވަދެވިއްޖެ ނަމަ އެއާއި ކުޅޭނެކަން ހާވާނެކަން ޔަޤީންވާތީ އެދަރިފުޅުގެ އަތުނުޖެހޭ ހިސާބުގައި އެބަހައްޓާށެވެ. އެކަމަކުގައި ކަންވީ ނަސީބުގައި ލިޔެވިފައިވާ އެއަށްވުރެ މާހިތާމަވެރި ގޮތަކަށެވެ. ފަހަތުން އައިސް އިބްރާހިމް ސަންފަގެ އަތްދަށަށް ވަދެފައި ލިބާހުގައި ހިފައި ލުއްކިއެއްޖެހީ ތެޔޮތާސް ހިފައިގެން ސަންފަ ތެދުވި ވަގުތުގައެވެ. ސަންފަގެ އެއްއަތުން ތާސްދޫވެ އަރިވުމާއި އެކު ކެކިކެކި ހުރި ހޫނު ތެޔޮއެތި ބަންޑުންވީ އިބްރާހިމްގެ މޫނަށާއި ސަންފަގެ ފަޔަށެވެ. އިބްރާހިމް ރޮއެގަތް އަޑާއި ސަންފަގެ ހަޅޭކުގެ އަޑަށް މީހުންތައް އައިސް ޖަމާވީ ބޮޑު ބަޑިއެއްގެ އުންޑަ ނުކުމެގެން ދިޔަހައި ހަލުވި ކޮށެވެ.

ސަންފައަށް މާބޮޑު އަނިޔާއެއް ނުވިޔަސް އިބްރާހިމްގެ މުޅި މޫނު ފިހުނީއެވެ. ބޭސްކޮށް ރަނގަޅުވަމުން އައިރު ކުއްޖާގެ މުޅި ސިފަ ހުރީ ގެއްލިފައެވެ. ބިރުވެރި ސިފައެއްގައެވެ. އިބްރާހިމްގެ މޫނު ރީތި ކުރެވެން އޮތީ ޕްލާސްޓިކް ސާޖަރިއެއް ހަދައިގެންނެވެ. އެކަމަކު އެއާއިލާގެ ނިކަމެތިކަމާއި އަޅާ ބަލާއިރު އެއީ ކުރެވެން އޮތްކަމެއް ނޫނެވެ. އެހެން ކަމުން އިބްރާހިމް ބޮޑުވަމުން އައީ އެހުތުރު ސިފައިގައެވެ.

އިބްރާހިމަށް ލިބުނު އަނިޔާގެ ސަބަބުން ދަރިފުޅު ސަލީމުއާއި ސަފީނާގެ ހުރިހާ ނަފްރަތެއް އޮހެމުން އައީ ސަންފަ އަށެވެ. ދަރިފުޅު ސަލީމް ސީދާ ސަންފަ އާއި ދިމާއަށް އެއްޗެއް ނުބުންޏަސް އޭނާގެ ކިބައިންވެސް ސަންފަ އަށް ފެންނަމުން ދިޔައީ ނަފްރަތާއި ނުރުހުމުގެ ކުލަތަކެވެ.

އިބްރާހިމްވެސް ބޮޑުވަމުން އައިރު އޭނާގެ ހިތުގައި މާމަ އާއިމެދު އައީ ނަފްރަތުގެ ހުޅު ރޯވެ އަނދަމުންނެވެ. ކުދިން އޭނާދެކެ ބިރު ގަންނާތީއެވެ. މަލާމަތްކޮށް ދިމާކުރާތީއެވެ. އަމުދުން މިހާރު މާމައާއި މެދު އިބްރާހިމްގެ ހިތުގައި ހިނގާ ނަފްރަތު ބޮޑެވެ. އޭނާއާއި އެއް އުމުރުގެ ކުދީންތައް ކުދިންނާއި ރައްޓެހިވެ މަޖާ ދުވަސްތައް ހޭދަކުރާއިރު އޭނާވަނީ ބާކީވެފައެވެ. އޭނާގެ ސިފަ ހުތުރުކަމުން ރައްޓެހިވާނެ އަންހެންކުއްޖަކުވެސް ނުވީއެވެ. އޭނާ ލޯބިވާ ކުއްޖާވެސް އޭނާއަށް ފުރަގަސް ދިނީއެވެ. އެހެން ކަމުން އިބްރާހިމްވެސް ބޮޑުވަމުން އައީ ނަފްސާނީ ގޮތުން ލިބެމުން އައި ގެއްލުންތަކާއި އެކުގައެވެ. އެކަމާއި މެދު ވިސްނާނެ އަޅާލާނެ އެހީވާނެ މީހަކުވެސް ނެތީއެވެ.

އެހިތާމައިގައި ސަންފަ އުމުރު ގުނަމުން އަންނަތާ ސޯޅައަހަރުވީއެވެ. އެކަމަކު އެސޯޅައަހަރުގެ ތެރޭގައިވެސް އޭނާ އައީ މަސައްކަތް ކުރަމުންނެވެ. ދަރިފުޅު އިބްރާހިމްގެ ގެއްލުނު ސޫރަ އޭނާއަށް އަނބުރައި ހޯދައި ދެވޭތޯއެވެ. ބޮނބިތަޅައި ރޯނުވަށައި ފަންވިދެ ހަނދައިގެން އޭނާއަށް ލިބެމުން އައި މަދު ލާރިކޮޅާއި ފިރިމީހާގެ ހަނދާނުގެ ގޮތުގައި އޭނާގެ އަތުގައި ހުރި ގަހަނާތައް ރައްކާކޮށް ބަލަހައްޓަމުން އައީ އެދަރިފުޅަށް ގެއްލުނު ދިރިއުޅުން ހޯދައި ދިނުމުގެ ގޮތުން ޕްލާސްޓިކް ސާޖަރީ ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ސަރުކާރުން ފަސްދޮޅަސް ފަސްއަހަރުވީ މީހުންނަށް 2000 ރުފިޔާ ދޭންފެށުމާއި އަދި ފަހުން 5000 ރުފިޔާ ދޭންފެށުމުން އެކަންވީ ސަންފައަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.

އެފައިސާ ލިބި ސަންފަ ރައްކާކުރަން ފެށުމުން ދެންޖެހުނީވެސް މައްސަލައެވެ. ދަރިން އެފައިސާ ބޭނުންވީ އެވެ. އެފައިސާ ނުދޭތީ ދަރިންގެ ރުޅިއާއި ނަފުރަތު އިތުރުވީއެވެ. އޭނާއަކީ ދަހި މީހެއް ކަމުގައި ވީއެވެ. ފައިސާ ނުދެންޏާ ކާންދީން ބަލަހައްޓަންވެސް ދަރިން ދެކޮޅު ހެދީއެވެ. އެހެންކަމުން ސަންފަ ޅީދަރިފުޅު ސަފީނާއަށް އެފައިސާއިން ކޮންމެ މަހަކުވެސް އެއްހާސް ރުފިޔާ އައީ ދެމުންނެވެ. ފަސްހާސް ރުފިޔާ ލިބެން ފެށުމުން ދެހާސް ރުފިޔާ އޭނާ މަހަކު ދޭން ފެށިއެވެ. އެކަމަކު އެވަރުންވެސް ދަރީންގެ ހިތެއް ނުފުރުނެވެ. އެމީހުން ބޭނުންވަނީ އެފައިސާ އެއްކޮށް އެމީހުންނަށް ދޭށެވެ.

ސަންފަ ފައިސާ ރައްކާކުރަމުން އައީ މާމަ ދަރިފުޅު އިބްރާހިމަށްޓަކައެވެ. އެކަމަކު އެކަން ދެނެހުރީ ސަންފަ އެކަންޏެވެ. ދެތިން އަހަރުގެ ތެރޭގައި ސަންފައަށް ލައްކައެއްހާ ރުފިޔާ ޖަމާކުރެވުނެވެ. އެފައިސާ އޭނާ ރައްކާކުރަމުން އައީ އޭނާގެ ފޮށީގައެވެ. ފާރަވެރިވެ ތަޅުލައި އެބަލަހައްޓަމުން އައީ ކޮންމެވެސް އެއްދުވަހަކުން އެފައިސާ އިބްރާހިމްގެ އޮޕަރޭޝަން ކުރުމަށް ދަރިފުޅު ސަލީމާއި ހަވާލުކުރެވޭނެ ކަމުގެ އުންމީދުގައެވެ. އޭނާ ދިރި ދުނިޔޭގައި އެއިނީވެސް އެއުންމީދުގެ އެހީގައެވެ.

ނަސީބު ދިމާކުރީ އެއަށްވުރެ ދެރަކޮށެވެ. އޭނާގެ އެއުންމީދު ހާސިލްވުމާއި ހަމައަށްގޮސްފައި ވަނިކޮށް ކުރި ހުރިހާ މަސައްކަތެއް ފެނަށްވީއެވެ. މިއަދު އަސުރު ނަމާދަށް ގޮސްފައި އައިރު ކޮންމެވެސް މީހަކު ސަންފަގެ ފޮށި ފަޅާލައި ގަހަނާއި ކޮޅާއި ލާރިކޮޅު ވަގަށް ގެންގޮސްފިއެވެ. ވަގެއްގެ ސަބަބުން މައެއްގެ ހަޔާތުގެ އުންމީދުގެ ހުޅުކޮޅު ކަނިވެ ނިވުނީއެވެ.

ދެކޭމީހުން ހީކުރާނީ ސަންފަ ރޮއެ ހިތާމަ ކުރަނީ އޭނާގެ ފައިސާތައް ގެއްލުމުން ކަމުގައެވެ. އެކަމަކު ހަޤީޤަތަކީ އެއެއްނޫނެވެ. އެފައިސާއާއި ގުޅިފައިވަނީ އޭނާގެ އެއަށްވުރެ މާބޮޑު ޤުރުބާނެކެވެ. މަތިވެރި އުންމީދެކެވެ. އޭނާގެ ލޮލުން ކަރުނަ އޮހެނީ އެފައިސާ ގެއްލުމުން އެކަންޏެއް ނޫނެވެ. އިބްރާހިމަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާ އެތައް އަހަރަކުއްސުރެ ކޮށަމުން އައި މަގު ބަންދު ވުމުންނެވެ.

މިސްކިތަށް ވަދެވުނު އިރުވެސް އެމުސްކުޅި ބަލިކަށި އަންހެންމީހާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނަމާދުގެ ޖަމާޢަތުގައި ހުރި އިރުވެސް އޭނާގެ ލޮލުން ދިޔައީ ކަރުނަތައް އޮހެމުންނެވެ. ހެއްދެވި ފަރާތަށް އޭނާ ދިޔައީ ފަރިޔާދު ކުރަމުންނެވެ.

މަޣުރިބު ނަމާދުގެ ފަހުރަކުއަތުގައި ސަޖިދައަށް ދިޔަގޮތަށް ސަންފައެއް ނުތެދުވިއެވެ. ނަމާދުން ސަލާމް ދިނުމުން އެސަފުގައި ތިބިއެހެން އަންހެނުންތައް ސަންފަ ސަޖިދައިން ނުތެދުވެގެން ނެގިއެވެ. އޭރުއޭނާ އޮތީ މަރުވެފައެވެ. ލޮލުން އޮހުނު ކަރުނަ ތަކުން މިސްކިތުގެ ދޫލަ ތެމިފައި ހުއްޓެވެ.

ސަންފަ ނަގައި ގަނެގެން ރަށުގެ ސިއްޚީ މަރުކަޒަށް ގެންގޮސްފިއެވެ. ހިތް ހުއްޓި މަރުވެފައިވާކަން ޑޮކްޓަރު ޔަޤީންކޮށްދީފިއެވެ. ސަންފަގެ ދަރިފުޅު ސަލީމާއި މާމަދަރީން އޭނާގެ މޫނުދެކެން އައެވެ. އިބްރާހިމް ފިޔަވައެވެ. ހިނދުކޮޅަކަށް ނަމަވެސް ސަންފަ ނިޔާވެގެން އެމީހުން ރުޔެއެވެ.

ރަށުތެރޭގައި އެއްބަޔަކު ވާހަކަ ދެއްކީ ސަންފަ މަރުވީ ފައިސާތައް ގެއްލުމުން ލިބުނު ހިތްދަތިމުގެ ސަބަބުން ކަމަށެވެ. އަނެއް ބަޔަކު ބުނެއެވެ. ކިހާ ރީތި މަރެއް ހެއްޔެވެ؟ ދަރީން އިހާނެތިކޮށް ހިތި އިރު ބަލި ތަންމަތީގައި ދަރީންނަށް އުފުލައި ބަލަން ނުޖެހި ސަންފަ ދައިތަ އެންމެ ފަހުނޭވާ އެދޫކުރީވެސް ހެއްދެވި ފަރާތަށް ކުރާ ސަޖިދައިގައި އޮވެއެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *