"ބިގް ބޮސް 14″ގެ ބައިވެރިއެއްކަމަށްވާ ޕަވިތްރާ ޕޫނިއާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ކުރި ސުވާލުތަކަށް ދާދިފަހު އިންޓަވިއުއެއްގައި ޖަވާބުދީފައެވެ.
މަޝްހޫރު އާރްޖޭ ސިދްހާތު ކަންނާގެ އިންޓަވިއުގައި، އޭނާގެ ހަޔާތުގެ ބައިވެރިޔަކު އިހުތިޔާރު ކުރުމާއި ގުޅޭގޮތުން ސުވާލުކުރުމުން ޕަވިތްރާ ބުނީ މިހާރު އޭނާ ހުރީ ސިންގަލްކޮށް ކަމަށެވެ. ނަމަވެސް "ބިސްބޮސް 14″ ގެ ބައިވެރިއެއްކަމަށް ވާ އީޖާޒް ޚާން ވަރަށް ކަމުދާ ކަމަށާއި އޭނާއަށްޓަކައި ހިތުގައި ޖާގައެއް ދެވިއްޖެކަމަށް މި އިންޓަވިއުގައި އޭނާ ބުންޏެވެ. އީޖާޒް ޚާން އާއި "ބިގްބޮސް" ގެ ގެއިން ބޭރުން ދިމާވާނެ ކަމަށް އުންމީދުކުރާކަމަށާއި އަދި ދެމީހުންގެ ގުޅުން އިތުރަށް ބަދަހި މަސައްކަތް ކުރާނެކަމަށް ވެސް ޕަވިތްރާ ބުންޏެވެ.
ކުރީގެ ލޯބިވެރިޔާ ޕާރަސް ޗަބްރާ އާއި ބެހޭގޮތުން ސުވާލުކުރުމުން ޕަވިތްރާ ބުނީ އެދެމީހުން ރައްޓެހިވެގެން އުޅުނީ އެންމެ ތިން މަހު ކަމަށެވެ. އަދި އެދެމީހުން ވަކިވީ ކީއްވެތޯ ސުވާލުކުރުމުން ބުނީ އޭނާއަކީ "ޓިޕިކަލް ދިއްލީ މީހެއްކަމަށާއި" އޭނާގެ ހުންނަ ގޮތްގަނޑު ކަމުނުދިއުމުންނާއި އެދެމީހުންގެ ގުޅުމަށް ޕާރަސް އިހްތިރާމްނުކުރުމާއި ޕަވިތްރާ ދެކެ އޭނާ ލޯބި ނުވާހެން ހީވުމުން ވަކިވީ ކަމަށް ބުންޏެވެ.
ޕަވިތްރާ ބުނިގޮތުގައި އޭނާއަކީ އަމިއްލަ ވާހަކަ އެންމެން ކައިރީ ދައްކާ ހިތްވާ މީހެއް ނޫންކަމަށާއި އެހެންމީހުން މަޝްހޫރު ވާންވެގެން އޭނާގެ ނަން ބޭނުންކޮށްގެން ކޮންމެ އެއްޗެއް ކިޔަސް އޭނާއަށް މައްސަލައެއްނެތް ކަމަށެވެ.