މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާއިއެކު، ރާއްޖޭގެ އިޤްތިޞާދު ހުއްޓިފައި އޮތް އޮތުން އަލުން ފަށައިގަތުމަށްޓަކައި ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު ނިންމުން ނިންމުނު ދުވަހަކީ މިއަހަރުގެ ޖުލައި މަހުގެ15 ވަނަ ދުވަސް ކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ 5 ލައްކަ ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ތައްޔިބު ވިދާޅުވީ ކޯވިޑް-19 ގެ ބަލި މަޑުކަމާއިއެކު ވަސީލަތް މަދު، އިޤްތިޞާދުގެ ބޮޑުބައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ރާއްޖެވާއިރު، ރާއްޖެއަށް މިއަދު މިހިސާބަށް އާދެވުމީ ވަރަށް ގިނަ ބައެއްގެ މަސައްކަތުން ކަމަށެވެ.
ޚާއްސަކޮށް ކުރިމަތީގައި އޮތް ގޮންޖެހުންތަކާއި، ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ ތިބިވެސް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާއިއެކު ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ މިއަދު މިހިސާބަށް ރާއްޖެއަށް އާދެވުމުގެ އެންމެބޮޑު ކާމިޔާބު ކަމަށެވެ. ތައްޔިބު ވިދާޅުވީ ރައީސް ޞާލިހު އެދުވަހު ބޯޑަރު ހުޅުވާނުލިނަމަ މިއަދު ރާއްޖޭގެ ހާލަތު ވަޒަން ކުރަންވެސް ނޭގޭކަމަށެވެ. ރައީސްގެ މިނިންމެވުމަކީ ހިއްވަރުދަގަ ޤައުމުގެ މުސްތަގުބަލަށް ބަލައި ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މިހިސާބަށް މިއާދެވުނީ ހަގީގަތުގައި ޖުލައި 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހިތްވަރު ގަދަ ނިންމެވުމުގެ ސަބަބުން. މިކަމުގައި އަޅުގަނޑު ފާހަގަކޮށްލަން، ރާއްޖޭގެ ހެލްތު ދައިރާއާއި، ފަތުރުވެރިކަމުގެ މިނިސްޓްރީއާއި، އެމްއެމްޕީއާރުސީއާއި، ރިސޯޓް އޯނަރުންނާއި، މުވައްޒިފުން. އެބޭފުޅުން އެނެންގެވި ރިސްކާއިއެކީ މިހިސާބަށް މިއާދެވުނީ.
– ތޮއްޔިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯވިޑާއިއެކު ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކާއިއެކު ސަރުކާރުން ކުރެއްވި ހަރުދަނާ މަސައްކަތުގެ ސަބަބުން ރާއްޖެއަކީ މިއަދު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އަދި މިއަދު ރާއްޖެއިން ދައްކަމުންދާ ނަމޫނާއަކީ މުޅި ދުނިޔެ އެކަމުން ނަމޫނާ ބަލައިގަނެ، މި މަގުން ކުރިއަށްދާން މަސައްކަތް ކުރަމުންދާކަމަށެވެ.
ފާއިތުވެދިދިޔަ ދުވަސްތަކުގައި ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ގޮސް މިއަދު ހާހުން ގުނާލެވޭ ވަރަށް ކޮންމެ ދުވަހަކުވެސް ފަތުރުވެރިން އަންނަމުންދަނީ މިމަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން މަސައްކަތް ކުރާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށް ކަމަށެވެ. ތައްޔިބު ވަނީ މިކަމުގައި ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