ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން މިރޭ ފެށުމަށް ހަމަޖެހިފައިވާ ފޯރިގަދަ "ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445″ ގެ ފުރަތަމަ މެޗުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ވުލްފް ގޭންގް ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މެޗުގައި މިރޭ ބައްދަލު ކުރާނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އެޗްވައިއެމް ވުލްފް ގޭންގެވެ. އެ މެޗު ފަށާނީ މިރޭ 22:15 ގައެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހުޅުމާލެ ހޮސްޕިޓަލާއި އެޗްވައިއެމް ފިނޮމިނަލްސްއެވެ. މި މެޗު ފަށާނީ މިރޭ 23:15 ގައެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި އެޗްވައިއެމް ވުލްފް ގޭންގާއި ހުޅުމާލެ ހޮސްޕިޓަލާއި އެޗްވައިއެމް ފިނޮމިނަލްސް އާއި ޓީމް އެފްއެފް އާއި އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލް ޝާކްސް ހިމެނެއެވެ. ބުލް ޝާކްސްއަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ.
ގްރޫޕް ސްޓޭޖަށް ކުޅޭ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ. އަދި ސެމީ ފައިނަލް ދެ މެޗު މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ.
ހުޅުމާލެ ޔޫތު މޫވްމަންޓުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުމެވެ.
މިފަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ފެއާ ޕްލޭ ޓީމް، ފެއާ ޕްލޭ ކުޅުންތެރިޔާ، ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ފަސް ކުޅުންތެރިން، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކީޕަރު، އެންމެ މޮޅު ކޯޗު، ހޮވާނެއެވެ.
މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުންނަކީ "ހަބަރު އޮންލައިން" އާއި "ތިލަދުން" އަދި "ވަގުތު" އޮންލައިނެވެ.