ދީނީ ކަންކަމާ ގުޅޭގޮތުން ޚިޔާލުތަފާތުވުމަކީ ރާއްޖޭގައި އާކަމެއް ނޫނެވެ. އަދި ދީނީ ކަންކަމުގައި އިލްމުވެރިން، މިނިވަންކަމާއެކު، ގޮތް ކިޔުމާއި، ދީނީ ކަންކަމުގައި، ސިޔާސީ ވިސްނުމުން ބަސްބުނުމަކީ، ޚިޔާލު ފާޅުކުރުމަށް ރާއްޖޭގައި ހުޅުވިފައިވާ މިނަވަން މާހައުލުގައި އާކަމެއްވެސް ނޫނެވެ. ވަކީން ޚާއްސަކޮށް، ދީނީ ޢިލްމުވެރީންނާ އަދި އެނޫން ފަރާތްތަކުން ދީނީ މައްސަލަތަކާއި، ސިޔާސީ މައްސަލަތަކުގައިވެސް، ބަހުސްކޮށް، ބައެއް ކަންކަމުގައި ޒާތީވުމާ ހަމައަށްވެސް ހާލަތު ގޮސްފައި އެބަހުއްޓެވެ.
މިފަދަ ގިނަ ހާލަތްތަކުގައި، ސޯޝަލް މީޑިއާގައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިގާ ކަންކަމާ ގުޅޭގޮތުން، ނުވަތަ ސިޔާސީ ބޭފުޅުން ނިންމަވާ ނިންމެވުންތަކާ ގުޅޭގޮތުން ބަސްބުނާ ދީނީ އިލްމުވެރިން ގިނަފަހަރަށް އެއްގަލަކަށް އަރާފައިވާ މަންޒަރު ފެނިގެން ގޮސްފައި އެބަހުއްޓެވެ. އެހެންނަމަވެސް، މިއިން އެއްވެސް ފަހަރަކު، ރާއްޖޭގެ ހަފޮޅުން އެތެރޭގައި ހިގާ ބަހުސްތައް ގާދޫކޮލުން ބޭރުވެ، ބޭރުގެ އެހެންގައުމުތަކުގެ ސިޔާސަތުތަކާ ލާމެހި، ދުނިޔޭގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލައަކަށް ވެގެން ދިއުމަކީ އާންމު ކަމެއް ނޫނެވެ.
ބޭރު ދުނިޔޭގެ ނުރުހުން ސްރީ ލަންކާއަށް
ކޯވިޑް19 އަކީ މުޅި ދުނިޔޭގައިވެސް ހިފެހެއްޓުމެއް ނެތި ފެތުރެމުންދާ ރޯގާއެކެވެ. ދުނިޔޭގެ އެތައް ގައުމުތަކަށާއި، އަދި އެތައް މިލިޔަން މީހުންނަށް ވަނީ ކޯވިޑް19ގެ ސަބަބުން އެތަކެއް ވޭނެއް އުފުލަން ޖެހިފައެވެ. މީގެތެރޭގައި ގާތްތިމާގެ އެތައް ބަޔަކު، ލޯކުރިމަތީގައި މަރުވެގެން ދިއުން ހިމެނެއެވެ. އަދި ހަމަ އެއާއެކު، މިބަލީގައި މަރުވެގެންދާ މީހުންނާ ދޭތެރޭ އަމަލު ކުރެވެމުންދާ އިހާނާތްތެރި ގޮތްތައްވެސް މީގެ ތެރޭގައި ފާހަގަ ކޮށްލެވެއެވެ.
މިގޮތުން މުޅި ދުނިޔޭގައިވެސް، އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން ސްރީލަންކާގައި މަރުވަމުންދާ އެގައުމުގެ މުސްލިމް ރައްޔިތުންނާ ދޭތެރޭ އަމަލް ކުރެވެމުންދާ ގޮތެވެ.
