ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ޖަޕާން ސަރުކާރުން އިތުރު 326 މިލިއަން ޖަޕަނީސް ޔެން (ގާތްގަނޑަކަށް 3.5 މިލިއަން ޑޮލަރު) ގެ ހިލޭ އެހީ ރާއްޖެއަށް ދީފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ އެހީއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ މިނިސްޓަރ މޫސާ ޒަމީރާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ ޓަކޭޗީ މިޑޯރީއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން ޕްރޮޖެކްޓް (ޑީޓީޓީބީ) އަކީ ރާއްޖެއަށް ވަރަށް މުހިންމު ޕްރޮޖެކްޓެއް ކަމުގައެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގެ ރަށްރަށުގެ މެދުގައި އިންފޮމޭޝަން އެކްސެސިބިލިޓީ އާއި ތަފާތުތައް ނައްތާލުމެވެ. މި މަޝްރޫޢުގެ ސަބަބުން މުވާސަލާތީ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތަކުން އަރައިގަތުމަށް ވެސް މި މަޝްރޫޢުގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބެލެވެއެވެ. އިތުރު ފަންޑިންގގެ ސަބަބުން މަޝްރޫޢުގެ އަސްލު ސްކޯޕް ދެމެހެއްޓުމަށް މަގުފަހިވެ، މި މަޝްރޫޢު ކާމިޔާބުކަމާއެކު ޙާޞިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވަނީ ޖަޕާނުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މި އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރ ޒަމީރު ވަނީ ތަރައްޤީގެ މައި ބައިވެރިއެއްގެ ހައިސިއްޔަތުން ޖަޕާނުން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ފިނޭންސް، ޕަބްލިކް ސަރވިސް މީޑިއާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި، ޖަޕާން އެމްބަސީއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.