އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިނުލެއްވި ނަމަވެސް، އެ ޕާޓީގެ ލީޑަޝިޕްގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި "މިސްރާބު ހަމަމަގަށް" ޖަލްސާގައި ސޯލިހް ވިދާޅުވީ ޕާޓީގެ ގިނަ ބަޔަކު ލީޑާޝިޕުގައި ތިއްބަވައިގެން އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަނެއްކާ ވެސް ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަށް އާ ރައީސަކު ލިބުމުން އަނެއްކާވެސް އާ ހިތްވަރެއް ލިބިފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން، އެކަމަށް ޝައުގުވެރިވެވަޑައިގެން ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަންޏެވެ. އެހެންވެ، ޝާހިދަށް މިހާރު ވަނީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމު ލިބިފައެވެ.
ސޯލިހު ވިދާޅުވީ އެމްޑީޕީން ދުރަށް ވަޑައިގަތުމުގެ ވިސްނެވުން އަދި އެމަނިކުފާނުގެ ނެތް ކަމަށެވެ.
"އެމްޑީޕީގައި އަޅުގަނޑު ހުންނާނަން، ލީޑާޝިޕުގައި އަޅުގަނޑު ހުންނާނަން، މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ މިފަދަ ދަނޑިވަޅުތަކުގައި، އަނެއްކާ ވެސް ޕާޓީގެ ސަފުތައް ތަރުތީބު ކުރަން، އަޅުގަނޑަށް ކުރެވެން ހުރި މަސައްކަތެއް އިރާދަކުރެއްވިއްޔާ ކުރާނަން،" ސޯލިހް ވިދާޅުވިއެވެ.
ސޯލިހް ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް ޕާޓީގައި ދެމިތިއްބެވުމަށް އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ވެސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ފަހަތަށް އަރައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އިންތިހާބު ކާމިޔާބުވާ ކެންޑިޑޭޓުން އެމްޑީޕީގައި ދެމިހުންނަވައި ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ކުރުމަށް ވެސް ސޯލިހް އެދިވަޑައިގެންނެވިއެވެ.