ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް އަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެމީހުން ޑޭޓް ކުރަން ފެށުމުގެ ކުރިން ނަތާޝާ ދަލާލް ވަނީ ވަރުންއަށް ތިން ފަހަރު މަތިން ނޫނެކޭ ބުނެފައެވެ.
ކަރީނާ ކަޕޫރް ޚާންގެ ޗެޓް ޝޯވ ގައި ވާހަކަ ދައްކަމުން ވަރުން ވަނީ ނަތާޝާއާއި ފުރަތަމަ ފަހަރަށް ދިމާވިގޮތް ކިޔައިދީފައެވެ. ވަރުން އާއި ނަތާޝާ ފުރަތަމަ ފަހަރަށް ދިމާވީ ގުރޭޑް ހައެއްގައި އުޅެނިކޮށެވެ. އަދި ގުރޭޑު 12 އާއި ހަމައަށް ދާންދެން ތިބީ ވަރަށް ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ކަމަށް ވަރުން ވަނީ ބުންޏެވެއެވެ.
ވަރުން ބުނީ ނަތާޝާ އެންމެ ފުރަތަމަ ފެނުނީ ކެންޓީނުން ކަމަށާއި ފެނުނު ތަނުން ފުރަތަމަ ނަޒަރުން ލޯބިވެވިއްޖެ ކަމަށެވެ. އަދި ނަތާޝާ ކައިރީ ރައްޓެހިވާން އެހި ތިނެއް ނުވަތަ ހަތަރު ވަރަކަށް ފަހަރު ނޫނެކޭ ބުނިކަމަށާއި ނަމަވެސް ވަރުން އޭނާގެ އުންމީދު ކަނޑާނުލަން ކަމަށް އޭނާ ބުންޏެވެ.
ވަރުން ދަވަން އާއި ނަތާޝާ ދަލާލް ކައިވެނިކުރަން އުޅޭކަމުގެ ހަބަރު ދަނީ ތުންތުންމަތިން ދެކެވެމުންނެވެ. ނަމަވެސް އެދެމީހުން މިކަމަށް އަދި ވަކިގޮތެއް ނުނިންމާ ކަމަށް ފަހުގެ ރިޕޯޓުތައް ބުނެއެވެ.
ވަރުން ދަވަން މިވަގުތު ތައްޔާރުވަމުން ދަނީ ފިލްމު "ކޫލީ ނަމްބަރ 1″ މި މަހުގެ 25 ވަނަ ދުވަހު ރިލީސް ކުރުމަށެވެ. މި ފިލްމުގައި އޭނާއާއިއެކު ފެނިގެންދާނީ ސާރާ އަލީ ޚާނެވެ. ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓުކުރި މި ފިލްމަކީ ގޯވިންދާ އަދި ކަރިޝްމާ ކަޕޫރްގެ 1995 ވަނަ އަހަރުގެ ފިލްމު "ކޫލީ ނަމްބަރ 1″ ގެ ރިމޭކެކެވެ. 1995ގެ "ކޫލީ ނަމްބަރ 1″ގެ ޑައިރެކްޓަރަކީވެސް ޑޭވިޑް ދަވަން އެވެ.