މާލެ ނުގޮސް ޕާސްޕޯޓާއި އައިޑީ ކާޑް ނެގޭނެ ގޮތް ހަދަން ދ. އަތޮޅު ކައުންސިލުން އެދިއްޖެ

މާލެ ނުގޮސް ޕާސްޕޯޓާއި އައިޑީ ކާޑް ނެގޭނެ ގޮތް ހަދަން ދ. އަތޮޅު ކައުންސިލުން އެދިއްޖެ

Author
އަހުމަދު
06 މާރޗް 2024 07:57
0

މާލެ އަށް ނުގޮސް އަތޮޅު ތެރެއިން ޕާސްޕޯޓް އަދި އައިޑީ ކާޑު ނެގޭނެ ގޮތް މަގުފަހިކޮށް ދިނުމަށް ދ. އަތޮޅު ކައުންސިލުން އިއްޔެ އެދިއްޖެއެވެ.

ދ. އަތޮޅު ކައުންސިލުން މިގޮތަށް އެދުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަތޮޅު ކައުންސިލާ އެކުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހަވީރު އަތޮޅު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅުގެ ރަށްތަކަށް އާމްދަނީ ހޯދުމަށް ބޭނުންވާކަމަށާއި، މާލެއަށް ނުގޮސް އަތޮޅު ތެރެއިން ޕާސްޕޯޓް އަދި އައިޑީ ކާޑު ނެގޭނެ ގޮތް މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، މަސް ފެކްޓްރީގެ ކަންކަން އަވަހަށް ނިމުން އެދޭ ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އަތޮޅުގައި ހުރި ފަޅުރަށްތަކަށް އިންވެސްޓަރުން ގެނެސް އެރަށްތަކުން ނަފާވެރިކަން އަތޮޅުގެ ކައުންސިލްތަކަށް ލިބޭނެ މަގު ތަނަވަސްވެގެން ދިއުން އެދޭކަމަށާއި، މުޅި އަތޮޅުގެ ކުނި މެނޭޖުކުރުމަށް ރަނގަޅު ގޮތެއް ބޭނުންވާކަމަށާއި، އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅުވުމަށް އެދޭކަމަށާއި، އަދި އަތޮޅުގެ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ އިސް ވެރިން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.