ކުރު ވާހަކަ: ބަދު ދުޢާ

ކުރު ވާހަކަ: ބަދު ދުޢާ

ވެހޭ ބޯވާރޭން ކޮނޑު ހުރި އަތްވެސް ވަކިވާވަރެއް ނޫނެވެ. ޖެހެމުންދާ ބާރު ވައިރޯޅީގެ ސަބަބުން ގަސްތައްވެސް ހީވަނީ ދެންމެ ދެންމެ މުލުން ލުހިގެންދާނެ ހެންނެވެ. ވެހޭ ބޯވާރެޔާއި ޖެހޭވައިގެ ސަބަބުން ތެތް ފެހީގެ ވަސް ޖައްވުގެ ތެރޭގައިވަނީ ގަދަވެފައެވެ. ހަވީރުގެ ވަގުތު ނަމަވެސް އުޑުމަތި ބައްދާލައި ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން އިރުގެ އަލިކަން ކެނޑި ޖައްވުވަނީ އަނދިރިކަމުގެ ތެރޭގައެވެ.

ވެހެމުންދިޔަ އެބޯވާރޭގެ ތެރޭގައި ސަހަރާގެ ތެރޭގައި ފަޒީލާ އިނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ފަޒީލާ އިނީ ސަހަރާގެ ތެރޭގައި ވަރަށް އާކޮށް ހުރި އަންހެން މަހާނަގަލެއްގެ ބޯލާކޮޅު ގަލުގައި ބޯޖައްސާލައިގެންނެވެ. ވާރެޔާ ތެމިފޯވެ ޖެހޭގަދަވައިގައި ހީތުރުތުރުލަމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު ވާރޭވެހޭ އަޑާއި އެކުލަވައި އިވެމުންދިޔައެވެ. އޭނާގެ އަޑުގައިވަނީ ވޭނީ އަސަރެވެ. މޫނުގައިވަނީ އުދާސްކަމެވެ. މޫނުމަތީގައި ލާފައިހުރި ބޮޑެތި ދިގު ލަކުނު ތަކުގެ ސަބަބުން މީހާގެ ސިފަވަނީ ހުތުރުވެފައެވެ. ބޮލުގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައިވުމުން އޭނާގެ ކިބައިން އަންހެންވަންތަކަމުގެ ސިފައަށްވުރެ ބޮޑަށް ފެންނަނީ ފިރިހެންވަންތަ ސިފައެވެ. އެއްފައި ކަކުލުހުޅުން ބުރިކޮށްލާފައިވާއިރު އަނެއްފައިވަނީ އުކުޅުވަޅާއި ހަމައަށް ބުރިކޮށްލާފައެވެ. ފަޒީލާ ފެނުނު ކޮންމެ މީހަކަށް ފަޒީލާއަކީ ނުރައްކާތެރި އެކްސިޑެންޓެއްގައި ކިރިޔާ މަރުން ސަލާމަތްވެފައި ހުރި މީހެއްކަން ޝައްކެން ނެތް މިންވަރަށް ދޭހަވާނެއެވެ.

އެމަހާނަގަލުގައި ބޯއަޅައިގެން އޮވެ ފަޒީލާ ރޮމުން ދިޔައެވެ. އޭނާގެ ކުށްތަކުގެ ކައްފާރާއަކަށް އެމިންވަރު ފުދުން އެދިއެވެ. އޭނާގެ ކުށުގެ ތައުބާއަކަށް އެކަންވުން އެދިއެވެ. އެހެނީ އެކަށްވަޅުގައި އެއޮތް އަންހެނާއަކީ ފަޒީލާ ދިން އަނިޔާގައި މިދުނިޔޭން ވަކިވެ ދިޔަ އަންހެނެކެވެ. ޒުވާންކަމާއި ލޯބީގެ މަސްތުގައި ފަޒީލާ އޭނާގެ ދުވަސްދުއްވާލީއެވެ. ދިރިއުޅުން ވީރާނާ ކޮއްލީއެވެ. އެހެން ނަމަވެސް އެއަންހެންމީހާގެ އެންމެ ބަދުދުޢާއެއް ފަޒީލާގެ މައްޗަށް ޖެހި މިއަދު އޭނާ ތަހައްމަލުކުރަން ޖެހިފައި އެވަނީ ކޮންފަދަ ވޭނީ ދިރިއުޅުމެއްކަން އިހްސާސްކޮއްލެވޭނެ މީހަކުވެސް ނެތެވެ.

