ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނުގެ ދަށުން، ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ހެދި 320 ޕީސީއާރް ޓެސްޓް ވެސް ނެގެޓިވް ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެ 320 ޓެސްޓުގެ ތެރޭގައި ހިމެނެނީ 223 ކުޅުންތެރިންނާއި 66 އޮފިޝަލުންނާއި 16 ރެފްރީންގެ އިތުރުން އެފްއޭއެމްގެ މުވައްޒަފުންނެވެ. އެފްއޭއެމުން ބުނީ ސީޒަން ފަށަން އެޗްޕީއޭގެ ހުއްދަ ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރިކަމަށާއި މި ގޮތުން ކުރެވިފައިވާ އެންމެ ބޮޑު މަސައްކަތަކީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ކުޅުންތެރިންނާއި ޓީމް އޮފިޝަލުން އަދި މެޗު އޮފިޝަލުންނާއި މުބާރާތް ރާވައި ހިންގާ އެންމެހާ ފަރާތްތަކުގެ ޕީސީއާރް ޓެސްޓްތަކެއް ހެދުން ކަމަށެވެ.
އެފްއޭއެމުން ކަނޑައަޅާފައިވާ ގައިޑްލައިނުގެ ތެރެއިން މީޑިއާތަކުގެ ފޮޓޯގްރާފަރުންނަށް ވެސް ދަނޑަށް ވަދެވެނީ ޕީސީއާރް ޓެސްޓެއް ހެދުމަށް ފަހު ނެގެޓިވްވެއްޖެނަމަ އެވެ. ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަން ޕްރެކްޓިސް ފަށަން އެޗްޕީއޭގެ ހުއްދަދިނުމާ އެކު އެޗްޕީއޭ އިން އަންގާފައިވާ ސިއްހީ ގޮތުން އަޅަންޖެހޭ ފުރިހަމަ ރައްކާތެރި ފިޔަވަޅުތަކަށް ކްލަބްތައް އަހުލުވެރިކުރި ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅެވުނު ހަތަރު މެޗުގެ ތެރެއިން ކޮންމެ މެޗެއްގެ ކުރިން ގަލޮޅު ދަނޑު ޑިސްއިންފެކްޓްކުރާ ކަމަށް އެފްއޭއެމުން ބުނެފައިވެ އެވެ.
ފުޓްބޯޅަ މުބާރާތްތައް އަލުން ފެށޭތޯ އެޗްޕީއޭ ހުއްދަ ހޯދަން އެފްއޭއެމުން ބޭއްވި ގިނަ މަޝްވަރާތަކުގައި ގިނަ ކަންތައްތަކަކަށް އެއްބަސްވެވުނެވެ. އޭގެ ތެރެއިން އެފްއޭއެމުން ވަނީ ނިއުނޯމަލްގެ އުސޫލުތަކަށް ކްލަބްތައް ފެއްތުމުގެ ގޮތުން ކޮންމެ ޓީމެއްގައި ހައިޖީން އޮފިޝަރެއް ކަނޑައަޅައިފަ އެވެ.
ކޮމެންޓު ފޮނުވާ