ރާއްޖޭގެ އިޤްތިޞާދަށް އުފާވެރިކަން، 5 ލައްކަ ފަތުރުވެރިޔާއަށް ހޫނުމަރުހަބާއެއް!

ރާއްޖޭގެ އިޤްތިޞާދަށް އުފާވެރިކަން، 5 ލައްކަ ފަތުރުވެރިޔާއަށް ހޫނުމަރުހަބާއެއް!

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2020 11:15
0

ކޯވިޑް-19 އަށް ފަހު ރާއްޖެއިން ކުރަމުންދިޔަ މަސައްކަތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ރާއްޖޭގެ އިޤްތިޞާދަށް އުންމީދީ މަންޒަރުތަކެއް ގެނުވައިފިއެވެ. ރާއްޖެއަށް ޒިޔާރަތް ކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާއަކީ އަންހެން ފަތުރުވެރިއެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން މިއަދާއި ހަމަޔަށް ކުރަމުންދިޔަ ބުރަ މަސައްކަތުން ރާއްޖެއިންވަނީ ބޮޑު ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. ރާއްޖެއަށް މިއަދު 5 ލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކޮށްފައިވާއިރު ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު މަރޗް މަހުގެ ތެރޭގައި ބަންދުކުރަން ޖެހުމާއި، މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާޢަތަށް އައި ހީނަރުކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް އައި ބޮޑު ހީނަރުކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ހަލުވިވެގެންދާ އެއް ސަބަބަކީ ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ އެންމެންގެ ބައިވެރިވުން މިކަމުގައި އޮތް މިންވަރު ކަމަށްވެސް ޓޫރިޒަމް މިނިސްޓަރ ފާހަގަ ކުރައްވައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއިން ވަނީ މިއަހަރު ހާސިލްކޮށްފައެވެ. ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.