އެމަހާނަ ދޮށަށް ފަޒީލާއައީ ރީނާގެ ކިބައިން މައާފް ލިބުން އެދިއެވެ. ރީނާގެ ފުށުން ޖަވާބެއް ލިބޭވަރަށް ވުރެ މާދުރުގައި އޭނާވިޔަސް ފަޒީލާގެ ރުއިމާ އާދޭސްތަކުގެ އަޑު ރީނާއަށް އިވޭނެކަން ޤަބޫލު ކުރާތީއެވެ. ރީނާގެ މަޢާފާއި ނުލައި އޭނާއަށް އަރުޝީގެ ހިޔާވައިކަން ނޫން ހިޔާވަހިކަމެއް ނުވާދުވަހުގައި އޭނާ ލުޔެއް ނުލިބޭނެކަން ޔަޤީންވާތީއެވެ. އެކަމަށް އީމާންވާތީއެވެ. އެކަމަކު ފަޒީލާއަކީ ކިހާ ބަދު ނަސީބު އަންހެނެއް ހެއްޔެވެ؟ އޭނާ އަށް ވިސްނުނީ އަލުން އިޢާދަވުމެއް ނެތް ގޮތުގައި ކަންކަން ހިނގައި ނިމިދިޔަ ފަހުންނެވެ. ވަގުތު ފާއިތުވީ ފަހުންނެވެ. މިއަދު އޭނާއަށް ކުރެވޭން އޮތް ހަމައެކަނި ކަމަކީ ރީނާގެ މަހާނަދޮށަށް އައިސް ކަރުނަ އޮއްސުމެވެ. މަޢާފަށް އެދި އާދޭސްކުރުމެވެ. ރީނާއަށް ޖަވާބެއް ނުދެވުނަސް އޭނާގެ މަޢާފް ލިބިއްޖެނަމަ ފަޒީލާއަށް ޖެހިފައިވާ ބަލާތަކައި މުސީބަތްތައް ހަޔާތުގެ ބާކީ އޮތްތަނުގައި ލުއިވެދާނެކަމަށް އޭނާއަށް ވިސްނެނީއެވެ.

ރީނާ އާއި ނަސީމަކީ، ސުނާމީ ކާރިސާ އަށްފަހު ގަމަށް ދިރިއުޅުން ބަދަލުކުރި ދެމީހުންނެވެ. ރީނާއަކީ ނަރުހެކެވެ. ނަސީމަކީ ޓީޗަރެކެވެ. އެދެމީހުން ގަމުގައި ދިރިއުޅެމުން ދިޔައީ ސުނާމީއާއި ގުޅިގެން އިމާރާތްކޮށް އެރަށަށް ހިޖުރަކުރި މީހުންނަށް ސަރުކާރުން ދޫކުރި ގެތަކުން ގެއެއްގައެވެ. ދަރިއަކު ނެތުމާއި އެކުވެސް އޭރު އެދެމަފިރިން ވޭތުކުރަމުން ދިޔައީވެސް ހަނީ މޫންފަދަ އުފާވެރި ދުވަސްތަކެކެވެ.

ފަޒީލާއަށް ނަސީމް ފެނުނީ މުދައްރިސުންގެ ދުވަހު ފިރިހެން ބެލެނިވެރިންނާއި މުދައްރިސުންކުޅުނު ވޮލީ މެޗެއްގެ ތެރެއިންނެވެ. އެދުވަހު ނަސީމްގެ ރީތިކަމާއި ފިރިހެންވަންތަކަން ފެނިފައި، ފަޒީލާފަދަ ފިރިހެނުން "ހިތި" އަންހެނެއްގެ ހިތަށް ކުރާނެ ހުރިހާ އަސަރެއްފަޒީލާގެ ހިތަށް ކުރިއެވެ. ނަސީމް އަތު އަޅުވާލުމުގެ ނިޔަތް އޭނާގެ ހިތުގައި އުފެދުނެވެ. ދެސަބަބަކަށްޓަކައެވެ. އެއްސަބަބަކީ ނަސީމްގެ ރީތިކަމާއި ފުރިހަމަކަށް ފެނިފައި ވީ ދައްސެވެ. އަނެއް ސަބަބަކީ ނަސީމް އަކީ މަތީ މަޤާމެއްގައި ހުރި މީހަކަށްވުމުން އޭނާއަށް ލިބޭ އާމުދަނީ ބޮޑުވާނެކަން ފަޒީލާއަށް ވިސްނުމެވެ. އެހެންކަމުން ފުރަތަމަ ފެނުނު ދުވަހުންފެށިގެންވެސް ވަގުބުޅަލެއް ވަޅޯމަސްގަނޑަކަށް ދަހިވެތިކަމާއި އެކު ބަލާހެން ފަޒީލާއައީ ނަސީމަށް ބަލަމުންނެވެ. ރޭވުންތައް ރާވަމުންނެވެ. ނަސީމްގެ ހިތް އަތުލާނެ މަގުތައް ފަހި ކުރަމުންނެވެ. އެހެންކަމުން ނަސީމް ފެންނަ ކޮންމެތާކުން ނަސީމަށް އިހްސާސް ކުރެވޭ ވަރަށް ފަޒީލާ ދިޔައީ ނަސީމަށް ބަލަމުންނެވެ.

