ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކުގެ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ލ. ފޮނަދޫ، ޝާރާޒް، މުހައްމަދު އަނަސް، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ކުޅޭ ކުދިން ތަމްރީނު ކުރާ ތަންތަނާއި، އެކަަޑަމީތަކާއި ޖަމިއްޔާތަކަށް ސީއެސްއާރްގެ ދަށުން ނުދޭ މައްސަލައަށް އެޓެންޑް ކުރައްވާނެ ކަމަށެވެ.
ރައީސްގެ ޖަވާބު
19 ފެބްރުވަރީ 2024ލ.ފޮނަދޫ، ޝާރާޒް، މުޙައްމަދު އަނަސް، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/cOHMoOugWj
— Government of Maldives (@governmentmv) February 19, 2024
އަދި އެކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ މަޝްވަރާ ކުރައްވައިގެން ސީއެެސްއާރްގެ ގޮތުގައި ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދައިގެން ރަނގަޅު ސިޔާސަތުގެ ދަށުން އެކަޑަމީތަކަށް އެހީތެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުގެ އެކި ކުންފުނިތަކުން އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރުގައި ސީއެެސްއާރްގެ ގޮތުގައި ތިޔަބޭފުޅުން ފަދަ ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދާ ދިނުމަށް އަޅުގަނޑު ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް އަދި އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާ ދިނުމަށް ކުންފުނިތަކާއި ވާހަކަ ދައްކައިގެން ރަނގަޅު ސިޔާސަތުތަކެއް ބައްޓަން ކުރުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.