މާތްވެގެންވާ އިސްލާމް ދީނުގައި، އިންސާނާ ދިރި ދުނިޔޭގައި ހުންނައިރު އަދާ ކުރަންޖެހޭ އިހުތިރާމާއި ގަދަރު، ހަމަ އެބީދައިން، އިންސާނާ މަރުވެ ދިއުމަށްފަހު އޭނާގެ ފުރާނަ ނެތް ހަށިގަޑާ މެދުވެސް އަދާކުރުމަށް ވަނީ އަންގަވާފައެވެ. މިގޮތުން މަރުވެދާ މުސްލިމުންގެ ހަށިތައް އަންދާލުމުގެ ބަދަލުގައި ވަޅުލާން ޖެހެނީވެސް، މައްޔިތާގެ މައްޗަށް ދިރިތިބީން އަދާ ކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް ފަހުގައެވެ.
އެހެންނަމަވެސް، މަތިވެރި މިއުސޫލު މުގުރާލުމަށްފަހު، މަރުވާ މުސްލިމުންގެ ހަށިތައް ގަދަބާރުން، ވާރުތަވެރީންނާ މުޅި އާއިލާގެ ނުރުހުމާއެކުވެސް، އަންދަމުންދާ އެއްގައުމަކީ ސްރީލަންކާއެވެ. މިފަދަ ދެވަނަ ގައުމަކަށް ދުނިޔޭގައި ދެން އޮތީ ޗައިނާއެވެ. ހުއްޖަތަކަށް ދައްކަނީ އެގައުމު ތަކުުގައިވެސް ބާރު ސްޕީޑުގައި ފެތުރެމުންދާ ކޯވިޑް19ގެ ބިރުވެރިކަމެވެ.
އެހެންނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް ބުނެފައިވަނީ، ކޯވިޑް19އަށް ޕޮޒިޓިވްވާ މީހަކު މަރުވުމަށްފަހު، ފަސްތާލުމަކުން، އެހެން އެއްވެސް ބަޔަކަށް ކޮރޯނާ ވައިރަހުގެ އެއްވެސް ނުރައްކަލެއް ނެތެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (WHO) އިން ވަނީ، ކޯވިޑް19ގައި މަރުވާ ސްރީލަންކާގެ މުސްލިމުންގެ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާފައެވެ.
މަރުވުމަށްފަހު، އާއިލާގެ ނުރުހުމުގައި، މައްޔިތާއާމެދު އިހާނާތްތެރިކޮށް ހިތުމަކީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާއިންވެސް މަނާކޮށްފައި އޮންކަމެއްކަން ދުނިޔޭގެ އިންސާނީ ހައްގުތަކާބެހޭ ޖަމްއިއްޔާތަކުންވެސް ދަނީ ފާހަގަ ކުރަމުންނެވެ. މިގޮތުން ޖިއްދާގައި ގާއިމްވެފައި އޮންނަ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (OIC)ގެ އިންޑަޕެންޑެންޓް ޕާމަނެންޓް ހިއުމަން ރައިޓްސް ކޮމިޝަން (IPHRC)އިންވެސް ވަނީ މިއީ ސްރީލަންކާގައި ދިރިއުޅޭ މުސްލިމް މައިނޯރިޓީއާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލެއްކަމަށް ބުނެ، އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށް އެގައުމުގެ ސަރުކާރަށް ގޮވާލާފައެވެ.
އަދި މީގެ އިތުރުން، ޔޫއެން ސެޕްޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލިޖަން އެންޑް ބިލީފް ވެސް ވަނީ، ސްރީލަންކާގައި ދިރި އުޅެމުންދާ ބައި މަދު މުސްލިމުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ.
Hope @ibusolih reads this letter carefully and act in accordance with international human rights obligations! https://t.co/heW9D4Pwoo
— Ahmed Shaheed (@ahmedshaheed) December 14, 2020
ބަދަލު ހިފުމެއް!
ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް، އާއިލާގެ ނުރުހުމުގައި އަންދަމުންދާއިރު، އެގައުމުގެ މުސްލިމުން މިހާރު ތުހުމަތު ކުރަމުން ދަނީ، މިއީ ފާއިތުވެދި އަހަރުގެ އީސްޓާރގައި އެގައުމުގައި ހިންގި ބޮންގޮއްވުމުގެ ހާދިސާގެ ބަދަލު މުސްލިމުންގެ ކިބައިން ހިފުމުގެ ގޮތުން، އެގައުމުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކެއް ކަމުގައެވެ. ސަބަބަކީ ކޯވިޑް19 ނޫންގޮތުގައި މަރުވާ މުސްލިމުންގެ ހަށިތައްވެސް، އާއިލާގެ ނުރުހުމުގައި ކޯވިޑް19 ހުއްޖަތަކަށް ދައްކައިގެން އެގައުމުގެ ސަރުކާރުން އަންދަމުންދާ ކަމަށް މިހާރު ކުރެވެމުންދާ ތުހުމަތު ތަކެވެ.