އެދެމީހުން ފުރަތަމަ ދިމާވެ ވާހަކަދެއްކީ ރީޖަނަލް ހޮސްޕިޓަލުގެ ބޭރު ދޮރު ކައިރިންނެވެ. ރީނާ ބަލާއައިސް ދޮރު ކައިރީގައި ނަސީމް ހުއްޓައެވެ. ފަޒިލާ ހުރީ އޭނާގެ 2 އަހަރުގެ ދަރިފުޅު ޑޮކްޓަރަށް ދައްކަން އައިހެވެ. ނަސީމް އެކަނި އިންތަން ފެނުމުން ދަނޑިވަޅު ބަލާފައި ފަޒީލާ ނަސީމްގެ ގާތަށް ޖެހިލިއެވެ. އަދި ވަރަށް ދެރަވެފައި ދަރިފުޅުގެ އައިޑީ ކާޑު ނުގެނެވޭތީ ގެއަށް އޭނާ ގޮވައިގެން ގޮސް އައިސްދެވި ދާނެތޯ އެއްސެވެ.

ފަޒީލާ ނަސީމް އާއި ބައްދަލުވެ ފުރަތަމަވެސް ހެދީ ދޮގެކެވެ. އޭނާ ދަރިފުޅު ރައްޓެހި އެހެން މީހެއްގެ ގާތުގައި ބަހައްޓާފައި އައީ ދަރިފުޅުގެ އައިޑީ ކާޑު ނުގެނެވިގެނެއް ނޫނެވެ. ނަސީމްގެ ސައިކަލު ފަހަތަށް އަރާހިތުންނެވެ. ނަސީމަށް އިޝާރާތެއް ދޭ ހިތުންނެވެ. ނަސީމް ފަޒީލާ ގޮވައިގެން އެގެއަށް ގޮސްފައި އައިރު ރީނާ ހުރީ ނަސީމް ލަސްވެގެން ނުކުމެ ހޮސްޕިޓަލުގެ ދޮރުމަތީގައެވެ. ބޯވައެއްހެން ފަޒީލާ ނަސީމްގެ ބުރަކަށީގައި ތަތްވެ ގަނެގެން އޮތް މަންޒަރު ރީނާއަށް ފެނުނެވެ. އެމަންޒަރުން ރީނާގެ ހިތް ނުތަނަވަސް ވެސް ވިއެވެ. އަދި އެއަށްވުރެ ބޮޑަށް ރީނާ ނުތަނަވަސް ވީ ސައިކަލުން ފައިބައިގެން ހޮސްޕިޓަލުގެ ގޭޓުން ވަންނަމުން ރީނާއާއި ދިމާއަށް ފަޒީލާ ހީލި ވިހަ ހިނިތުންވުމުގެ ސަބަބުންނެވެ.

ފަޒީލާ އައީ ނަސީމްއާއި މަޑުމަޑުން ގާތްވަމުން އޭނާގެ ހިތް އަތުލުމަށް މަސައްކަތް ކުރަމުންނެވެ. ދަރިއަކު ލިބުނު ފަހުން ފިރިމީހާ އޭނާވަރިކޮށްލާފައި ދިޔައީ އޭނާގެ އެއްވެސް ކުށެއް ނެތިކަމުގައި ބުނަމުންނެވެ. ދަރިފުޅާއި އަޅާނުލާތީ އާއި ޚަރަދު ނުކުރާތީ ދަތިކޮށް އުޅެންޖެހިފައިވާކަމަށް ބުނެ މޮޅެތި ސްޓޯރީތައް ޖައްސަމުންނެވެ. އެހުރިހާ ކަމަކީ ނަސީމްގެ ހަމްދަރުދީ ހޯދުމަށް ފަޒީލާ ކުރަމުން އަންނަ ކަންތައްތައް ކަމެއް ނަސީމަކަށް ނުވިސްނެއެވެ.

ފަޒީލާއަށް އޭނާގެ މަޤުޞަދު ހާސިލްކުރުމަށް ލިބުނު އަނެއް ފަސޭހައަކީ ނަސީމަކީ ކުޑަކުދިންދެކެ ލޯބިވާ މީހަކަށް ވީކަމެވެ. އެހެންކަމުން އެކަމުގެ ފައިދާ ނަގައި ފަޒީލާ އައީ އޭނާގެ ދަރިފުޅާއި ނަސީމާއި ގާތްކުރުވަމުންނެވެ. ފަޒީލާގެ މަޤުސަދާއި އޭނާ ކަންކަން ކުރަމުންދާ ގޮތް ރީނާއަށް ވިސްނުނަސް އެކަން ނަސީމަކަށް ނުވިސްނެއެވެ. އޭނާއަށް ފަޒީލާ ފެންނަމުން ދިޔައީ ރަނގަޅު މީހެއްގެ ގޮތުގައި ކަމަށް ވާތީއެވެ. ނަސީމަކީ މީހުންނާއި ދޭތެރޭ ހިތްނުބައި މީހަކަށް ނުވާތީއެވެ.

