ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ހަފްތާ 14ގައި ފުރިހަކުރުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން 150 ވައުދުގެ %100 ފުއްދިފައިވާ ކަމަށާއި، މިހާރު ބާކީ ނުފުއްދިވަނީ އެންމެ 11 ވައުދު ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި، އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހަފްތާ 14ގެ ބާކީ އޮތް 11 ވައުދަކީވެސް %80 ފުއްދިފައިވާ ވައުދުތައް ކަމުގައެވެ. އަދި ހަފްތާ 14 ނިމޭއިރު ހުރިހާ ވައުދެއްވެސް %100 އަށް ފުއްދިގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ފޯރަމްގައި ރައީސް ވިދާޅުވީ އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި، ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެކަމަށާއި، ޑްރިފްޓިންގ ސްޓޭޑިއަމެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވީހައި ގާތުން ހޯއްދަވައި، ރައްޔިތުންގެ ހާލުއަހުވާލު އަބަދުމެ ބައްލަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަންދެއްވައެވެ. މިގޮތުން ވެރިކަމުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ އެމަނިކުފާނު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަން ފަށްޓަވައިފައެވެ. އަދި ކޮންމެ ދުވަހަކު 'ރައީސްގެ ޖަވާބު' ގެ ނަމުގައި ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަމަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވައި، ދެއްވާ ޖަވާބު ޢާއްމުކުރައްވަން ފަށްޓަވައިފައެވެ. 'އަހާ' ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.