ދާދިފަހުން، ސްރީލަންކާގެ ސަރުކާރުންވަނީ، އެގައުމުގައި ނިޔާވި، އުމުރުން އެންމެ 20 ދުވަސްވީ މުސްލިމް ކުޑަކުއްޖެއްގެ ހަށިގަޑުވެސް އެ ކުޑަ ދަރިފުޅުގެ މައިންބަފައިންގެ އާދޭސްތަކަށް ބީރުކަންފަތެއް ދީ އަންދާލާފައެވެ. ހުއްޖަތަކަށް ދެއްކީ، ކޯވިޑް19އެވެ. އެހެންމަވެސް، އުމުރުން އެންމެ 20 ދުވަސްވީ މި ކުޑަ ކުއްޖާގެ މަންމަވެސް އަދި ބައްޕަވެސް ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ސްރީލަންކާގެ މުސްލިމުންގެ ހަށިގަޑު ރާއްޖޭގައި ވަޅުލުން
ސްރީލަންކާގައި ކޯވިޑް19އަށް ޕޮޒިޓިވް ވެގެން ނިޔާވާ މުސްލިމުންގެ ހަށިގަޑުތައް ރާއްޖޭގައި ވަޅުލުމުގެ ބަހުސް އެންމެ ފުރަތަމަ ފެށިގެން އައީ، ސްރީލަންކާގެ ރައީސް ގޯތާބޭގެ އެދުމުގެ މަތިން، ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އެގައުމުގައި ވަޅުލުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން، އެހަށިތައް ރާއްޖޭގައި ވަޅުލެވޭނެ ގޮތްތަކެއް އޮތްތޯ އައްސަވާފައިވާކަން ރާއްޖޭގެ ފޮރިންގ މިނިސްޓްރީން އާންމު ކުރެއްވި ހިސާބުންނެވެ.
ރާއްޖޭގެ ފޮރިންގ މިނިސްޓްރީން، މިކަން ހާމަކުރެއްވި ހިސާބުންވެސް، ދީނީ ކަންކަމުގައި އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ބަސްވިދާޅުވަމުން ގެންދަވާ ޑރ. އިޔާޒްއާއި ޝޭޚް އަލީ ޒައިދުމެން ފަދަ ދީނީ ބައެއް އިލްމްވެރިން ސަރުކާރުގެ މި ނިންމެވުމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވިއެވެ. އަދި މައިގަޑުކޮށް މިވިސްނުމުގެ މައްޗަށް ސޯޝަލް މީޑިއާގެ މައިގަޑު ވިސްނުން ބައްޓަން ވެގެންދިޔަ ތަން ފެނިގެން ދިޔައެވެ.
Thanks a lot for the Maldivian Government for taking an excellent action towards the Muslims of Sri Lanka. It's a great help for our Muslim brothers and sisters in Sri Lanka.
Jazaakumullahu khaira @ibusolih @abdulla_shahid— Dr.Mohamed Iyaz (@dr_iyaz) December 14, 2020
އެހެންނަމެވެސް، ގިނަބަޔަކަށް ސިހުން ގެނުވި އެންމެ މުހިންމު އެއްކަމަކަށް ވެގެން ދިޔައީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމުގައިވާ، ކުރީގެ ރައީސް މައުމޫން، ސްރީލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމަށް ފާޅުގައި ދެކޮޅު ހެއްދެވުމުންނެވެ.
