ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި

ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި

Author
އަހުމަދު
22 ފެބްރުއަރީ 2024 03:31
0

ގއ. ކޮނޑޭގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު ކޮނޑޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮނޑޭ ކައުންސިލު ރައީސް އަޙްމަދު .ޢަބްދުލްޙަކީމްއެވެ

ކޮނޑޭ ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަ ފުޅުގައި، މިއަދަކީ ވަރަށް ވެސް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ކޮނޑޭގައި ނަގައި ރަށުގައި ދިރިއުޅޭ އަދި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ރަސްމީކޮށް ފުލުހުން ގާއިމުކުރުމުގެ ފެށުން ފާހަގަ ކުރެވި، ފުލުހުންގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔަ ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ޕޮލިސް ޕޯސްޓެއް ހުޅުވުމުން ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ސީޕީވަނީ މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ދެވަނަ އަތޮޅުކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހަފްތާ ސާދައިގައި ހިމެނިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވުމުގެ މަސައްކަތް، މިއަދު ހުޅުވިގެން މިދިޔަ ކޮނޑޭ ޕޮލިސް ޕޯސްޓާއެކު ނިންމަވާލެވުނީކަން ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، 600 އެއްހައި މީހުން ދިރިއުޅޭ ކޮނޑޭ ފާހަގަކުރެވިފައި ވަނީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ ވަޒީފާތަކާއި ކައިރި ރިސޯޓުތަކުގައި ވަޒީފާއަދާކުރާ ހަރުދަނާ ރައްޔިތުންތަކެއް ތަމްސީލުކުރާ މިރަށުގައި އަމާންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށް ވިދާޅުވިއެވެ. އަދި މިއަތޮޅަކީ ދެ އެއާޕޯޓެއް އޮތް އަތޮޅަކަށް ވެފައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދާދިއުމަކީ އޭގެ ސަބަބުން ރަށުގެ އާންމު މަސްލަހަތާއި ކުށުގެ ވެއްޓަށް ބަދަލުތަކެއް އަންނާނެކަމެއްކަން އަންދާޒާކުރެވޭ ކަމަށާއި، ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ހާލަތު މިއަދު ބަދަލުވަމުން އަންނައިރު ކުށްކުރާ ފަރާތްތަށް އެކުށްތަކަށް އަރައިގަންނަ ގޮތްތަށް ވެސް މިއަދު ބަދަލުވެފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ކިދުމަތްދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައާ ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކުށަކަށް އަރައިގަތުމުގެ ކުރިން އެކުށެއް އުފެދެން ދިމާވާ ސަބަބުތައް ނައްތާލުމަށް މަސައްކަތްކުރުންކަމަށެވެ.

އަދިހަމަ އެހެންމެ އިފްތިތާހު ކުރެވިގެން މިދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން ކޮނޑޭގެ އިޖުތިމާއީ އަދި ސިނާއީ ތަރައްގީއަށް ރައްޔިތުން ހަރަދުކޮށްފައިވާ އަގުބޮޑު މުދަލާއި އާލާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތައް ވެގެންދާނެކަމަށާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށާ އަދި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވެ ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެ ކަންބޮޑުވުމެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދެއްވުމަށް ކޮނޑޭގައި ގާއިމުވެތިބެ ޚިދުމަތް ފޯރުކޮށްދެއްވާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. މިގޮތުން ޖަމާއަތުގައި ނަމާދުކުރުމާއި، ޑިއުޓީ ގަޑީގައި ގިނަ ވަގުތު ރަށުތެރޭގައި ހަރަކާތްތެރިވުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާއި ބަނދަރު ސަރަހައްދު ބެލެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލައްވަމުން، މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށް މަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށްޓަކައި ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށް އަދި މިއީ ފުލުހުން އެކަނި ކުރެވޭނެ ކަމެއް ނޫންކަމަަށް ދެކިގެން އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމް ވިދާޅުވީ މިއަދު ހުޅުވިގެން ދިޔަ ޕޮލިސް ޕޯސްޓަކީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ އެތައް ދުވަހެއްގެ ބުރަ މަސައްކަތްކަތުގެ ނަތީޖާކަމަށެވެ. އަދި ހަމައެއާއެކު ކޮނޑޭ އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ކޮމިޝަނަރގެ އިތުރުން އަތޮޅު ކޮމާންޑަރާއި، މިހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި ފުލުހުންނާއި އެހެނިހެން ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.