މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެެއްލޭ ގޮތަށް ފަރުމާ ކޮށްފައިވާ އެންޓި ޑިފެކްޝަލް ބިލް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައެވެ. އެހެންނަމަވެސް އެ ގާނޫނު އޭރު ފާސްކޮށްފައިވަނީ ވަކި މެމްބަރުންތަކަކަށް އަމާޒު ކޮށްފައެވެ.
އެއާއެކު، ސަރުކާރު ބަދަލުވުމާއެކު އެގާނޫނު ވަނީ އުވާލާފައެވެ.
މި ފަހުން އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އާ ގުޅިވަޑައިގަތުމާއި ގުޅިގެން އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް ގޮވާލާ އަޑު ވަނީ ގަދަވާން ފަށާފައެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ކުރިން އޮތް ގާނޫނުގެ އެންމެ ބޮޑު އެއް މައްސަލައަކަށްވީ ސިޔާސީ ޕާޓީއަކުން މެންބަރު ވަކި ކުރާހިސާބުން އެ މެންބަރެއްގެ ގޮނޑި ހުސްވާގޮތަށް އޮތުމެވެ.
ހިސާން ވިދާޅުވީ އެހެންނަމަވެސް، މިހާރު މަޖިލީހަށް ވެއްދި ބިލުގެ ތަފާތަކީ ސިޔާސީ ޕާޓިއަކުން ވަކި ކޮށްފި ނަމަ އެ ދާއިރާގެ ރިކޯލް ވޯޓަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާން ޖެހުމެވެ. އަދި މެމްބަރެއްގެ ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުން އޭނާ އަށް ނޫނެކޭ ބުނެފި ނަމަ ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ މައްޗަށް މެންބަރުންގެ ފުލް ކޮންޓްރޯލް ނޯންނަ ގޮތަކަށް ނަމަވެސް ރައްޔިތުންގެ މި ކަންބޮޑުވުމަށް ވެސް އަޅުގަނޑުމެންނަށް އެޑްރެސް ކުރެވޭ ގޮތަށް މިހާރު މި ބިލް ފަރުމާ ކުރެވިފައި މި އޮތީ،" ހިސާން ވިދާޅުވި އެވެ.
އެމްޑީޕީއަށް މަޖިލީހަށް ހިށަހަޅާފަ އޮތް ބިލުގައިވާގޮތުން މެންބަރު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެ ނަމަ އޭނާ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެ އެވެ.