ރައީސް މުއިއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފެނަކަ ކުންފުނީގެ އެމްޑީކަމާއި އޭނާ ހަވާލުވިއިރު، އެއީ "ރޭޕް" ކޮށްފައި އޮތް ކުންފުނޏެއްގެ ގޮތުގައި، ފެނަކަ ކުންފުނީގެ އެމްޑީ މުއާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބ. ކެންދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި މުއާޒް ވިދާޅުވީ އޭނާ އެކުންފުނީގެ އެމްޑީކަމާއި ހަވާލުވި އިރު އެއީ 4.3 ބިލިއަން ރުފިޔާއިން ދަރަނިވެރިވެ، ބަގުރޫޓް ވެފައި ކަމުގައެވެ.
އޭނާ ވިދާޅުވީ އެކުންފުންޏަކީ 120 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބެންދާ ކުންފުންޏަކަށް ވާއިރު، 80 މިއަން ރުފިޔާ ޚަރަދު ކުރަމުންދިޔައީ ކުންފުނީގެ ވަޒީފާގައި ތިބި 86 މުވައްޒަފުންގެ މުސާރައަށް ކަމުގައެވެ. އަދި އެކުންފުނީގެ އޮޕްރޭޝަންތަކަށް ޚަރަދު ކުރާނެ ފައިސާއެއްވެސް ކުންފުނީގައި ނެތްކަމަށް އެނާ ވިދާޅުވިއެވެ.
އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ. 120 މިލިއަން ރުފިޔާގެ ތެރެއިން 86 މިލިއަން ރުފިޔާ ހަމައެކަނި މުސާރައަށް މިދެނީ. އޮޕަރޭޝަންސްތަކަށް ވެސް ބޭނުން ވާނެ ފައިސާ. އެހެންވީމަ މިއަދު ހާލަތަކީ މިއީ.
މުއާޒްގެ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވި އެކުންނިން ހިންގާފައިވާ ކޮރަޕްޝަން އެންމެ ބޮޑަށް ހިންގާފައިވަނީ ޖެންސެޓްތައް ވިއްކައިގެން ކަމަށާއި، ރާއްޖޭގެ އެކި ރަށްތަކުގައި ހުރި ޖެންސެޓްތައް މަރާމާތު ނުކޮށް، އާ ޖެންސެޓްތައް ކުންފުނިން ގަނެފައިވަނީ ވަކިބަޔަކަށް ނާޖާއިޒު ފާއިދާ ހޯދާ ދިނުމުގެ ބޭނުމުގައި ކަމުގައެވެ.
އެގޮތުން އޭނާ ވިދާޅުވީ ފެނަކަ އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް 502 ޖެންސެޓް ބޭނުން ކުރަމުންދާ އިރު، 302 ޖެންސެޓް އޯވަހޯލް ނުކުރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މެއިންޓަނަސްއަށް ޚަރަދު ނުކުރުމުގެ ސަބަބުން ރަށެއްގައި 3 ޖެންސެޓް ހުރެއްޖެނަމަ 2 ޖެންސެޓް ރަގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.
މެއިންޓަނަންސްއަށް ޚަރަދު ނުކުރި ސަބަބެއްގެ ގޮތުގައި އޭނަ ފާހަގަ ކުރެއްވީ އާ ޖެންސެޓް ގެންނަން އޭގެ ވިޔަފާރި ނާޖާއިޒު ގޮތުގައި ކުރުމެވެ.
މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މެއިންޓަނެންސް އަށް އެއްވެސް ހަރަދެއް ނުކުރޭ. އޭގެ ސަބަބު ވަރަށް ސާފު. ބޭނުމަކީ ޖެންސެޓްތައް ގަތުން، ޖެންސެޓްތައް ހުސްވީމަ ގެންދާ އުސޫލުން ޖެންސެޓުތައް ގަނެފައި ބޮޑު ވިޔަފާރިއަކަށް ހަދާލާފައި އޮތީ.
މުއާޒް ވިދާޅުވިއެވެ.
