ކުރު ވާހަކަ: އިހުމާލު

ކުރު ވާހަކަ: އިހުމާލު

ސަހަރާ ތެރޭގައި މީހުންތައް ފުރި ބާރުވެފައި އޮތެވެ. އެއިން ކޮންމެ މީހެއްގެ ލޮލުގައިވެސް ވަނީ ކަރުނައެވެ. ބައެއް މީހުން އެކަކު އަނެކަކާއި ކޮންމެވެސް ވަރަކަށް ވާހަކަދެއްކިއަސް ގިނަ މީހުން ތިބީ ހިމޭނުންނެވެ. އޭގެ ތެރޭގައި ޑރ ޒީޝާންވެސް ހުއްޓެވެ. އޭނާހުރީ ހިމޭންވެފައެވެ. ބަސްހުއްޓިފައެވެ. ކުއްވެރިއަކު ފަދައިންނެވެ.

ހިނަވައި ކަފުންކޮށްފައިވާ ދެމައިންގެ މޫނުދެކެން އާއިލާގެ މީހުންނާއި ރައްޓެހިންނާއި އެނޫން މީހުންވެސް އައިސް ތިއްބެވެ. ހިއްވަރުކޮށްފައި ޑރ ޒީޝާންވެސް ސަފަށް އަރައިފިއެވެ. މަރުވެފައިވަނީ އޭނާއާއި އެއްވެސް ގުޅުމެއް ނެތް ދެމައިންނެވެ. އެކަމަކު އެދެމައިންގެ މަރުން އެންމެ ފުން އަސަރެއްކޮށްފައިވަނީ ޑރ ޒީޝާން އަށެވެ. އެކަމަކު އެތާނގައިތިބި އެކަކަށްވެސް އެއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އަމިއްލަ ނަފުސް ކުއްވެރިކުރަމުން މަރުވެފައިވާ ދެމައިންގެ މޫނުދެކެން ޒީޝާންވަނެވެ.

މަރުވެގެން ކަފުންކޮށް ވަޅުލަން ތައްޔާރުކޮށްފައިވާ ނަރީމާގެ ހަށިގަނޑު ކައިރީގައި އޭނާ މިއަދު ވިހޭ ދަރިފުޅުވެސް ކަފުންކޮށްފައި ވަޅުލަން ތައްޔާރުކޮށް ބާއްވާފައި އޮތެވެ. އެއީ ހިތާމަޔާއި ހިތްދަތިކަމުގެ ވަގުތު ކޮޅެކެވެ. އެތައް ބައެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. އެމަންޒަރުތަކުން ޑރ ޒީޝާންގެ ހިތް ކުދިކުދިވަމުން ދިޔައެވެ.

މަރުވެފައިވާ ނަރީމާގެ ދެމައިންގާތަށް އޭނާގެ ފިރިމީހާ ޝަފީޤުވަނީ ތިން އަހަރުވެސް ނުފުރޭ ކުޑަ އަންހެންކުއްޖަކު ގޮވައިގެންނެވެ. އެއީ އެދެމަފިރިންގެ ދޮށީ ދަރިފުޅެވެ. ނަރީމާގެ ހަށިގަނޑު ފެނުމާއި އެކު މަންމާއޭ ކިޔާ އެކުއްޖާ ގޮވާލިއެވެ. ރޮއެ ރޮއެ ގިސްލެވިފައިވާ އަޑަކުންނެވެ. މަންމާއޭ ތެދުވާށޭ އެތުއްތު ކުއްޖާ ބުނުމާއި އެކު ޝަފީޤަށްވެސް ރޮވިއްޖެއެވެ. ޑރ ޒީޝާންއަށްވެސް ގިސްލެވެން ފެށުނެވެ. ހިތަށްކުރި އަސަރުގެ ބޮޑުކަމުންނެވެ.

އެތުއްތުކުއްޖާ ކެނޑިނޭޅި އޭނާގެ މަންމައަށް ގޮވަމުންދިޔައެވެ. މަންމަ ވާހަކަ ނުދައްކަނީ ކީއްވެހޭ މަންމައަށް ކިހިނެއްވީހޭ އަހަމުން ދިޔައެވެ. އަދި ކޮއްކޮވެސް މަންމަގާތުގައި ބާއްވާށޭ އެކުއްޖާ ބުނަމުން ދިޔައެވެ. އެތުއްތު ކުއްޖާގެ ކޮންމެ ލަފުޒަކުން ޑރ ޒީޝާންގެ ހިތްދިޔައީ ކުދިކުދިވަމުންނެވެ. ލަގޮނޑި ކަރުބުޑުގައި އައިސް ތާށިވަމުން ދިޔަހެން އޭނާއަށް ހީވިއެވެ. އެހެނީ އެމަންމަ އަބަދުގެ އަބަދަށް މިދުނިޔެއިން ވަކިވެ ދިޔައީކަން އެޅަސިކުނޑިއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟

ޑރ ޒީޝާން އަނގަމަތީގައި އަތް އެޅިއެވެ. އަޑުވީއްލުނަ ނުދީ ހިފެހެއްޓޭތޯ ބެލިއެވެ. އޭނާގެ ސަބަބުން ފިރިޔަކު ހުވަފަތްވީއެވެ. މައުސޫމް ކުއްޖަކު މިސްކީނުވީއެވެ. ހަމަ އެންމެ އިހުމާލަކުންނެވެ. ފޯނަށް ސަމާލު ނުވެވުނަތީއެވެ. އެކަމަކު އެހަޤީޤަތް އެނގެނީ މަދު މިހަކަށެވެ. ޑރ ޒީޝާން އާއި އެކު އާސަހަރާއަށް އައިސްހުރި ޑރ ފަރުހާނަށެވެ. ޑރ ފަރުހާނަކީ ޒީޝާންގެ ލޯބިވެރިޔާއެވެ. ވާންއުޅޭ ފިރިމީހާއެވެ.

ރޮމުން ދިޔަ ޑރ ޒީޝާން ގައިގައި ލައްކޮށްލައިގެން ފަރުހާނު އެތަނުން ނުކުތެވެ. ޒީޝާން އެތަނަށް އަންނަން އުޅުމުންވެސް ފަރުހާނު އެކަމާދެކޮޅު ހެދިއެވެ. އެހަޤީޤަތް މީހުންނަށް އެނގިދާނެތީއެވެ. ނުވަތަ ޝައްކެއް ވެދާނެތީއެވެ. ފަރުހާނު ދެކޭގޮތުގައި ކުއްވެރި އަކީ ޒީޝާނެއް ނޫނެވެ. ލޭބަރ ރޫމުގައި ތިބި ނަރުހުންނެވެ. ޒީޝާންއަށް ނުގުޅޭނަމަ ނަރުހުން އެހެން ޑޮކްޓަރަކަށް ގުޅަންޖެހޭނެއެވެ. ބަލިމީހާގެ ހާލަތު ރިޕޯޓް ކުރަންޖެހޭނެއެވެ.

އާސަހަރާގެ ދޮރުމައްޗަށް ނުކުތުމަށްފަހު ޑރ ޒީޝާން ޑރ ފަރުހާނުގެ ގައިން ނެއްޓި ފާރުގައި ލައްވިއެވެ. އަދި ބާރަށް ރޯންފެށިއެވެ. އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ކުއްވެރިއަކީ އޭނާ ނޫންކަމުގައި ޑރ ފަރުހާނު ބުންޏަސް އަދި ހޮސްޕިޓަލްގެ މެނޭޖުމަންޓުން ހޮސްޕިޓަލުގެ އަގުވެއްޓިދާނެތީ އެކަން ސިއްރުކޮށް ޒީޝާންގެ ހިމާޔަތުގައި ތެދުވިޔަސް ކުށްވެރިއަކީ ޒީޝާންކަށް އޭނާގެ އަމިއްލަ ނަފުސް ޤަބޫލު ކުރެއެވެ.

ޒީޝާންގެ ހިމާޔަތުގައި ޑރ ފަރުހާނާއި ހޮސްޕިޓަލުގެ މެނޭޖްމަންޓުން ވާހަކަދައްކާނެއެވެ. ސިއްޚީ ޚިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން ޑޮކްޓަރުންނާއި މެދު ދައުވާކޮށް ފިޔަވަޅު އެޅޭނޭ ޤާނޫނެއް ނެތަތީ އަދި ނަރީމާގެ އާއިލާއަށް ކަން ހިނގާދިޔަގޮތުގެ ހަޤީޤަތް ނޭނގޭތީ ޑރ ޒީޝާނަށް އެއްވެސް ކަމެއް ނުވެ ސަލާމަތް ވެވިދާނެއެވެ. އަދި އެކަމުގައި ޑރ ޒީޝާންއަށް ދެއްކޭނޭ އުޒުރުތަކެއްވެސް ހުންނާނެއެވެ. އެކަމަކު ޢާލަމްތަކުގެ ވެރިރަސްކަލާންގެ ހަޟުރަތުގައި ކޮޅަށް ހުންނަ ދުވަހު ޒީޝާންގެ ހިމާޔަތުގައި އެމީހުންނަށް އާދެވޭނެ ހެއްޔެވެ؟ ޝަފާޢަތެއް ދެވޭނެ ހެއްޔެވެ؟ އުޒުރެއް ދެއްކޭނެ ހެއްޔެވެ؟ ޒީޝާންގެ ހިތް ބިރުން ތުރުތުރު އަޅަނީ އެކަމާއެވެ. އޭނާއަށް ކުރެވުނު ކުށެއް ނޫނެވެ. ފާފައެކެވެ. އޭނާގެ އެންމެ އިހުމާލަކުން ދެފުރާނަ މިދުނިޔެއިން ވަކިވީއެވެ. އުފާވެރި އާއިލާއެއް ފަނާވީއެވެ.

