އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވި މީހުންގެ ތެރެއިން ވަކި ބައެއްގެ މައްސަލަ ބަލާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ މައްސަލައަށް އިޝާރާތްކޮށް އާދަމް ޝަރީފް ވިދާޅުވީ ފެނިގެން މިދަނީ ވަކި ބަޔަކަށް އަމާޒުކޮށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ކުރިއަށް ގެންދާ މަންޒަރު ކަމަށެވެ. މިކަމުގައި ބައިވެރިވި މީހުންގެ ތެރެއިން މިސަރުކާރަށް ނިސްބަތްވާ އެއްވެސް މީހެއްގެ މައްސަލަ ނުބަލައި، އެއިން މީހެއްގެ ތަހުގީގުވެސް ނުގެންދާކަމީ މިޤައުމުގައި ކުރަމުންދާ ވެރިކަމަކީ އަދުލުވެރި އިންސާފުވެރި ވެރިކަމެއް ނޫންކަން ހާމަވާ ކަމެއްކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން މިސަރުކާރަށް ނިސްބަތްވާ މީހެއްގެ މައްސަލަތައް ނުބަލައި، އެނޫން ފަރާތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިއުމުން ދޭހަވަނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަދުލުވެރިއިންސާފުވެރި ވެރިކަމެއް ރާއްޖޭގައި ނުކުރެވޭކަން.
– އާދަމް ޝަރީފް ވިދާޅުވިއެެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
ނަމަވެސް މިހާތަނަށް އައިއިރު މީގެ ތެރެއިން ދެތިން ހަތަރު މީހެއްގެ މައްސަލަ ފިޔަވައި އެއްވެސް މީހެއްގެ މައްސަލައެއް ބަލާފައި ނުވެއެވެ. އަދި މިކަމުގައި ބައިވެރިވި މީހުން ކޮށްފައިވާ މުއާމަލާތުގެ 70،000 އަށް ވުރެ ގިނަ މެސެޖް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވި ނަމަވެސް ދައުރު ނިމިގެންދިޔަ އިރުވެސް އެކަން ވަނީ ކުރެވޭ ގޮތް ނުވެފައެވެ.
ކޮމެންޓު ފޮނުވާ