ރަށްރަށުގައި ހުރި ޖެންސެޓްތައް މަރާމާތު ކޮށްފައި ނެތްތަނަމަވެސް އަހަރަކަށް 100 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ހިސާބުތަކުން ދައްކާކަމަށް ވިދާޅުވަމުން މުއާޒް ވިދާޅުވީ އެވަރަށް ޚަރަދު ކޮށްފައި ހުންނަކަމަށް ދައްކާއިރުވެސް ޖެންސެޓްތައް ހުންނަނީ ހަލާކު ވެފައި ކަމުގައެވެ.
ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާތަކާއި ރޭޑިއޭޓަރަށް އަޅަން ބޭނުން ކުރާ ބައެއް ލިކުއިޑްތައް މިދިޔަ ފަސް އަހަރުގެ ތެރޭގައި ނުގަނޭ. އެހެންވީމަ ނަތީޖާއަކީ ހުރިހާ ރޭޑިއޭޓަރުތަކެއް މިވަނީ މިވަގުތު ހުރީ ހަލާކުވެފައި. މާނައަކީ މިސާލަކަށް 600 ގެ ޖެންސެޓަކަށް ލޯޑެއް ނުހިފެހެއްޓޭ. 600 އަށް ނުދޭ ލޯޑެއް އަރައިގެން. 300 ގައި މިއުޅެނީ ލޯޑް. އެހެންވީމަ އަޅުގަނޑުމެންނަށް މަޖުބޫރު ވަނީ އަނެއްކާ އާ އެއްޗެއް ގަންނަން.
މުއާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނަކައިން 157 ރަށުގައި ޚިދުމަތް ދެމުންދާއިރުވެސް އެ ކުންފުނީގެ ސާވިސް ސެންޓަރެއްހާ މިންވަރުވެސް ނެތް ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ފެނަކައިގެ ސާވިސް ސެންޓަރެއް ގާއިމްކޮށް ދެއްވާނެ ކަމުގައެވެ. އެކަމަށް ހިނގާނެ ޚަރަދުގެ ގޮތުގައި އޭނާ ވިދާޅުވީ 60 މިލިއަނެއްހާ ރުފިޔާ ކަމުގައެވެ.
މުއާޒު އިތުރަށް ވިދާޅުވީ ފެނަކައިން ޖެންސެޓްތައްފަދަ ތަކެތި އުފުލަން މިދިޔަ އަހަރު އެކަނިވެސް 117 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމުގައެވެ. އަދި އަހަރު އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ދަތުފަތުރަށް ފެނަކައިން ޚަރަދު ކޮށްފައިވާއިރު، ފެނަކައިގައި ދޯންޏެއް އަދި ލޭންޑިން ކްރާފްޓެއްހާ މިންވަރުވެސް ނެތްކަމަށާއި، އެކަން އެގޮތަށް ހަމަޖައްސާފައި އޮތީ ނާޖާއިޒް ފައިދާ ނެގުމަށް ކަމުގައެވެ.
އެކަމަކު، ފެނަކައިގައި ނެތް ދޯންޏެއް. ފެނަކައިގައި ނެތް ލޭންޑިން ކްރާފްޓެއް. މިއީ ހާލަތު. ބޮޑު އަގުގައި ދެނީ. ނާޖައިޒުކޮށް ދެނީ މީހުންނަށް. ވިޔަފާރިތައް ދެނީ. މިގޮތަށް ދެމުން ގޮސް، މި ކުންފުނި މިއޮތީ 4.3 ބިލިއަން ރުފިޔާ އިން ބަނގުރޫޓުވެފައި،" މުއާޒް ވިދާޅުވިއެވެ.
މުއާޒް ވަނީ މިދިޔަ ސަރުކާރުން ހިންގި ޖަރީމާތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވޭ ވަރަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ލަސްތަކެއް ނުވެ، މި ހުރިހާ މައްސަލަތައް އޭސީސީ އަށް ހުށަހަޅާނެ ކަމަށް މުއާޒް ވިދާޅުވިއެވެ.