ނަރީމާ ވިހަން ލޭބަރޫމަށް ވެއްދިއިރު ޑިއުޓީގައި ތިބި ޑޮކްޓަރުންގެ ތެރެއިން ނަރީމާއާއި ހަވާލުވީ ޒީޝާނެވެ. ކޮންމެ ފަނަރަމިނިޓަކުން އެއްފަހަރު ނަރީމާގެ ހާލު ބަލަމުން ދިޔައިރު ނަރީމާގެ ބީޕީ މަތިވަމުން ދަރިފުޅުގެ ބީޕީދަށްވަމުން ދިޔަކަން ޒީޝާނަށް އެނގެއެވެ. އެކަމަކު އޭނާއަށް އެކަމާ މާބޮޑަށް އަޅައެއް ނުލެވުނެވެ. ސީރިއަސްކޮށް ނެގުމަށްވުރެ ޒީޝާނަށް ފަރުވާކުޑަކޮށް ލެވުނީއެވެ.

ދެން ޒީޝާނަށް ކުރެވެވުނު އެންމެ ދެރަކަމަކީ ފޯނު ކޮންސަލްޓޭޝަން ރޫމުގައި ބާއްވާފައި ކެންޓީނަށް އާދެވުނު ކަމެވެ. ބައިގަޑިއެއްހާއިރު އެތާނގައި އެހެން މީހުންނާއި އެކު މަޖާވާހަކަދައްކަން ތިބެފައި ކޮންސަލްޓޭޝަން ރޫމަށް އައިއިރު ލޭބަރޫމުން ތިރީހަކަށް ފަހަރު ގުޅާފައި އޮތެވެ. ކަންތައް ގޯސްވެއްޖެކަން ޒީޝާންއަށް އެނގުނީ އެހިސާބުންނެވެ.
ލޭބަރޫމަށް ޑރ ޒީޝާނަށް ވަދެވުނުއިރު އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔުމަށްޓަކައި ޑރ ފަރުހާނުގެ ބެލުމުގެ ދަށުން ނަރީމާ އޮތީ ތައްޔާރުކޮށްފައެވެ. ދަރިފުޅުގެ ވިންދު ނުލިބޭ ކަމާއި ފިފްޓީ އޮޕަރޭޝަނެއްކަންވެސް ހަނދާންކޮށްދިނީ ޑރ ފަރުހާނެވެ. އޮޕަރޭޝަންގައި ދަރިފުޅުވެސް މަންމަވެސް ސަލާމަތެއް ނުކުރެވުނެވެ. ޑރ ފަރުހާން އޭނާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރިއެވެ. އެހެންނަމަވެސް ކަށަކުޅަދުންވަންތަ ރަސްކަލާންގެ ޢަޒަލުގައި ލިޔުއްވައި މިންވަރު ކުރައްވާފައިވާގޮތް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ. އެބާރު ލިބިގެންވާ އެއްވެސް ފަރާތެއް ނެތެވެ.

ރޮމުންދިޔަ ކުޑަކުއްޖާ ގޮވައިގެން ޝަފީޤު ބޭރަށް ނުކުތެވެ. ޒީޝާން ކައިރިއަށް ޖެހިލިއެވެ. އަދި އުރާލުމަށް އެކުއްޖާއާއި ދިމާއަށް އަތްދިއްކޮށްލިއެވެ. އެކުޑަކުއްޖާ ޒީޝާން އާދިމާއަށް ލެނބިގަތުމުން ޝަފީޤުވެސް ޒީޝާންގެ އަތަށް ދަރިފުޅު ދީފިއެވެ. ރޮމުން ގިސްލަމުން ޒީޝާންގެ ކޮނޑުމަތީގައި އޮވެ ކުއްޖާ ނިދުމުން ޝަފީޤު އަނެއްކާވެސް އެތެރެއަށް ވަދެއްޖެއެވެ.