ރައީސް މައުމޫން މިކަމާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުތައް މައިގަޑުކޮށް ބިނާ ކުރެއްވީ ދީނީ ނަޒަރަކުން ބެއްލެވި ކަމުގައިވިނަމަވެސް، އެއަށްވުރެ ބޮޑަށް އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެހެން ގައުމެއްގެ ސަރުކާރުން ފަސްޖެހެމުންދާ ދިއުން ކުއްވެރި ކުރެއްވުމުގެ ގޮތުންނެވެ. ރާއްޖޭގެ ދީނީ ބައެއް އިލްމުވެރިންގެ ޚިޔާޅުތަކާވެސް ދެކޮޅު ހައްދަވާ، އެމަނިކްފާނު ވިދާޅުވެފައިވަނީ، ސްރީ ލަންގައި ކޯވިޑް19އަށް ޕޮޒިޓިވް ވެގެން މަރުވާ އެގައުމުގެ ރައްޔިތުން ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަކީ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫންކަމުގައެވެ.
އޭގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ، އިސްލާމީ ރިވެތި އުސޫލަށާއި އަދި، މުސްލިމުންގެ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެގައުމަށް އިލްތިމާސް ކުރުން ކަމުގައި އެމަނިކްފާނު ވިދާޅުވިއެވެ.
ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެކަމެއްނޫން. އަދިއެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށްކުރެވޭތާއީދަކަށް.
— Maumoon Abdul Gayoom (@maumoonagayoom) December 15, 2020
އެހެންނަމެވެސް، ސްރީލަކްނާ އިންސާނީ ހައްގުތަކުގެ ރެކޯޑަށް ފާޑު ވިދާޅުވެ ރައީސް މައުމޫން ކުރެއްވި މި ޓީވީތްތައް ފަހުން ކުރައްވާފައިވަނީ ދިވެހި ބަހުންކަން ފާހަގަ ކޮށްލެވެއެވެ.
އިންސާނީ ޙައްގު
ސްރީލަންކާގައި ކޯވިޑް19އަށް ޕޮޒިޓިވް ވެގެން މަރުވާ އެގައުމުގެ މުސްލިމް ރައްޔިތުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމަށް ގެނައުމަށް ދިވެހި ސަރުކާރުން، ސަރުކާރުގެ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ފެއްޓެވުމާއެކު އުފެދިގެން ދިޔަ ބަހުސްގައި، ބައެއް ދީނީ އިލްމުވެރިން ސްރީލަންކާގެ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލުމަށް ތާއީދު ކުރެއްވި އިރު، ރާއްޖޭގައި އިންސާނީ ހައްގުތަކުން މެޑަލް ޖައްސަވައިގެން ތިއްބެވި ބައެއް ބޭފުޅުންނަށް، ސްރީލަންކާގެ މުސްލިމުންގެ އިންސާނީ ހައްގުތައް މުހިންމު ވެގެން ދިޔަތަން ފެނިގެނެއް ނުދިޔައެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ސްރީލަންކާ ސަރުކާރުގެ މިހުށަހެޅުމަށް، ކުރީގެ ރައީސް މުމައްމަދު ނަޝީދު ފާޅުގައި ތާއީދު ކުރެއްވި ކުރެއްވުމެވެ.