ފަޒީލާ އޭނާގެ ދަރިފުޅު ގޮވައިގެން ނަސީމާއި ރީނާ އުޅޭ ގެއަށްވެސް މަދުމަދުން އަންނަން ފެށިއެވެ. އެކަމާއި އެއްޗެއް ބުނާކަށް ރީނާއަކަށް ނުކެރުނެވެ. އެކުޑަކުއްޖާ ގޮވައިގެން ނަސީމް އުޅޭ އިރު ނަސީމުގެ ހިތުގައި ނުބައި ނިޔަތެއް ނޯންނާނެކަން ރީނާއަށް އެނގޭތީއެވެ. އަދި ފަޒީލާ ނަސީމާއި މެދު ކޮންމެ ގޮތަކަށް ދެކުނަސް ނަސީމް ފަޒީލާ ދެކޭނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގައި ކަން ޔަޤީންވާތީއެވެ. އޭގެ އިތުރަށް ނަސީމްއަށް ޝައްކު ކުރަން ބޭނުން ނުވާތީއެވެ. އެކަމަކު ފެންނަމުންދާ މަންޒަރުތަކުން ރީނާ އާއި އެކުގައި އުޅޭ އެހެން ނަރުހުންނަށް ވެސް އަނގަ ހިމޭނުން ލައިގެނެއް ނުތިބެވުނެވެ. އެމީހުންނަށް ފަޒީލާގެ އުޅުމާއި އަޚުލާޤު ރަނގަޅަށް އެނގޭތީއެވެ. އެހެންކަމުން އެމީހުން ރީނާއަށް ނަސޭހަތްތެރިވަމުން ދިޔައީ ފަޒީލާ ދުރަށް ލުމަށެވެ. އެހެންނޫނީ އޭނާ ރީނާގެ ދިރިއުޅުމަށް އޭނާ ވަދެ އެދިރިއުޅުން ހަލާކުކޮށްލާނެކަން އެމީހުންނަށް ޔަޤީންވާތީއެވެ.

ފަޒީލާގެ ކަންކަން ކުރަމުން އައިގޮތުން ރީނާއަށްވެސް އެކަން އައީ ވިސްނެމުންނެވެ. ނުސީދާ ބަހުން ރީނާއައީ ފަޒީލާއަށް އޭނާ ނުރުހޭކަން އަންގަމުންނެވެ. އެކަމަކު ފަޒީލާ އެކަން ދެނަހުރި ކަމަކަށް ނުހެދިއެވެ. ރީނާ ސާފުބަހުން އެހެން ނުބުނާތީ އޭނާހުރީ ނޭނގޭކަމަށް ހަދައިގެންނެވެ. މައުސޫމުގޮތް ދައްކައިގެންނެވެ. ނަސީމްގެ ކުރިމަތީގައެވެ. އެންމެ ފަހުން ކެތް ނުވެގެން ރީނާ ފަޒީލާގާތުގައި ނަސީމް އާއި ދުރުގައި ހުރުމަށް ބުނި ދުވަސްވީ ފަޒީލާގެ ހަޤީޤީ ސޫރައާއި އޭނާގެ މަޤުޞަދު ރީނާއަށް ހާމަވި ދުވަހަށެވެ. އެދުވަހު ސާފު އިބާރާތުން ނަސީމާއި ދުރު ނުވާނެކަމަށާއި އޭނާއާއި ދެއަނތްބަށް ނަމަވެސް އިންނާނެ ކަމުގައި ބުންޏެވެ. އަދި ރީނާއާއި ދިމާއަށް ތިޔައީ ދަރިއަކު ނުލިބޭ އަންހެނެކޭ ބުނެ މަލާމާތްވެސް ކުރިއެވެ.

އެއީ ރީނާގެ ހިތަށް އެންމެ ތަދުވި ދުވަހެއެވެ. ތެދެކެވެ. އެކައިވެންޏަށް ހަ އަހަރުވީއިރުވެސް އެދެމީހުގެ ކައިވެނީގެ ގަހުގައި މަލެއް ނުފޮޅުނެވެ. މައްސަލަހުރީ ކާކުގެ ކަން ނޭނގޭތީ އެކަކު އަނެއްކަކަށް ތިބީ އެވާހަކަ ދައްކަން ނުކެރިފައެވެ. ޓެސްޓް ކުރަންވެސް ނުކެރިފައި ތިބީ ދަރިން ނުލިބެނީ ކާކަށް ކަން އެނގި އެކަކު އަނެކަކު ކުއްވެރި ކުރެވި ވަކިވާން ޖެހިދާނެތީއެވެ. ދަރިއަކު ނެތަސް އެމީހުންގެ ހަޔާތުގެ ލޯތްބެއް އުންޏެއް ނުވެއެވެ. އެކަމަކު ހަޔާތުގެ ފަޅުކަން ދެމީހުންނަށްމެ އައީ އިހްސާސްކުރެވެމުންނެވެ. ޚާއްސަކޮށް ފަޒީލާގެ ދަރިފުޅު އެގެއަށް ގެންނާތީ އެފަޅުކަމާއި އުނިކަން ރީނާއަށް އިހްސާސްވާ މިންވަރު އައީ ބޮޑުވަމުންނެވެ.