ނަރީމާގެ ދެމައިން ވަޅުލުމުގެ ކަންތައް ނިމެންދެން އެކުއްޖާ ކޮނޑުމަތީގައި ބާއްވައިގެން ސަހަރާގެ ފާރުބުރި މަތީ އިށީނދެގެން ޑރ ޒީޝާން އިނެވެ. އޭނާގެ ގާތުގައި ޑރ ފަރުހާނުވެސް ހުއްޓެވެ. އޭނާހުރީ ހިތްހަމަ ނުޖެހިފައެވެ. ޑރ ޒީޝާން މާ އިމޯޝަނަލް ވެގެން އުޅޭތީއެވެ. އެކަމަކު މިއީ ޒީޝާން އާއި ދިމާވި މިކަހަލަ ފުރަތަމަ ހާދިސާއަށްވުމުން އޭނާއަށް އަސަރުތަކެއް ކުރާނެކަން ޑރ ފަރުހާނަށްވެސް ވިސްނެއެވެ. އެކަމަކު ދެން ޒީޝާން ނިންމާނެ ނިންމުން އޮތީ އޭނާގެ ޚިޔާލަށްވެސް ގެންނަން ނޭނގޭހާދުރުގައެވެ.

ނަރީމާގެ ދެމައިންގެ ޖަނާޒާނިމިގެން ނުކުތް ކޮންމެ މީހަކުވެސް ދިޔައީ ޒީޝާންގެ ކޮނޑުގައި ނިދާފައި އޮތް ނަރީމާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލާފައެވެ. ހަމްދަރުދީގެ ބަހެއް ބުނެލާފައެވެ. އެއިން ކޮންމެ މީހަކު ބުނެލާ ކޮންމެ ބަހަކުން އެންމެ ފުން އަސަރެއް ކުރަމުން ދިޔައީ ޒީޝާނަށެވެ. ނުކުންނަށް އައި މީހުން އަތުލަފިކޮށްގެން ޝަފީޤު ގެންނަތަން ފެނުމުން ޒީޝާންއަށް އަނެއްކާވެސް ރޮވުނެވެ. އެކަމަކު އޭނާ ކެތް ކުރެވޭތޯ ބެލިއެވެ.

ޒީޝާންގެ ކޮނޑުމަތީގައި އޮތް ދަރިފުޅު ނެގީ ޝަފީޤުގެ އާއިލާގެ މީހެކެވެ. ޝަފީޤާއި ދަރިފުޅު ގޮވައިގެން އެމީހުން ގޮސް ގޯޅި އަޅަންދެން ޒީޝާން ސަހަރާގެ ފާރުބުރިމަތީގައި އިށީނދެ އިނެވެ. އެމީހުން ދިޔުމުން ޑރ ފަރުހާނުގެ މޭގައި ބޯއަޅައިގެން އޮވެ އޭނާފެށީ ރޯށެވެ. އެތައް އިރަކު ރުއިމަށްފަހު ދެލޯ ފުހެލާފައި ޒީޝާން ތެދުވިއެވެ. އަދި ޑރ ފަރުހާނާއި އެކު ގެއަށް ދިއުމަށް ކާރަށް އެރިއެވެ.

ޒީޝާންގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. ނަރީމާގެ ދަރިފުޅަށް ގެއްލުނު މަންމަގެ މަޤާމު އޭނާ އަދާކުރާށެވެ. ޝަފީޤާއި އިންނާށެވެ. އެހެނީ ކުށްކުރެވުނީ އިހުމާލުވެވުނީ ޒީޝާނަށެވެ. އެކުށުގެ ކައްފާރާ އަދާކުރަން ޖެހޭނީވެސް އޭނާ އަށެވެ. ދުނިޔެ ހަޤީޤަތް ނުދަތަސް ހަޤީޤަތް ދެނެވޮޑިގެންވާ ފަރާތެއްވެއެވެ. ނަރީމާވެސް އަދި ޒީޝާންވެސް ދެންތިބި މީހުންވެސް އެނބުރި ދާން އޮތީ ހަމައެއްތަނަކަށެވެ. އެއީ މަޙުޝަރުގެ މައިދާނެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *