ލަންކާ މުސްލިމުން އެދެނީ މަރުވުމުން ހަށިތައް ބޭރުގައުމަކަށް އަރުވާލާކަށެއް ނޫން: ޑރ.މައުރޫފް

ލަންކާ މުސްލިމުން އެދެނީ މަރުވުމުން ހަށިތައް ބޭރުގައުމަކަށް އަރުވާލާކަށެއް ނޫން: ޑރ.މައުރޫފް

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 12:52
0

ލަންކާގައި ކޯވިޑް-19 ގައި މަރުވާ މުސްލިމު ރައްޔިތުން އަންދާލުމާއި ދެކޮޅަށް އެޤައުމުގައި ކުރަމުންދާ މުޒާހަރާތަކާއި، އަޑުއުފުލުންތަކުގައި ގޮވާލާފަދައިން އެމީހުންނަށް އެމީހުންގެ ފަސްގަނޑުގައި މަރުވުމަށްފަހު ވަޅުލެވޭނެ ގޮތަކަށް ރާއްޖެއިންވެސް ވަކާލާތު ކުރަންޖެހޭ ކަމުގައި އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ.މައުރޫފް ހުސެއިން ވިދާޅުވެއްޖެއެވެ.

ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާލާތީ، މުސްލިމުގެ ހަށިތައް ރާއްޖެ ގެނެސް ވަޅުލުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ޑރ.މައުރޫފް ހުސެއިން ވިދާޅުވީ ލަންކާގެ މުސްލިމުން އަޑު އުފުލައި ގޮވާލާމުންދަނީ އެމީހުންގެ ތެރެއިން ކޯވިޑްގައި ނިޔާވާ މީހުންގެ ހަށިތައް ލަންކާގެ ފަސްގަނޑުގައި ވަޅުލެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ. އަދި މިއަދު ދިވެހި ސަރުކާރުންވެސް މަސައްކަތް ކުރަންވީ ލަންކާގެ މުސްލިމުންގެ ހައްގުގައި އެމީހުންގެ ހައްގުތައް ހޯދައި ދިނުމަށް ކަމަށާއި، ރާއްޖެއަށް މަރުވާ މައްޔިތުންގެ ހަށިތައް ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

ލަންކާގެ މުސްލިމުން އެދެނީ އެމީހުންގެ ކޮވިޑް މައްޔިތުންގެ ހަށިތައް އަންދާނުލައި އެމީހުންގެ އަމިއްލަ ގައުމުގައި ވަޅުލާށެވެ. ފަސޭހައިން މަހާނަޔަށް ޒިޔާރަތް ވެސް ނުކުރެވޭގޮތަށް ބޭރުގައުމަކަށް އަރުވާލާކަށެއް ނޫނެވެ. ދިވެހި ސަރުކާރުންވެސް ވަކާލާތު ކުރަންވީ މި ޙައްގު ހޯދައި ދިނުމަށެވެ.

– ޑރ.މައުރޫފް ވިދާޅުވިއެވެ.

މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލުމާއި ދެކޮޅު ހައްދަވައިދެއްވާ، މުސްލިމުންގެ ހަށިތައް ލަންކާގައި ވަޅުލުމަށް ބާރުއަޅުއްވައި ދެއްވުމަށް ސްރީލަންކާގެ މުސްލިމުން ތަމްސީލް ކުރާ 18 ޖަމިއްޔާއަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެސް ވަނި އިލްތިމާސްކޮށްފައެވެ. ލަންކާގެ އާދަކާދަ އާއި ސަގާފަތަށް ބަލާއިރު މީހަކު މަރުވުމަށް ފަހު، އެ މީހެއްގެ މަހާނަ ދޮށަށް އާއިލާ އިން ޒިޔާރަތްކުރުން ފަދަ ކަންތައް އޮންނަ ކަމަށާއި ނަމަވެސް މައްޔިތުން ގައުމުން ބޭރަށް ގެންގޮސް ވަޅުލައިފި ނަމަ އެފަދަ ކަންކަން ކުރުމުގެ ފުރުސަތު ނިކަމެތިންގެ އާއިލާތަކަށް ނުލިބޭނެކަން ވެސް ސިޓީގައި ފާހަގަ ކޮށްފައި ވެއެވެ.

ލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުމަށް އަދާލަތް ޕާޓީންވެސް ވަނީ ތާއީދުކޮށްފައެވެ. ކޯލިޝަންގައި ހިމެނޭ ބައިވެރިންގެ ތެރެއިން މިކަމަށް ތާއީދު ނުކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް މައުމޫނެވެ. ރައީސް މައުމޫން ވަނީ ސަރުކާރުން މިކަން ކޮށްފިނަމަ މިއީ ލަންކާގެ މުސްލިމުންނާއި ދެކޮޅަށް ނިންމާ ނިންމެއްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.