ރީނާ އަށް ހަޤީޤަތް ފާޅުވުމަށްފަހު ނަސީމުގެ ގާތުގައި ރީނާ އެވާހަކަ ދައްކައިފާނެތީ ފަޒީލާ ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ ނަސީމްގެ ހަޔާތުން ރީނާ ދުރަށްލާށެވެ. ވެވުނު ކޮންމެ ގޮތަކުންނެވެ. އަބަދުގެ އަބަދަށެވެ. އެހެންކަމުން އޭނާ ނުބައި ރޭވުމެއް ރޭވިއެވެ. މިދުނިޔެމަތީގައި މީހަކު ރާވާނެ އެންމެ ނުބައި ރޭވުމެވެ.

ރީނާއާއި ދިމާއަށް ފަޒީލާ އެހެން ބުނީ އެދުވަހު އޭނާ ޑިއުޓީއަށް އައިސް ހުއްޓައި ހޮސްޕިޓަލުގެ ގޯތި ތެރެއިން ދިމާވެގެންނެވެ. އެހެންކަމުން ފަޒީލާ ބޭނުންވީ ދެން ރީނާ ނަސީމްއާއި ބައްދަލުވިޔަ ނުދޭށެވެ. އެދުވަހު ނަސީމް ސްކޫލުގައި އުޅެނިކޮށް މީހަކު ލައްވައި ފަޒީލާ ނަސީމްގެ ފޯނު ފޮރުވީއެވެ. ބޭނުމަކަށްވީ ނަސީމް ރީނާ ބަލައި އަޔަ ނުދިނުމެވެ.

އިރުއޮއްސި ހަތްގަޑިބައި ވީއިރު ޑިއުޓީ ނިމިގެން ގެއަށް ނުދެވިފައި ރީނާ ހޮސްޕިޓަލުގެ ދޮރުމަތީގައި ހުއްޓެވެ. އެތައް ފަހަރަކު އޭނާ ނަސީމް އަށް ގުޅިއެވެ. އެކަމަކު ފޯނަށް ޖަވާބު ނުދޭތީ ރީނާ ހުންނަން ޖެހުނީއެވެ. އޭރު ނަސީމް އުޅެނީ ފޯނު ގެއްލިގެންނެވެ. ސްކޫލުތެރެ ހޯދުމަށްފަހު ދެފަހަރަކަށް ގެއަށް ގޮސް ގޭގައިވެސް ފޯނު ބޭއްވިފައި އޮތްތޯ އޭނާ ބެލިއެވެ. އެހެން އުޅެ އުޅެ ހުއްޓައި ރީނާ ބަލައިދާ ގަޑިޖެހުނު އިރުވެސް ނަސީމަކަށް ނޭނގުނެވެ.

ނަސީމް ލަސްވެގެން ރީނާ ނިންމީ ހިނގާފައި ގެއަށްދާށެވެ. އެހެން މީހެއްގެ ސައިކަލު ފަހަތަށް އެރުމަކީ އޭނާއަށް ކުރަންކެރޭ ކަމަކަށް ނުވާތީއެވެ. ނަސީބު ދެރަކަމުން އެރެއަކީ ބަހުގެ ޚިދުމަތްވެސް މެދުކެނޑިފައި އޮތް ރެއެކެވެ. ޓެކްސީއަކަށްވެސް އަރަން ނުކެރުނީ އެކަނި ޓެކްސީއަށް އަރަން އޭނާ ޖެހިލުން ވާތީއެވެ.

ގެއަށް ދިޔުމަށްޓަކައި ރީނާ ހިނގައިގަތެވެ. އޭރުވެސް ރީނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފަޒީލާގެ ވާހަކަ ތަކެވެ. އޭނާގެ މަލާމާތުގެ ވިހަ ބަސްތަކެވެ. އެހެންކަމުން މަގުމައްޗަށް ދޭންވާ ސަމާލުކަމެއް ރީނާއަކަށް ނުދެވުނެވެ. އޭނާ ހިނގަމުން ދިޔައީ އެޚިޔާލުތަކުގައި ހުރެ މަގުގެ އެއްއަރިންނެވެ. ހޮސްޕިޓަލުގެ ކަނުންލާފައި ރީނާ މައިމަގަށް ލަނބާލި ވަގުތު އޭނާގެ ލޮލަށް އެޅުނީ މަގުމަތިން ބާރު ސްޕީޑްގައި ދުއްވާފައި އައި ޕިކަޕެއްގެ އައްޔެވެ. އެވަގުތު ހުރަސް މަގުން މައިމަގަށް ބާރު ސްޕީޑުގައި ނުކުތް ސައިކަލެއް ޕިކަޕުގެ ކުރީކޮޅުގައި ޖެހިފައި ވިއްސައިގެން އައީ ރީނާއާއި ދިމާއަށެވެ. ސައިކަލުން ޖެހުނީ ރިނާގެ ގައިގައެވެ. އެއާއި އެކު އޭނާ ވަރަށް ބޮޑަށް ޒަޚަމްވެއްޖެއެވެ.

