ކިތަންމެ ވަރަކަށް ހިފެހެއްޓެވިޔަސް، ބޮޑުތަނުން މިސަރުކާރު ބަލިކުރާނަން: އަދުރޭ

ކިތަންމެ ވަރަކަށް ހިފެހެއްޓެވިޔަސް، ބޮޑުތަނުން މިސަރުކާރު ބަލިކުރާނަން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 10:54
0

ކައުންސިލް އިންތިޚާބުގެ ކެންޕެއިން ކުރުމުގެ ފުރުސަތު ނުދީ އިދިކޮޅު ލީޑަރޝިޕް ރަށު ބަންދުގައި ބޭތިއްބި ކަމުގައި ވިޔަސް، ވޯޓު ފޮށި ބޮޑުތަނުން މިސަރުކާރު ބަލި ކުރާނެ ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑަރޝިޕް ރަށު ބަންދުގައި މާލޭގައި ތިބެ، ފުވައްމުލަކުގައި ބާއްވާ ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މިރޭ ފުވައްމުލަކު ރައްޔިތުން ހާމަކޮށްދެއްވީ އަތޮޅުތެރޭގެ ރައްޔިތުން ތިބިގޮތްކަމަށެވެ. ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން މުޅި ރާއްޖެއަށް މިއަދު ދައްކައިދީފައިވަނީ ނަމޫނާ މިސާލެއް ކަމަށާއި، މިސަރުކާރުގެ ހުރިހާ ފިއްތުމަކާއިއެކުވެސް މިވަރުގެ ބޮޑު ޖަލްސާއެއް ބޭއްވުމަކީ މިސަރުކާރަށްވެސް ދެއްވި ރަނގަޅު މެސެޖެއްކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ތާރީހުވެސް ދޭން މިސަރުކާރަށް ނުކެރިގެން އުޅެނީ ރައްޔިތުން މިސަރުކާރަށް ނޫނެކޭ ބުނާނެކަން ކަށަވަރު ވުމުންކަމަށެވެ. ރައްޔިތުން ކުރިމައްޗަށް ހިފައިގެން ދާނޭ އެއްޗެއް، ކޮށްދެވުނު ކަމެއް ނެތުމުން މިއަދު މިސަރުކާރަށް ވޯޓަކާއި ކައިރިވުމަކީ ނުހަނު ބިރު ގަންނަ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިންތިޚާބް ބާއްވާނެ ތާރީހެއް އިއުލާން ކުރަން ނުކުރެނީ، އިންތިޚާބެއްގައި ރައްޔިތުންގެ ކުރިމައްޗަށް އަރަން ލަދުން. ހިފައިގެން ދާނެ އެއްޗެއް ނެތިގެން. ރައްޔިތުން ތިބީ މިއަދު ވަރަށް ރަނގަޅަށް ތައްޔާރުވެ ވޯޓް ފޮއްޓެއް ނުލިބިފަ. ކިތަންމެ ވަރަކަށް ހިފެހެއްޓެވިޔަސް މި އިންތިޚާބް އަޅުގަނޑުމެން ކާމިޔާބު ކުރާނަން.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީިމް ވިދާޅުވީ ޕީޕީއެމް މިއަދުވެސް ރާއްޖޭގައި މިހާ ބޮޑަށް ސަޕޯޓް އިތުރުވެ ރައްޔިތުންގެ މެދުގައި މަގުބޫލު ވެގެންދަނީ ރައްޔިތުންގެ ޕާޓީއެއްކަމަށް ޕީޕީއެމް ވާތީކަމަށެވެ. ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއިއެކު ޕީޕީއެމް ކުރިއަށްދާކަމީ މިހާބޮޑު ތާއީދެއް ޕާޓީއަށް ލިބިގެންދާ އެންމެބޮޑު ސަބަބުކަމަށެވެ.

ފުވައްމުލަކުގެ ގިނަ އަދަދެއްގެ ބަޔަކާއިއެކު ބޭއްވި މިޖަލްސާގައި އެސިޓީގެ ކައުންސިލްގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފްކޮށް ވާހަކަ ދައްކާފައިވެއެ. މިޖަލްސާއަކީ ކޯވިޑް-19 ގެ ފަހުން އަތޮޅު ތެރޭގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އެންމެ ފޯރިދަގަ ޖަލްސާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.