ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިއްޖެއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި މިރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް އާއި ޓީމް އެފްއެފްއެވެ. ބުލް ޝާކްސްއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.
އެޗްވައިއެމް ވެޓަރަންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކުގައި އެއް ވަނަ ޓީމުގެ ގޮތުގައި އޮވެގެންނެވެ. މި ގްރޫޕުން ދެވަނަ ލިބިގެން ސެމީ އަށް ދަތުރު ކުރީ ހަތަރު ޕޮއިންޓާ އެކުގައި ޓީމް އެފްއެފްއެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.
ބުލް ޝާކްސް މުބާރާތުގެ ސެމީ އަށް ދަތުރު ކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެގެންނެވެ. އެ ޓީމަށް ހަތް ޕޮއިންޓާ އެކުގައި ލިބުނީ ގްރޫޕް ބީގެ އެއްވަނައެވެ. ގްރޫޕް ބީގެ ދެވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓާ އެކުގައި ބްލެކް ފްލޭޝްއެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވި އިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 22:30 ގައެވެ.
މި މުބާރާތުގެ ހުރިހާ މެޗުތަކެއް އެޗްވައިއެމްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހަބަރު އޮންލައިން"އެވެ.