މާއެނބޫދޫ ރައްޔިތުން އެންމެ ބޭނުން ވަނީ ބޯހިޔާވަހިކަމާއި ކުނި މެނޭޖްވާން

މާއެނބޫދޫ ރައްޔިތުން އެންމެ ބޭނުން ވަނީ ބޯހިޔާވަހިކަމާއި ކުނި މެނޭޖްވާން

Author
އަހުމަދު
06 މާރޗް 2024 08:01
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. މާއެނބޫދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހަވީރު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމާއި، ކުނި މެނޭޖުކުރާނެ ރަނގަޅު އިންތިޒާމެއް ހަމަޖެހުން ކަމުގައެވެ. އަދި ރަށުގައި ޕިކްނިކް ގޮސް، މޫދަށް އެރެވޭނެ ސަރަހައްދެއް ކަނޑައަޅައިދެއްވުމަށާއި، ސްޕޯޓް ކޮމްޕްލެކްސްގެ ކަންކަން އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ހަމަ އެއާއެކު ރަށުގައި މިހާރު ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މާއެނބޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީން ވަނީ އެ ކޮމިޓީގެ މެންބަރުންނަށް މުސާރައެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.