އެއީ އެކްސިޑެންޓެއް ނޫނެވެ. ރޭވުމެކެވެ. އެކަމަކު ސީނަށް އައި ފުލުހުންނަށް ފެނުނީ އެއީ އެކްސިޑެންޓެއް ކަމަށެވެ. އެއީ ސީދާ ރީނާއަށް އަމާޒުކުރެވުނު ނުރައްކާތެރި ހަމަލާއެއް ކަމުގައި ވިސްނޭ ވަރަށްވުރެ އެރޭވުން ރޭވި މީހުންގެ ޕްލޭން މޮޅު ކަމުންނެވެ. ސައިކަލުގައި އިންމީހާއަކަށް މާބޮޑު އަނިޔާއެއް ނުވެއެވެ. އަނިޔާވީ ރީނާއަށެވެ.

އެއެކްސިޑެންޓްގައި ރީނާ މަރެއް ނުވިއެވެ. އެކަމަކު އޭނާވީ ނުކުޅެދޭ މީހަކަށެވެ. ހިނގައި އުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ މީހަކަށެވެ. އެކަމަކު އޭނާ ހިނގާދިޔަ ހުރިހާކަމެއް ރަނގަޅަށް ހަނދާން ހުއްޓެވެ. ތިންމަސް ވާންދެން ހޮސްޕިޓަލުގައި ރީނާ އޮންނަންޖެހުނެވެ. އެދުވަސްތަކުގައި ފަޒީލާ ދިޔައީ ނަސީމްގެ ހިތް ފަތަހަ ކުރަމުންނެވެ. ގެއަށް އައިސް ނަސީމުގެ ކަންތައްތައް ކޮށްދެމުންނެވެ. ދޮވެ އިސްތިރިކުރުމާއި ކައްކައި ކާންހަދައި ދިނުމުގައެވެ. ގޭތެރެ ބެލެހެއްޓުމުގައެވެ.

ގެއަށް ބަދަލުކުރުމާއި އެކު ރީނާއަށް ފެންނަންފެށީ އޭނާގެ ހިތްކުދި ކުދިވަމުންދާ މަންޒަރުތަކެވެ. ފަޒީލާ ނަސީމް އާއި ގައިގޯޅިކޮށް ހީސަމާސާކޮށް ހަދާގޮތުންނެވެ. އެއިން ކޮންމެ ކަމަކުން ރީނާގެ ހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. އެކަމަކުވެސް އޭނާ އަނގަހިމޭނުން ލައިގެން ހުރީއެވެ. ނުކުޅެދޭ އަނތްބަކަށް ފިރިމީހާއަށް ކޮށްދެވޭނެ ކަންކަންވެސް ނެތުމާއި އެކުގައެވެ. ނަސީމަށް ރީނާގެ ފުށުން އުފަލާއި އަރާމެއް ދެން ލިބުން ނެތްކަންވެސް ވިސްނޭތީއެވެ. އެކަމަކު ރީނާ އެހާލުގައި އިންނަންޖެހުނީ ފަޒީލާގެ ސަބަބުން ކަމެއް ރީނާއަކަށްވެސް ނޭނގެއެވެ. ފަޒީލާއައީ ރީނާއަށްވެސް އަޅާލާކަން ނަސީމްގެ ކުރިމަތީގައި ދައްކަމުންނެވެ. ރީނާގެ ކަންކަން އޭނާ ކޮށްދެނީ ހެޔޮހިތުންކަމުގައި ނަސީމަށް ވިސްނޭނެހައި ގޮތަކަށް މަސައްކަތް ކުރަމުންނެވެ.

ސިޓިންގ ރޫމުގައި ޚަބަރު ބަލަން އިނދެފައި ރީނާކޮޓަރިއަށް ދިޔައީ ފާޚާނާއަކަށް ދާން ބޭނުން ވެގެންނެވެ. އަމިއްލައަށް ގޮނޑިދުއްވާފައި އޭނާ ކޮޓަރިއަށް ދަމުން ޖެހިގެން ހުރި ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލީ ކޮޓަރި ތެރޭގައި ފަޒީލާއާއި އެކުގައި ނަސީމްވެސް އުޅޭހެން ހީވެގެންނެވެ. ރަނގަޅަށް ނުލެއްޕި ހުރި ދޮރުކައިރީގައި ރީނާ މަޑުކޮށްލިއެވެ. އަދި ހުޅުވިފައިވާ ދޮރުގެ ދޭތެރެއިން ބަލާލިއެވެ. ރީނާއަށް ފެނުނީ ޤަބޫލުކުރަންވެސް ދަތި މަންޒަރެކެވެ. ފަޒީލާއާއި ނަސީމް އޮތީ އެނދުމަތީގައި އޮށޯވެގެނެވެ. ނަސީމްގެ މޭމަތީގައި ބޯއަޅައިގެން އޮވެ ފަޒީލާ ނަސީމާއި ސަމާސާ ކުރަމުން ދިޔައެވެ. ރީނާ ގޮނޑި ދުއްވާލި ވަގުތު ގޮނޑީގެ ފުރޮޅެއް ދަށުވީ ސިޓިންގ ރޫމުގެ ތެރެއަށް ވެއްޓިފައި އޮތް ކުޑަފެންފުޅިއެއްގެ މަތި ގަނޑެވެ. ފުރޮޅު ދަށުވެ މަތިގަނޑު ވިއްސައިގެން ގޮސް ކަބަޑުގައި ޖެހުނު އަޑާއިއެކު މާހައުލުގެ ހަމަހިމޭންކަން ކެނޑިގެންދިޔައެވެ.