Good that Maldives & Sri Lanka trying to address this issue. ?? is our most valued friend and our cousin. We stick together in sickness and & health. ?? Muslims can be buried in ??. There r burial grounds for Maldivians in ??- Jawatha mosque has 4 generations of Maldivian leaders https://t.co/g9T8zFZOpW
— Mohamed Nasheed (@MohamedNasheed) December 15, 2020
އިންސާނީ ހައްގުތަކަށް ރާއްޖޭގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުންނަށް ސްރީލަންކާގެ މުސްލިމް ރައްޔިތުންގެ އިންސާނީ ހައްގުތައް ފެނިވަޑައި ނުގަންނަވާތީ، ރާއްޖޭގެ ކުރީގެ ފޮރިންގ މިނިސްޓަރ އަދި މިހާރު އދ.ގެ ދީނީ މިނިވަންކަމާބެހޭ ޚާއްސަ މަންދޫބު ޑރ. މުހައްމަދު ޝަހީދުވަނީ މިބޭބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
Distressed that no one in the gov of Maldives, including former colleagues @MohamedNasheed @KerafaNaseem @ibusolih @aghafoormohamed see how this “request” undermines equal citizenship & fundamental rights of a whole community in Sri Lanka! @marc_limon @francesharris0n @pagossman https://t.co/2RJUvb8dFn
— Ahmed Shaheed (@ahmedshaheed) December 15, 2020
ޑރ. ޝަހީދު ވިދާޅުވެފައިވަނީ، ކޯވިޑް19ގައި މަރުވާ ސްރީލަންކާގައި މުސްލިމުންގެ އިންސާނީ ހައްގުތަށް، ދިވެހި ސަރުކާރުގެ މިނިންމެވުމުން ނިގުޅައިގަނެވޭ މަންޒަރު، ސަރުކާރުގައި ތިއްބެވި އޭނާއާއެކީ ކުރިން މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނަށްވެސް ފެނިވަޑައި ނުގެންނެވީތީ ހިތާމަ ކުރައްވާ ކަމުގައެވެ. މީގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ، މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހާ، މިހާރުގެ ހެލްތު މިނިސްޓަރު މުހައްމަދު ނަސީމުގެ އިތުރުން، މިހާރުގެ ފޮރިންގ ސެކެޓްރީ އަބްދުލް އަފޫރު މުހައްމަދުގެ ނަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
މިމައްސަލާގައި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ސްރީލަންކާގައި މަރުވާ އެގައުުގެ މުސްލިމުންގެ ހަށިތައް އެގައުމުގައި ވަޅުލުމަށް ބާރު އެޅުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށްކުރީގެ އިސްލާމިކް މިނިސްޓަރު އަދި، ރައީސް ޔާމިންގެ ކުރީގެ ރަނިންގެ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.
ދިނީ އިލްމުވެރިންވެސް، ސަރުކާރުވެސް ހަނު
ސްރީލަންކާގެ ރައީސްގެ އެދުމަށް، ސްރީލަންކާގައި މަރުވާ އެގައުމުގެ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ވާހަކަތައް ދިވެހި ސަރުކާރުގެ ތެރޭގައި ކުރެވެމުންދާކަން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަ ކުރެއްވި ހިސާބުން އުފެދިގެން ދިޔަ ބަހުސްގައި، ސަރުކާރުގެ މިނިންމެވުމަށް ތާއީދު ކުރެއްވި އިލްމުވެރިންވެސް، ވަކި ހިސާބަކުން ހަނު ތިއްބަވަން ފެއްޓެވި މަންޒަރު ފެނިގެން ދިޔައެވެ.
ދީނީ ބައެއް އިލްމުވެރިން މިމައްސަލާގައި ހަނު ތިއްބަވަން ފެއްޓެވީ، ދީނީ އެހެން ބައެއް އިލްމުވެރިން، އިންސާނީ ހައްގުގެ ނަޒަރުން މިމައްސަލާގައި ވާހަކަ ދައްކަވަން ފެއްޓެވި ހިސާބުންކަން ފާހަގަ ކޮށްލެވެއެވެ.
އަދި، މިމައްސަލާގައި، ފޮރިންގ މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ކުރެއްވި ޓުވީޓަށްފަހު، ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެހެންނަމަވެސް، މިމައްސަލާގައި ފާހަގަވާން އޮތް އެއްކަމަކީ، މިބަހުސް ރާއްޖޭގެ ސޯޝަލް މީޑީއާގައި އެކަނި ކުރެވިގެން ގޮސްފައި ނުވާކަމެވެ. ސްރީލަންކާގެ ސަރުކާރުން މިއެދުނު އެދުމާ، އަދި ދިވެހި ސަރުކާރުން، މިހުށަހެޅުމަށް ދެއްވި ފިނި ޖަވާބާމެދު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސް ކުރެވިގެން ދިޔަކަމެވެ.
ބައިނަލް އަގުވާމީ ބޮޑެތި ޖަމާއަތްތަކުން، މިކަން، ސްރީ ލަންކާއިން އެގައުމުގެ މުސްލިމް މައިނޯރިޓީގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމަށް ނިންމި ނިންމުމެއްގެ ގޮތުގައި ސިފަ ކުރާއިރު، ރާއްޖެއިން ސްރީލަންކާގެ މި ހުށަހަލެޅުމަށް ދެއްވި ފިނި ޖަވާބު ބަލައިގެންފައިވަނީ، ގައުމެއްގެ ބައިމަދު ދަރިކޮޅެއްގެ އިންސާނީ ހައްގަށް ހުރުމަތްތެރިކޮށް ނުހިތާ، ކުރިމަވެފައިވާ މިގޮންޖެހުމުން ބޯދަމައިގަތުމަށް ކުރި މަަސައްކަތްތަކަށް ދިން ވަރަށް ބޮޑު އެއްބާލުމެއްގެ ގޮތުގައެވެ.
ގަބޫލުކުރެވޭ ގޮތުގައި، ސްރީލަންކާގެ ސަރުކާރުގެ އެދުމަށް، ސަރުކާރުން އެންމެ ފުރަތަމަ ފިނި ޖަވާބެއް ދެއްވިއިރު، މިކަމުގެ ސެންސިޓިވިޓީއާ ދެތެރޭ (ނާޒުކުކަން) ވިސްނަވާފައި ނެތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ، ސްރީލަންކާ ސަރުކާރުގެ މި ނިންމެވުމަކީ، ދުރާލާ ވާހަކަ ދެކެވިގެން، ކުރިޔަށް އޮތްތަނުގެ ހޯދަންޖެހިފައި އޮތް ސިޔާސީ ހައްލެއްގެ ކައްފާރާއަކަސް ވުންވެސް އެއީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ސިފަ ކުރައްވައެވެ. ނުވަތަ ހަގީގަތުގައިވެސް، ދީނީ އުޚުއްވަތްރެރިކަމުގެ މާތް ގުޅުމަށް އިހުތިރާމް އަދާކުރުުމުގެ ގޮތުން ސަރުކާރުން ނިންމެވި މުހިންމު ނިންމެވުކަމަށްވެސް މިކަން ވެގެންދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް، ފެންނާ އޮތް ހަގީގަތަކީ، އިންސާނީ ހައްގުތަކާ ގުޅުންހުރި މިފަދަ ބޮޑު މައްސަލައެއްގައި، ރައީސް އިބުރާހުމް މުހައްމަދު ސާލިހުގެ ވިސްނުންފުޅެއް، ޚިޔާލު ފުޅެއް ހުރި ގޮތެއް އެގޭނެ އެއްވެސް ގޮތެއް އަދި ނެތްކަމެވެ. އާންމު އުސޫލުން ހުންނެވީ ހަނުއެވެ.
އޮތް ހައްލަކީ ކޮބާ؟
މަރުވާ ސްރީ ލަންކާގެ މުސްލިމް ރައްޔިތުން ރާއްޖެ ގެނެސް، ރާއްޖޭގައި ވަޅު ލުމުގައި އިސްލާމީ ނަޒަރިއްޔާތުގެ ބެލުމަކުން ބަލާ، ރާއްޖޭގައި ވަޅުލުމުގެ އެއްވެސް މައްސަލައެއް ނެތްކަމުގައި، މިމައްސަލާގައި ޚިޔާލު ފާޅުކުރި ހުރިހާ ދީނީ އިލްމުވެރި ކަހަލަ ގޮތަކަށް އެއްބަސްވެއެވެ.
އެހެންނަމެވެސް، ޚިޔާލު ތަފާތުވުން އުފެދުނު ހިސާބަކީ، ޚާއްސަކޮށް، މީގެ އަހަރެއް ކުރިން، ސްރީލަންކާގައި، ކްރިސްޓިއަނުންގެ އީސްޓަރ ބަންދު ދުވަހު ކްރިސްޓިއަން ފައްޅިތަކެއްގައި ބޮން ގޮއްވި ހާދިސާއަށްފަހު، ސްރީލަންކާގެ ސަރުކާރުން، އެގައުމުގެ މުސްލިމުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ކުރެވުމުންދާ ތުހަމަތުތަކާއެކު، ކޯވިޑް19 ހުއްޖަތަކަށް ހަދާ، މަރުވާ މުސްލިމުންގެ ހަށިތައް ވަޅުލުމުގެ ބަދަލުގައި އަންދަމުންދާ ދިއުމެވެ.
