ޅ. ކުރެންދޫގެ ތަރައްގީއަށްޓަކައި އެ ރަށް ކައިރީގައި އޮންނަ ޅޮސްއަލަފުށި އަނބުރާ ދައުލަތަށް ނަގައި، ކުރެންދޫ ބައެއްގެ ގޮތުގައި ހަމަޖައްސައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައީސް ވިދާޅުވީ ކުރެންދު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ބިން ހުސްވެފައިވުން ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އިގުތިސާދީ ކުރިއެރުން ހޯދުމަކީ ކޮންމެހެން ވެސް ކޮންމެ ރަށަކަށް ވެސް ހޯދައިދޭންޖެހޭ ފުރުސަތެއް ކަމަށެވެ. ރަށް ތަރައްގީކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވަނީ ރަށުގެ ފަޅުތެރޭގައި ބޭނުންވާ ވަރަށް ބިން ނެތުނީމަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނީ އިގުތިސާދީ ތަރައްގީ ހޯދައިދިނުމުން ކަމަށާއި ކުރެންދޫ އާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިރަށުގެ ދާއިމީ ތަރައްގީ އަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި، އަޅުގަނޑު ގަސްދުކުރަނީ މިރަށާ މާ ދުރުނޫން ހިސާބެއްގަ އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.
ޅޮސްއަލަފުއްޓަކީ، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން އެކުންފުންޏަށް ބަދަލު ގޮތުގައި ދިން ރަށެކެވެ. މިދިޔަ ސަރުކާރުގައި އެ ރަށުގައި ލަގްޒަރީ ވިލާ އަޅަން އެ ރަށުން ބިމެއް ޓާޓާ ކުންފުންޏަށް ދިނުމަށް ވެސް މަސައްކަތް ކުރިއެވެ.