ކޮޓަރިއަށް ވަދެވުމާއި އެކު ރީނާއަށް ރޮވެން ފެށުނެވެ. އިރުކޮޅަކުން ފަޒީލާއައިސް ކޮޓަރިއަށް ވަނެވެ. ރީނާގެ މޫނަށް އަރާފައިވާ ކުލަވަރާއި އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނައިން ވީގޮތް ފަޒީލާއަށް ވިސްނިއްޖެއެވެ. އޭނާ ރީނާއާއި ދިމާއަށް ހީލީ މަލާމާތުގެ ހިނިތުން ވުމަކުންނެވެ.

"ކަލެއަށް ޖެހޭނީ ތިޔަހެން ހަމަ ރޯން އިންނަން. ކަލެއަށް އެނގޭތަ ކަލޭ އެކްސިޑެންޓް ކޮށްލީވެސް އަހަރެންގެ ރޭވުމަކުން. އުމުރުގައި ތަންހުރީތީ މަރުނުވީ. ނޫނީ މިމަންޒަރު ކަލެއަށް ފެންނަން ވެގެން އަހަރެން ބުނީމެއްނު އަހަރެންގެ މީހަކަށް ނަސީމް ހަދާނަމޭ" މަލާމާތުގެ ރާގުގައި ފަޒީލާ ބުންޏެވެ.

"ކޮންމެ މީހަކަވެސް ނުބައިކަން ދެއްކޭނީ ވަކިވަރަކަށް. އުމުރަކަށް ނޫން" ދެލޯ ފޮހެލަމުން ރުޅިވެރިކަމާއި އެކު ރީނާ ބުންޏެވެ. ރީނާގެ އަޑު އިވިފައި ފަޒީލާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ފަޒީލާވެސް ނަސީމްވެސް ހީކޮށްގެންހުރީ އެކްސިޑެންޓްގައި ލިބުނު ޝޮކްގައި ރީނާއަށް ވާހަކަ ނުދެއްކޭ ކަމަށެވެ. އެއީ ޑޮކްޓަރުންވެސް އެގޮތަށް ލަފާކޮށްފައިވާތީއެވެ. އެހެން ނަމަވެސް ހިތަށް ލިބިފައިވާ އަނިޔާގެ ސަބަބުން ރީނާ އެއްވެސް މީހަކާއި ވާހަކަދައްކަން ބޭނުން ނުވީއެވެ.
"ކަލެއަށް ވާހަކަވެސް ދެއްކޭތަ" ހައިރާންވެ ދެލޯ ބޮޑުކޮށްލަމުން ފަޒީލާ އެހިއެވެ.

"އަހަރެން އަނގައިން ނުބުނެ މިހުރީ ކަލޭގެ ނުބައިކަން ހާމަވާނެ ވަގުތަކަށް އިންތިޒާރުކޮށްގެން. އަހަރެންނަށްދިން އަނިޔާގެ ބަދަލުގައި މިގޮނޑީގައި މިއަށްވުރެ ހިތާމައިގައި މާތް ﷲ ކަލޭ ބައިންދަވާށި!" ރީނާވެސް ދުލެއް ނުކުރިއެވެ.

އައިރުޅީގައި ފަޒީލާ ގޮށްމުއް ކަވާފައި ހޫރާލި އެތިފަހަރު ގޮސް އެރީ ރީނާގެ ކަންކަށިމައްޗަށެވެ. މަރުވަޅަށެވެ. އެއާއި އެކު ގޮނޑިއާއި އެކު ރީނާވެއްޓުނެވެ. ދެވަނަ ސިކުންތުގައި ކޮޓަރީގެ ތެރޭގައި ހުރި ކޮމްޕިއުޓަރ ޓޭބަލް ފަޒީލާ ރީނާގެ ގައިމައްޗަށް ވައްޓާލިއެވެ. ކޮމްޕިޓަރ ޓޭބަލް ވެއްޓުނު އަޑާއި ފަޒީލާ ހަޅޭލަވައިގަތް އަޑު އިވިފައި ނަސީމްކޮޓަރިއަށް އައީ ދުވެފައެވެ.

