ޑިފެންސް މިނިސްޓްރީގެ އެންމެގައި ޚަރަދުތައް ބަލަހައްޓަންވާނީ ދައުލަތުގެ ބަޖެޓުން ކަމަށާއި، ޑިފެންސުގެ ޚަރަދުތައް ޕްރައިވެޓް ފަންޑުން ބަލެހެއްޓުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި އަލަށް އިމާރާތް ކުރާ އެގެޒެކެޓިވް ބުލޮކްގެ މަަސައްކަތާއި ގުޅިގެން ދިޔާނާ ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ މަަސައްކަތްތަކެއް ކަމުގައެވެ. ޑިފެންސް މިނިސްޓްރީއަކީ ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ މައި އިދާރާއަށްވާއިރު، ޑިފެންސަށްކުރާ ޚަރަދުތަކަކީ އާންމު މީހުންގެ ޖީބުން ވުނަތަ ޑޮނޭޝަން ފަންޑުތަކުން ކުރަންޖެހޭ ހޭދަތަކެއް ނޫންކަމަށެވެ.
ދައުލަތުގެ އިޖުތިމާއީ ޚިދުމަތްދޭ ތަންތަނާއި، ޞަދަގާތް ފަންޑަށް އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީ ވަރަށް މުހިންމު، އެކަމަކު ޑިފެންސް ސެކްޓާގެ އެންމެހައި ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ބަޖެޓުން. ޕްރައިވެޓް ޑޮނޭޝަންސް އިން ޑިފެންސް ސެކްޓާ އަށް ޚަރަދުކުރުން ބަލައި ގަންނަންދަތި.
– ދިޔާނާ ވިދާޅުވިއެވެ.
ޅ. މާފިލާފުށީގައި އަޅާ މި އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ނިންމަވާފައި ވަނީ ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރިއެވެ.
މި އިމާރާތުގެ ބިންގާ އެޅުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިފިލާފުށީގައި ޑިސެންބަރު 15 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަނީ ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކަފުޅުގައި ސިފައިންގެ އުމްރާނީ ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ، ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