ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި ރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރޭގެ ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ ސަރފިންގ ސްޓޭޑިއަމެއްގެ އިތުރުން، ޑްރިފްޓިންގ ސްޓޭޑިއަމެއްވެސް ހުޅުމާލޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމަށެވެ.
ރޭގެ "އަހާ" ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެއްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ހަފުތާ 14ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ %100 ހާސިލުކުރެވިއްޖެކަމާއި ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި، ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި، ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައެވެ. 'އަހާ' ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.