ހޮސްޕިޓަލާއި ހަމައަށް ގެންދެވުނު އިރު ރީނާގެ ފުރާނަ އެނިކަމެތި ހަށިގަނޑާއި ވަކިވެއްޖެއެވެ. ނަސީމަށްވެސް އެހެން މީހުންނަށްވެސް ޤަބޫލު ކުރެވުނީ އެއީވެސް އެކްސިޑެންޓެއް ކަމުގައެވެ. އެކަމަކު ހަޤީޤަތް އެނގެނީ ފަޒީލާއަށެވެ. އޭނާ ނަސީމުގެ ލޯބި މިލުކު ކުރުމަށާއި ހަޤީޤަތްތައް ދުނިޔެއަށް ފާޅުވެދާނެތީ ރީނާ މަރާލީ ކަމެއް އެކަކަށްވެސް ވިސްނައި ގަންނާކަށް ނޭނގުނެވެ.

ރީނާ މަރުވުމަށްފަހު ފަޒީލާއަށް އުނދަގޫތައް ވާންފެށިއެވެ. ހިތްބިރުގަންނަން ފެށިއެވެ. ނަސީމްއާއި ގާތްވާން އުނދަގޫ ވާންފެށިއެވެ. އޭނާގެ ސިކުނޑީގައި ހަރުލާފައި ވަނީ ރީނާގެ އެންމެ ފަހުގެ ޖުމުލަތައް ކަމުގައިވާތީއެވެ. ރީނާގެ ބަދު ދުޢާ އޭނާއަށް ނުޖެހި ނުދާނެކަމުގައި ހީކުރެވޭތީއެވެ.

ކަންވީވެސް އެހެންނެވެ. ރީނާ މަރުވިތާ ތިންމަސް ފަހުން ފަޒީލާއާއި ނަސީމް ކައިވެނިކުރަން އޮތްރޭގެ ކުރީރޭ މަގުމަތީ އެކްސިޑެންޓެއްގައި ނަސީމް މަރުވީއެވެ. ފަޒީލާ ސަލާމަތްވި ނަމަވެސް އޭނާއަށް ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން ދެފައި ބުރިކޮށްނުލައި ފުރާނަ ސަލާމަތް ކުރެވެން ނެތިގެން ޑޮކްޓަރުން ފަޒީލާގެ ދެފައި ބުރިކޮށްލީއެވެ. އެއެކްސިޑެންޓްގައި ފަޒީލާގެ މޫނުމަތިވެސް ވަރަށް ބޮޑަށް ހަލާކުވެ މީހާގެ ސިފަގެއްލުނީއެވެ. ދިރިހުއްޓަސް ބޭނުމެއް ނެތް ބޭކާރު މީހަކަށްވީއެވެ. އެހިތާމަވެރި ހިތްދަތި ހާލުގައި ފަޒީލާ ދިރިއުޅޭތާ އެތަކެއް އަހަރުވެއްޖެއެވެ.

ނަސީބު ކަންދިމާކުރި ގޮތުން ފަޒީލާގެ އާއިލާއަކީ ކެރިފޯރުންތެރިކަން ކުޑަ އާއިލާއަކަށް ވުމާއި އެކު އޭނާ ބޭނުން ކުރަންޖެހިފައިވަނީވެސް ރީނާ ބޭނުންކުރި ގޮނޑިއެވެ. ތެދެކެވެ. މީހެއްގެ ބަދު ދުޢާ އެހެންމީހެއްގެ މައްޗަށް ޖެހޭނޭ އެންމެ ފުރިހަމަ ގޮތުގައި ފަޒީލާގެ މައްޗަށް ޖެހިއްޖެއެވެ. ތަފާތެއް ނެތިއެވެ.

ފަޒީލާ އަކީ ދީނީ ހޭލުންތެރިކަން ކުޑަ އަޤީދާ ބަލިކަށި މީހަކަށް ވިޔަތީ އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަކީ ކިހާ ބާރުގަދަ ހަތިޔާރެއްކަން އޭނާއަށް ނުވިސް ނުނީއެވެ. އަދި ބޮޑާކަމާއި ކިބުރުވެރިކަމާއި ކަންދެއްކުމާއި ބާރު ދެއްކުމުގައި އޭނާއަށް އުމުރުގެ އެންމެ މުހިއްމު ދުވަސްތައް ބޭކާރުކޮށްލެވުނީއެވެ. އެކަމަކު އެކަންކަން އެނގި ދަސްވެ ޤަބޫލު ކުރެވުނު އިރު ނަސީބާއި މެދު ހިތާމަކޮށް ކަރުނަ އޮއްސުން ފިޔަވައި އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މިހާރު އޭނާއަށް ކުރެވޭހާވެސް ކަމަކީ ރީނާގެ މަހާނަދޮށަށް އައިސް މަޢާފަށް އެދި ރޮއި ހޭރުމެވެ. އެކަމަކު ރީނާ އެވަނީ ފަޒީލާއަށް މައާފްދެވޭވަރަށްވުރެ މާދުރުގައެވެ. އިންސާފުވެރި ކަލެއްގެ ހަޟުރަތުގައެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *