ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ސަރުކާރުން މިދިޔަ އަހަރުގެ އޮގަސްޓް 30 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ. ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.
އެ ކޮމިޓީން ނިންމީ ޤާނޫނަށް އިސްލާހުތައް ގެނައުމަށް ފަހު ތިނަދޫ ކައުންސިލަށް ސީޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ ފަސް އިސްލާހެކެވެ. އެ އިސްލާހުތަކުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފި ނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުމާއި، ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ، ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަޤާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބަދަލުވުން ހިމެނެ އެވެ.
އަދި މިއަދު ގެނެވުނު އިސްލާހުތަކުގައި ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް، އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެނެވެ.
މީގެއިތުރުން އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި އެ ގޮތަށް ސިޓީއެއް އުފައްދާނަމަ އެ ދާއިރާއެއްގެ އަތޮޅު ކައުންސިލް އުވިގެންދާނެ ކަމުގަ އެވެ. އަދި އެ ހިސާބުން އަތޮޅު ކައުންސިލްގެ ހުރިހާ މަސްއޫލިއްޔަތެއް ސިޓީ ކައުންސިލަށް ބަދަލުވާނެކަމަށް އެ އިސްލާހުގައިވެ އެވެ.
ކޮމެންޓު ފޮނުވާ