އަދި ވަކީން ޚާއްސަކޮށް، މަރުވި މުސްލިމުންގެ އާއިލާތަކުގެ ނުރުހުމުގައި، މައްޔިތާގެ ހަށިގަޑު އަންދަމުން ދާއިރު، މިއީ އދ.ގެ ޗާޓަރާވެސް ޚިލާފު، އަދި ދުނިޔޭގެ އެތަކެއް ގައުމުތަކުންނާއި އަދި، ޖަމްއިއްޔާ ޖަމާއަތްތަކުންވެސް، ފާޅުގައި ދެކޮޅު ހަދަމުންދާ ކަމަކަށްވާއިރު، ސްރީލަންކާ ސަރުކާރުން، މިމައްސަލައަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާނުވުމެވެ.
އެހެންކަމުން، ސްރީލަންކާއަށް އެގައުމުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރެވި، އަމިއްލަ ސަރުކާރުން ކެޑި ކަޑުލެއްގެ ހިތި ފިލިވުމުގެ ޒިންމާ އެހެން ގައުމެއްގެ ސަރުކާރުގެ ބޮލުގައި އެޅުވުމަށް ކުރަމުންދާ މަސައްކަތްތަކާ ފާޅުގައި ދެކޮޅު ހަދަން ޖެހެއެެވެ. އެތަކެއް މިލިއަން މުސްލިމުންނެއްގެ އިންސާނީ ކަރާމާތް ގެއްލުވާލާ، ސްރީލަންކާގެ ސަރުކާރުގެ ލާއިންސާނީ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، އެއެތައްކެއް އާއިލާތަކަަށް ލިބެމުންދާ ހިތާމާއާއި ހިތްދަތިކަމުގެ ލަދުވެތިކަމުން ބޯ ދަމައިގަތުމުގެ ހުއްޖަތަކަށް ދިވެހިރާއްޖެ ހެދުމުގެ ފުރުސަތު އެއްގޮތަކަސްވެސް ސްރީލަންކާގެ ސަރުކާރަށް ދެވިގެން ނުވާނެ ކަމަށްވެސް މިއދު ގިނަބަޔަކު ގަބޫލު ކުރެއެވެ.
އޭގެ ބަދަލުގައި އަޅުގަޑުމެންގެ ޒިންމާއަކަށް ހަދަންޖެހޭނީ، މި ބޮޑު ޖަރީމާ ކުއްވެރިކޮށް، ސްރީލަންކާގެ ސަރުކާރު ޒިންމާދާރު ކުރެވެން އޮތް ގޮތަކަށް ކުރުވާ، މުސްލިމް ގައުމެއްގެ ހައްިސިޔަތުން އެމަސައްކަތުގައި ދެމިތިބުމެވެ.
ރައީސް މައުމޫނުގެ ވިސްނުންފުޅު ރަގަޅުކަމުގައި ގިނަބަޔަކު މިއަދު ގަބޫލު ކުރަނީވެސް މިސަބަބަށްޓަކާ ކަމަށް ވެދާނެއެވެ.
އަދި އެމަނިކްފާނު ވިސްނެވީވެސް ވަރަށް ދުރަށެވެ. އެމަނިކްފާނުގެ ސިޔާސީ ތަޖުރިބާގެ އަލީގައި، މިމައްސަލާގައި ދައްކަވާ ދެއްވީ، ތޫނުފިލި، އެހާމެ ފުރިހަމަ ހައްލެކެވެ. ޑރ. މުނައްވަރު، މިމައްސަލާގައި ޖެއްސެވި ހަޖުލަށް ރައީސް މައުމޫން ދެއްވި ޖަވާބަކީ އެހާމެ މާނަފުން ޖަވާބެއް ކަމުގައިވެސް ބެލެވެއެވެ.
ޑރ. މުނައްވަރު ވިދާލުވެފައި ވަނީ، ދިވެހި ރާއްޖެއަކީ އިސްލާމިކް ރިޕަބްލިކް އޮފް ގަބުރުސްތާނެއް ނޫން ކަމުގައެވެ. ޖަވާބުގައި ރައީސް މައުމޫން ވިދާޅުވެފައި "ތިޔަ ވިދާޅުވީ ހަމަ ރަގަޅަށް" ކަމުގައެވެ.