ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވުނުން ކުރިޔަށް އޮތް ރޯދަމަހު މަޖިލިސް އިންތިޚާބު ބާއްވަން ނިނާގައޮތް ނިންމުން ބަދަލުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މަޖިލިސް އިންތިހާބު މާޗް 17މާޗު (ރޯދަ މަހުގެ ހަތް ވަނަ ދުވަސް) ބާއްވަން ހަމަޖައްސާފައި ވާއިރު، ރައްޔިތުންގެ މަޖިލިހުން އިއްޔެވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ރައީސަށް މަޖުބޫރު ވާގޮތަށް އެބިލް އަލުން ފާސްކޮށްފައެވެ،
ފާސްކުރި ގާނޫނުގައި ވާގޮތުން އިންތިޚާބު ބާއްވަން ޖެހެނީ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުންނެވެ.
އެ ބިލު ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު ވިދާޅުވީ ކޮމިޝަނުން އަމަލުކުރާނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް އެ ތަސްދީގުނުކުރައްވާހާ ހިނދަކު މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލެއް ނާންނާނެ ކަމަށްވެސް ހަބީބު ވިދާޅިވިއެވެ..
"އަދި އޮތީ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް، އެއަށް އަމަލު ކުރުން ލާޒިމެއް ނުވޭ. ނަމަވެސް ރައީސް ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ހިސާބުން އަޅުގަނޑުމެން އެކަމުގައި [ތާރީހާ މެދު] ގޮތެއް ނިންމާނަން،" ހަބީބު ވިދާޅުވި އެވެ.
ކުރިން ވެސް ނިންމި ތާރީހަށް އިންތިހާބު ބާއްވަން ކޮމިޝަނުން ބާރު ސްޕީޑްގައި މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފައިވަނީ އިއްޔެއެވެ.
މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ.
އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.
ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.