އެމްޑީޕީއަކީ ހިތްވަރު އެލި، ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އަލުން ރާއްޖެ ހަމަ މަގަށް އަޅުވާނެ ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ތައާރަފް ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި "މިސްރާބު ހަމަ މަގަށް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ބޮޑު ތަނުން ރައްޔިތުންނަށް އޮޅުވާލާއި ފިތުނަ ހަދާފައިވާ ކަމަށެވެ.
އަދި މިސްރާބު ގެއްލި، ކަތިވެ، ފާލުން ވެސް ނެއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން އެއް އަޑަކުން ގޮވަމުން ދަނީ ދޮގު ދޮލަނގު ކުނިވެއްޖެއޭ. ދޮގު ދޮލަނގުގައި ފުޅަ އަޅައްޕޭ. ދޮގު ދޮލަނގަށް ސަލާމޭ، ވައްސަލާމޭ. ފުދިއްޖެއޭ، ދެން ހޯހޯއޭ. ދެން ވަރިހަމައޭ. އަޅުގަނޑުމެން މިއަދު މިތިބީ ދިވެހި ރައްޔިތުން ގޮވާ ގޮވުން އެނގިގެން. ދިވެހި ރައްޔިތުން ގޮވަމުން ދަނީ ކީކޭތޯ؟ މިސްރާބު "ހަމަ މަގަށް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީން ނުކުތީ މިސްރާބު ހަމަ މަގަށް އެޅުވުމަށް އާ ޖޯޝަކާއި އާ ފޯރިއަކާއި އާ އަޒުމަކާ އެކީގައެވެ. އެމްޑީޕީ އަކީ ރާއްޖެ ބަދަލުކޮށްލި ޕާޓީ ކަމަށާއި އެ ޕާޓީން ގޮވަމުން ދަނީ ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ޕާޓީއަކީ ހިތްވަރު އެލޭނެ ޕާޓީއެއް ނޫން." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖެ އިން ބޭރު ދުނިޔޭގައި ބާކީވާން ފަށާފައިވާ ކަމަށާއި ރާއްޖެ "ފަހަތަށް ސޮއްސެމުން"ދާ ކަމަށެވެ. އަދި އަނިޔާވެރިކަން ތިލަވާން ފަށައި ހައްގުތައް ހަނި ކުރަން ފަށާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"މުއައްސަސާތަކަށް އަތް ބާނަން ފަށައިފި. ނޫސްވެރިކަމުގައި ތަޅު އަޅުވަން ފަށައިފި. އަނގަ މަތީގައި މަލަން އަޅުވަން ފަށައިފި. މި ދަނީ ނުބައި މިސްރާބަކަށް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.